ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ބޮޑު އިންތިހާބުގެ ކެންޕެއިން ނިންމާލައިފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކުރަމުން އައި ކެންޕެއިން ނިންމާލައިފި އެވެ. އިންތިހާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިހާބު އޮންނަ ދުވަހުގެ ކުރީ ދުވަހު އިރުއޮއްސި ހައެއް ޖެހުމާއެކު ކެންޕެއިން ކުރުން މަނާވާނެ އެވެ. މަނާ ވަގުތު ކެންޕެއިންގެ އެއްވެސް ކަމެއް ކުރުމަކީ ގާނޫނީ ކުށެކެވެ.

ހައެއް ޖެހުމާއެކު އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އިންތިހާބުގެ ކެންޕެއިން "ބަންދު" ވެފައިވާކަން އިއުލާނު ކޮށްފައެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވަނީ ހުރިހާ ކެންޑިޑޭޓުންވެސް އަދި ސިޔާސީ ޕާޓީތަކުންވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މާދަމާ އޮންނަ އިންތިހާބު ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކާއި ކެންޑިޑޭޓުން އަދި އާންމު ރަައްޔިތުންގެ އެހީތެރިކަމަށް ވަނީ އެދިވަޑައިގެންފައެވެ.

ޝަރީފް ވިދާޅުވީ ކެންޕެއިން ހަރަކާތެއް ހިނގާނަމަ އެކަމުގެ ޝަކުވާ ކޮމިޝަނަށް ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި ހުށައަޅާ ޝަކުވާތައް ބަލާ ކޮމިޝަނުން ޖަވާބުދެމުންދާނެ ކަމަށެވެ.

މާދަމާގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އެއީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުން ކެންޑިޑޭޓުން ނެރެއެވެ. އަދި އަމިއްލަ ގޮތުން ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ދެ އިންތިހާބަށް 1476 ކެންޑިޑޭޓުން ނެރެފައިވެއެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 826 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 650 ކެންޑިޑޭޓުންނެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. ދެ އިންތިހާބަށް އެ ޕާޓީން ނެރެފައިވަނީ 1146 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 647 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 499 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން

  • އެމްޑީޕީ - 826 ކެންޑިޑޭޓުން
  • ޕީޕީއެމް - 647 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ - 115 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ - 28 ކެންޑިޑޭޓުން
  • އެމްޑީއޭ - 20 ކެންޑިޑޭޓުން
  • އެމްއާރްއެމް - 15 ކެންޑިޑޭޓުން
  • އެމްއެލްއެސްޑީޕީ - 4 ކެންޑިޑޭޓުން
  • ޑީއާރުޕީ - 1 ކެންޑިޑޭޓް
  • އަމިއްލަ ގޮތުން - 609 ކެންޑިޑޭޓުން

މިފަހަރުގެ އިންތިހާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ނަން ނެގި އިންތިހާބެވެ. އެހެން ދިމާވީ އިންތިހާބު ނުބޭއްވި އަހަރު ދުވަސް ވުމާއި ގުޅިގެންނެވެ. ނަން ނެގި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 118 ކެންޑިޑޭޓަކު ނަން ނަގާފައިވެއެވެ. އެއީ ކައުންްސިލް އިންތިހާބުން 50 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުން 68 ކެންޑިޑޭޓުންނެވެ.

ޕީޕީއެމްގެ 47 ކެންޑިޑޭޓުން ނަން ނަގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބުން 31 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުން 16 ކެންޑިޑޭޓުންނެވެ. ދެން އެންމެ ގިނައީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީން ކުރިމަތިލި 22 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އެއީ ކައުންސިލް އިންތިހާބަށް ކުރިމަތިލި 12 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ކުރިމަތިލި 10 ކެންޑިޑޭޓެކެވެ.

ދެ އިންތިހާބުން 308 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އެއީ ކައުންސިލްތަކަށް ކުރިމަތިލި 169 ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލި 308 ކެންޑިޑޭޓެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު

  • އެމްޑީޕީ - 650 ކެންޑިޑޭޓުން
  • ޕީޕީއެމް - 499 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ - 46 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ - 25 ކެންޑިޑޭޓުން
  • އެމްޑީއޭ - 19 ކެންޑިޑޭޓުން
  • އެމްއާރްއެމް - 4 ކެންޑިޑޭޓުން
  • އަމިއްލަ ގޮތުން - 427 ކެންޑިޑޭޓުން