ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގާނޫނު އަސާސީ އިސްލާހު ކުރުން

ހޯމަ ދުވަހު ދަންވަރު ގާނޫނު އަސާސީގެ އިސްލާހަށް ވޯޓަށް އަހަނީ

އަންނަ ހޯމަ ދުވަހުގެ ދަންވަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވައި އާ ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް ވޯޓަށް އަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ލަފައަށް ރިޔާއަތްކޮށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލު ބަދަލުކޮށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ކަމަށް އިންތިގާލީ މާއްދާއެއް ހިމަނަން މުޅި މަޖިލީހުގެ ކޮމިޓީއަކުން ރޭ ފާސްކުރި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ބުދު ދުވަހަށް ހަމަވެ އެވެ. މުޅި މަޖިލީހުގެ ކޮމިޓީން ރޭ ފާސްކުރީ އިންތިގާލީ މާއްދާގައި އެ ދުވަހުގެ ފަހުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ ގަވާއިދުގައިވާ މުއްދަތުގެ ކުރިން ކޮމިޓީ ރިޕޯޓް ތާވަލު ކުރަން އެއްބަސްނުވާ ކަމަށް މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު ތާވަލުކޮށް ވޯޓަށް އެހެން ގަވާއިދުގެ ތެރެއިން ޖާގަ ލިބޭ އެންމެ އަވަސް ވަގުތަކީ އަންނަ ހޯމަ ދުވަހުގެ ދަންވަރު ކަމަށެވެ. އެހެންކަމުން އެ ދުވަހުގެ ރޭގަނޑު 11:00 ގައި މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ލަސްވީ އެމްޑީޕީގެ މެންބަރުންގެ މެދުގައި މި ކަމުގައި ހިޔާލު ކަފިވުން ބޮޑުވުމާ ގުޅިގެނެވެ. ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އެވެ. ބައެއް މެންބަރުން ބޭނުންވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުނީ ވެސް މި ކަމާ ގުޅިގެނެވެ.

ސުޕްރީމް ކޯޓުގެ ލަފާ ދީފައި ވަނީ ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ނުވަތަ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އެއްބަސްވެވުނެވެ.