ހާއްސަކޮށް އިންތިހާބުތަކާ ގުޅިގެން، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިސާއާއި ވަސީލަތްތައް އެއިރެއްގައި ވެރިކަން ކުރާ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބޭނުންކުރާކަމުގެ ގިނަ މައްސަލަތަކެއް ފާހަގަވަމުންދިޔަ ނަމަވެސް، އެކަން ތަކުރާރުވަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
"ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުން"ގެ ނަމުގައި އޭސީސީން ކުރި ދިރާސާއަކަށްފަހު އާއްމުކޮށްފައިވާ ރިޕޯޓުގައި ޕާޓީތަކަށް ލިބޭ ފައިސާ އާއި އެހީގެ އިތުރުން ހަރަދު ކުރުމުގައި އެކަށީގެންވާ އުސޫލެއްނެތް ކަމުގެ ބޮޑެތި މައްސަލަތައް ވަނީ ފާހަގަކޮށްފައި އެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހުރި ބައެއް ބާގަނޑުތަކުގެ ސަބަބުން ހަރުދަނާ ގޮތެއްގައި އެކަންކަން ބެލުމުގެ ބާރު ލިބިދީފައިވާ އިލެކްޝަންސް ކޮމިޝަން (އޭސީސީ)އަށް އެފަދަ ކަންކަން ބަލައި، ފިޔަވަޅު އެޅުމަށް ހުރި ހުރަސްތަކަށްވެސް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.
މައިގަނޑު ގޮތެއްގައި 2017 އިން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ޕާޓީތަކުގެ އިތުރުން އީސީން ލިބެންހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ބޮޑެތި ހަ މައްސަލައެއް ވަނީ ފާހަގަކޮށްފައި އެވެ.
ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ފުރުސަތު މިގޮތަށް ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރުމަށް ހުޅުވިފައިވާ ފުރުސަތެއްއޭސީސީގެ "ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުން" ރިޕޯޓު
މިގޮތުން، ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދުކުރުމާއި ސިޔާސީ ޕާޓީތަކުން ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރުމަކީ ތަކުރާރުވަމުންދާ މައްސަލައެއްކަމަށް އޭސީސީން ބުންޏެވެ.
އެކަމާ ގުޅިގެން ރިޕޯޓުގައި ބުނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ކެންޑިޑޭޓުންނަށް ފައިސާއާއި ވަސީލަތްތައް ހަރަދުކުރުމާއި، ދޫކުރުމާ ގުޅޭ 37 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
މިގޮތުން، އެފަދަ މައްސަލަތަކުން ބައެއް މިސާލުތައްވެސް ރިޕޯޓުގައި ހިމަނައިފައިވާއިރު، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ތެރެއިން އޭރު ވެރިކަމުގައި އޮތް ޕާޓީގެ ކެމްޕޭނަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ދިދަ އާއި ގޮނޑިފަދަ ތަކެތި ފޯރުކޮށްދީފައިވާކަމަށް އޭސީސީން ބުނެފައިވެ އެވެ.
ކޮމިޝަނުން އިތުރަށް ބުނީ އިންތިހާބާ ބެހޭ އާންމު ގާނޫނުން ކެނޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައި ވީނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދުކުރުމަކީ ސިޔާސި ޕާޓީ ގެ ގާނޫނުގައި ސިދާ މަނާނުކުރާ ކަމަށެވެ.
ގާނޫނުގައި އެކަން އެގޮތަށް އޮތުމުގެ ސަބަބުން، ސިޔާސި ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެނޑިޑޭޓުންގެ ކެމްޕޭނަށް ހަރަދުކުރުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އަދި އެފަދަ ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށްވެސް ބުނެފައިވެ އެވެ.
"މީގެ ތެރޭގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ ޕާޓީއެއްގެ ކެންޑިޑޭޓަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ހުޅުމާލޭގެ ބިންތަކާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް ބޭނުންކުރުމާގުޅޭ މައްސަލަ ފާހަގަކޮށްލެވޭ،" ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން، ބައެއް ސިޔާސީ ޕާޓީތަކުން، ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިދުމަތް ދަރަންޏަށް ހޯދުމަށްފަހު ފައިސާ ދައްކާފައިނުވުމުގެ ތުހުމަތުތައްވެސް ފެންމަތިވެފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އިތުރަށް ބުނީ ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއެއްގެ ނުފޫޒު އޮތުމަށް މެދުވެރިވާ އެންމެ ބޮޑު
ސަބަބަކީ ކުންފުނިތަކުގެ ބޯޑަށް ދައުލަތުން އައްޔަންކުރަންޖެހޭ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، އެފަރާތްތައް އައްޔަންކުރުމުގައި އަމަލު ކުރަންޖެހޭ ހަރުދަނާ އުސޫލުތައް އެކުލަވާލެވިފައިނުވާތީކަން ފާހަގަކުރެވޭ ކަމަށެވެ.
"އެހެންކަމުން، ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ފުރުސަތު މިގޮތަށް ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރުމަށް ހުޅުވިފައިވާ ފުރުސަތެއް،" ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ މައްސަލަތައް ހައްލުކުރަން ކޮމިޝަނުން ވަނީ އެ ރިޕޯޓުގައި ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.
މިގޮތުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި އިސްލާހުކުރަން ހުށަހަޅާފައިވަނީ، އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ކެނޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައިވާފަދައިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދުނުކުރެވޭނެކަން ސިޔާސީ ޕާޓީގެ ގާނޫނުގައި ސީދާ ބަޔާން ކުރުމަށެވެ.
އަދި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ދަރަންޏަށް ފައިސާ ނެގޭނެ ގޮތްތަކާއި ދަރަންޏާމެދު ޒިންމާވާނެ ފަރާތްތައް ތަފްސީލުކޮށް ބަޔާންކުރުމާއި އަދި ޕާޓީގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ތެރޭގައި ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާއާއި ދަރަނިދިން ފަރާތުގެ މައުލޫމާތު ބަލަހައްޓައި ގަވާއިދުން އެ މައުލޫމާތު އާންމުކޮށް ޝާއިއުކުރުމަށްވެސް ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ ބޯޑަށް ދައުލަތުން އައްޔަންކުރަންޖެހޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، އެފަރާތްތައް
ޢައްޔަންކުރުމުގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތައް އެކުލަވާ ލާ ތަންފީޒުކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުންނިތަކުން ހިންގާ ހާރަކާތްތަކުގައި ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ނުކުރެވޭގޮތަށް އުސޫލުތައް ބައްޓަންކުރަން އޭސީސީން އެ ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ.