ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އާންމު ކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރަން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތައް ކަމަށް ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން ކޮމިޝަނުން ކަނޑައެޅި އުސޫލުގެ ދަށުން ފޯމުގައިވާ މައުލޫމާތުގެ ތެރެއިން މީހެއްގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރު ކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭ ގޮތަށް މިއަދު ވަނީ އާންމު ކުރަން ފަށާފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެ މީހުންގެ މައުލޫމާތު ޝަކުވާއަށް ހުޅުވާލާ އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ މީހުންގެ މޯބައިލް ނަންބަރަށް މެސެޖުވެސް ވަނީ ކޮށްފައެވެ.
ކޮމިޝަނުން މިއަދު އާންމު ކުރި ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް މޭ، 29 އިގެ މެންދުރު ފަހުގެ 3:00 ގެ ކުރީން ކޮމިޝަނުގެ މައި އިދާރާއަށް ފޯމު ހުށަހަޅައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް، [email protected] އަށް ފޯމު ފޮނުވައިގެން ސާފު ކުރުމަށް އެދިފައި ވެއެވެ.
މިއަދު އާންމުކުރި ލިސްޓްގައި ހިމަނާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ 245 ފޯމާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ 105 ފޯމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ 23 ފޯމް ހިމަނާފައި ވެއެވެ.