އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
އީސީ އިން މިއަދު ހާމަކުރި ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 58،035 މެންބަރުންނެވެ.
ދެން އެންމެ މެންބަރުން ގިނަ ޕާޓީއަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. ޕީޕީއެމްގައި ތިބީ 38،831 މެންބަރުންނެވެ.
ޖުމްހޫރީ ޕާޓީއަކީ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. އެ ޕާޓީގެ ދަފުތަރުގައި ތިބީ 22،705 މެންބަރުންނެވެ.
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގައި ތިބީ 10،227 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު
- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 58،035 މެންބަރުން
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) - 38،831 މެންބަރުން
- ޖުމްހޫރީ ޕާޓީ (ޖޭޕީ) - 22،705 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 10،227 މެންބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 9،729 މެންބަރުން
- އަދާލަތު ޕާޓީ - 9،595 މެންބަރުން
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 3،139 މެންބަރުން
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) - 3،014 މެންބަރުން
- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) - 2،892 މެންބަރުން
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދު ހާމަކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ހާމަކުރި އަދަދުތަކަށް ބަލާއިރު އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީ ފިޔަވާ އެހެން ހުރިހާ ޕާޓީއެއްގެ މެންބަރުންގެ އަދަދުވެސް ވަނީ ދަށްވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔުާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި ޖޭޕީއާއި، އެމްއާރްއެމްއާއި އަދާލަތު ޕާޓީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓިތަކެވެ. ޕީޕީއެމް އާއި ޕީއެންސީ އަކީ އެކުގައި މަސައްކަތް ކުރާ އިދިކޮޅު ކޯލިޝަނެވެ. އެމްއެންޕީ އަކީ އިދިކޮޅު ޕާޓީއެއް ކަމަށް އިއުލާންކޮށްގެން އަމިއްލައަށް މަސައްކަތް ކުރާ ޕާޓީ އެކެވެ. އަދި އެމްޑީއޭ އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށް ނިންމާފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީ އެވެ.