ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ގާނޫނު އަސާސީގެ އިސްލާހު އަވަސްކުރަން މައިނޯރިޓީ ލީޑަރު އެއްބަހެއް ނުވި

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެއްބަސްވެ ވަޑައެއްނުގެންނެވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ކައުންސިލަރުން މަގާމުގައި ތިބެވޭނެ ކަމަށް ބަޔާން ކުރާ އިންތިގާލީ މާއްދާއެއް އިތުރު ކުރަން ރޭ ފާސްކުރި އެވެ. ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް އެ ބަދަލު ގެނައީ ސުޕްރީމް ކޯޓުން ދިން ލަފައަށް ރިއާޔަތްކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރަން މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމްއާ އެތައް ފަހަރެއް މަތިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެފައި ނުވާ ކަމަށެވެ.

"މަޖިލީހުގެ މައިނޯރިޓީ ލީޑަރު މިހާރު މަޖިލީހުގެ އިދާރާއަށް އަންގާފައިވޭ، މައިނޯރިޓީ ލީޑަރު އެއްބަސްނުވަމޭ މަސައްކަތް އަވަސް ކުރަން، ބޭނުންފުޅު ވަނީ ގަވާއިދުގައި މިހާރު އޮންނަ ގޮތަށް ކުރިއަށް ދާން ކަމަށް، އެހެންކަމަށް ވާނަމަ ރިޕޯޓްގެ ބަހުސް ފެށޭނީ ގަވާއިދުގައި މިހާރު އޮތް ގޮތަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. އެ ތާރީހަށް ކައުންސިލް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތެވެ. އެ އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމުގެ ގޮތުން ކައުންސިލަރުންގެ ދައުރު ބަޔާން ކުރާ ގާނޫނު އަސާސީގެ މާއްދާއަށް އިސްލާހު ގެންނަން ސަރުކާރުން ބިލެއް ފޮނުވި އެވެ.

ސުޕްރީމް ކޯޓުން ލަފާ ދީފައި ވަނީ ސަރުކާރުން ފޮނުވި ގޮތަށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 231 ވަނަ މާއްދާގައި ހިމެނޭ ކައުންސިލަރުންގެ ދައުރުގެ މުއްދަތުގެ މާއްދާ އެކަނި ބަދަލުކޮށްފިނަމަ އެ މާއްދާގެ އެހެން ބައިތަކާ އަރައިރުން ވާނެ ކަމަށެވެ. ލާމަރުކަޒީ ބާބުގެ އެ މާއްދާ އެކަނި ބަދަލު ނުކުރެވޭ ކަމަށް ވެސް ލަފާގައި ބުނެ އެވެ.

އެހެންކަމުން ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ ބާބެއް ނުވަތަ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ކައުންސިލަރުން އިންތިހާބު ކުރުމުގެ އުސޫލުތައް ބަޔާން ކުރާ 231 ވަނަ މާއްދާއަށް އިތުރު އިންތިގާލީ މާއްދާއެއް ހިމަނައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެ ކޯޓުން މަޖިލީހަށް ލަފާ ދިނެވެ.

ކޯޓުގެ ލަފައަށް ރިއާޔަތްކޮށް ރޭ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ހާޒިމް ހުށަހެޅުއްވީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އެ މާއްދާގައި ކައުންސިލަރުން ތިބެވޭނެ ކަން ބަޔާންކޮށް، އޭގެ އުސޫލެއްގެ ގާނޫނެއް ފާސްކުރަން ބަޔާންކުރުމަށް ހުށަހެޅުއްވި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ ވޯޓުން އެ ގޮތަށް ރޭ ފާސްކުރި އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު މަޖިލީހުގެ ތަޅުމުގައި އަދި ވޯޓަކަށް އަހަން ޖެހެ އެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ފާސްވާނީ އެ ވޯޓުގެ އަޣުލަބިއްތުންނެވެ.

އެމްޑީޕީގެ ތެރޭގައި މި ކަމުގައި ހިޔާލު ދެކަފިވެގެން މަސައްކަތް ލަސްވިއިރު، ސުޕްރީމް ކޯޓުގެ ލަފާގެ ފަހުން އޭގައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ހުރިހާ މެންބަރުން ތާއީދު ކުރެއްވި އެވެ. އަދި އެ އިސްލާހުގެ ދަށުން ސަންސެޓް ގާނޫނެއް ފާސްކުރަން ވެސް އެމްޑީޕީގެ މެންބަރުންނަށް އެއްބަސްވެވުނެވެ.