ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރަަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ 10 ޖަހާއިރު އިއުލާނު ކުރަން ފަށާނެ ކަމަށެވެ. ކޮމިޝަނުން ކުރިން މަސައްކަތް ކުރީ އިއްޔެ ހަވީރު ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާށެވެ.
ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރަން ފަށާއިރު ބައެއް ވޯޓްފޮށިތައް އަލުން ގުނައި ދިނުމަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ. އެއީ މާލޭގެ ފަސް ވޯޓް ފޮއްޓަކާއި އައްޑޫގަައި ބެހެއްޓި ހަތަރު ވޯޓް ފޮއްޓެކެވެ. އެމްޑީޕީން ބުނީ އަލުން ވޯޓް ފޮށިތައް ގުނައިފިނަމަ އެ ދެ ސިޓީން އިތުރު ގޮނޑިތަކެއް ލިބޭނެ ކަމަށެވެ.
މިދިޔަ އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑު ނާކާމިޔާބެއް ލިބުނީ މާލޭ ސިޓީންނެވެ. މާލޭސިޓީއަށް އިދިކޮޅު ކޯލިޝަނުން ކުރިމަތިލި 14 ކެންޑިޑޭޓުންވެސް އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯދާފައިވާކަން މިހާތަނަށް އާންމުކުރި ނަތީޖާތަކުން ވަނީ ހާމަވެފައެވެ. މާލޭގެ މޭޔަރު ކަމަށް އިންތިހާބުވީވެސް އިދިކޮޅު ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒު އެވެ.
އަައްޑޫ ސިޓީ ކައުންސިލްގެ ސާފު މެޖޯރިޓީވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. ނަމަވެސް މުޅި އިންތިހާބުން އެމްޑީޕީން ހޯދި ކާމިޔާބު ރަނގަޅެވެ.