ކޮވިޑްގެ ބަލިމަޑުކަމާއެކު "ނިއު ނޯމަލް" ގެ ހަމަތަކުގައި އެޗްޕީއޭގެ އިރުޝާދުތަކާއެކު މަޖިލީހުން ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ބަލިމަޑުކަމާއެކު ދިރިއުޅެން އާދަ ކުރަން ޖެހިފައިވާ އާދަކާދަތަކުގެ މިސާލު ރައްޔިތުންނަށް ދައްކަން ތިއްބެވި އެއް ބަޔަކީ މަޖިލީހުގެ މެންބަރުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގައިދުރު ކުރުމުގެ ހަމަތަކުގެ ތެރެއިން މާސްކް އަޅުއްވައިގެން ތަޅުމުގައި އެ މިސާލު މެންބަރު ދައްކަވައިފި އެވެ.
ނަމަވެސް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބޮޑު ނިންމުމެއް ރައްޔިތުންގެ މަޖިލީހުން ނިންމަން ރޭގެ ދަންވަރުގެ ވަގުތުގައި ތަޅުމަށް އެއްވުމަށް ފަހު، ފެނިގެން ދިޔައީ ގައިމު ވެސް ރައީސް ނަޝީދު ވިދާޅުވި މަންޒަރެއް ނޫނެވެ. ބައެއް މެންބަރުންގެ ސިޔާސީ ޖޯޝާއެކު އެ އިރުޝާދުތަކުގެ މަތިން ހަނދާން ނައްތާލި އެވެ. ތިއްބެވީ ނުރައްކާތެރި ބައްޔަކާ ހެދި މުޅިން އާ ގޮތަކަށް ދިރިއުޅެން ޖެހިފައި ކަމެއް އެ މެންބަރުންގެ ވިސްނުމަކަށް ނައެވެ.
ރޭގެ ޖަލްސާ ފެށިގެން އައީ އާދައިގެ މަތީން ރައީސް ނަޝީދުގެ ދިގު ވާހަކަފުޅުންނެވެ. ފުރަތަމަ ރައްޔިތުންނަށް މައާފަށް އެދިވަޑައިގެންނެވީ އެވެ. ރޭގަނޑުގެ އެ ދަން ވަގުތުގައި ޖަލްސާ ބާއްވަން ޖެހުމުންނެވެ. ދެން އެމަނިކުފާނު ކަން ކުރައްވާ އުސޫލުން، ވާދަވެރި ފަރާތްތައް ގޯސް ކުރައްވަން ފެއްޓެވީ އެވެ. ވިދާޅުވީ އެ ވަގުތު ޖަލްސާ ބާއްވަން ޖެހުނީ މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައި ނުގަތުމުންނެވެ. އެހެންވެ އެއަށްވުރެ އަވަހަށް އެ އެޖެންޑާ ކުރަން ގަވާއިދު ތަން ދުނީ އެވެ. އިދިކޮޅުގެ އެ އަމަލު ސިފަ ކުރެއްވީ "ޒިންމާދާރުކަން ކުޑަ" އަމަލެއްގެ ގޮތުގަ އެވެ.
އެއާއެކު އާންމުކޮށް ވެސް އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް އަޑުހަރުކޮށް ރައްދު ދެއްވައި، ތަޅުމުގައި އަޑުގަދަ ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. ނަޝީދުގެ ވާހަކައަށް ޝިޔާމް ހުރަސް އަޅަން މަސައްކަތް ކުރެއްވުމުން ޝިޔާމްގެ ނަން އިއްވުމަށް ފަހު ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އެންގެވި އެވެ. ޝިޔާމް އެ ކަމަށް ދެކޮޅު ހެއްދެވީ އެވެ.
ޝިޔާމްގެ އެ އަމަލަށް ބަލަހައްޓަވައިގެން އެމްޑީޕީގެ މެންބަރުންނަކަށް ނުތިއްބެވުނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ނުރުހިފައި ޝިޔާމް ވަށާލައި އަޑު ގަދަ ކުރެއްވި އެވެ. ޝިޔާމާއި އެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވުނެވެ. ފަހުން ޝިޔާމް ތަޅުމުން ނެރުނީ އެމްޑީޕީގެ ބައެއް މެންބަރުން އޭނާގެ ގައިގާ އަތްލައި އޮޅުލައިގެނެވެ.
ގާގައި އަތްނުލާން ކައިރީގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި ބައެއް އަމިއްލަ މެންބަރުން ގޮވަމުން ގެންދެވި އެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ އެ ވީޑިއޯތަކުގައި ފެންނަ ގޮތުން ތަޅުމުން ޝިޔާމް ބޭރަށް ނެރުމުގެ ތެރޭގައި އޭނާއަށާއި އަދި އެ ކަމުގައި އުޅުއްވި އެމްޑީޕީ ބައެއް މެންބަރުންނަށް އަނިޔާ ވި އެވެ. މަޖިލީސް ރައީސް ވެސް ގެންދެވީ އެތާނގައި އަޑު ގަދަ ކުރައްވަމުންނެވެ. ވީޑިއޯތަކުން ވިދާޅުވާ އެއްޗެއް މާ ބޮޑަކަށް ސާފެއް ނުވެ އެވެ.
ރައީސް ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ މެންބަރުން ރޭގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވުމަށް ފަހުގައި ޝިޔާމް ވަނީ ލިބުނު އަނިޔާތަކެއް ފަރުވާ ހޯއްދަވަން އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފަ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ މަރާމާރީއެއް ހިންގެވީ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި އެ މައްސަލަ ހަމައެކަނި ފުލުހަށް ހުށަހަޅައިގެން ނިންމައެއް ނުލާނެ އެވެ. އދ. އަށާއި އިންޓަ ޕާލިމެންޓްރީ ޔުނިއަނަށް ވެސް އެ މައްސަލަ ގެންދާނެ އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މަޖިލީހުގައި ހިންގާފައި ވަނީ މާރާމާރީއެއް، މަޖިލީހުގެ ރައީސް ވެސް ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށް އެމަނިކުފާނުގެ ޕާޓީގެ މެންބަރުންނަށް އިރުޝާދު ދެއްވަމުން ގެންދެވީ، މިއީ ދޫކޮށްލެވޭ ވާރުގެ އާދައިގެ ކަމެއް ނޫން، އިންޓަ ޕާލިމެންޓްރީ ޔުނިއަނަށް ވެސް، އދ. އަށް ވެސް މި މައްސަލަ ގެންދާނަން،" ޝަރީފު ވިދާޅުވި އެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން އެމްޑީޕީގެ ބައެއް މެންބަރުންނަށް އަނިޔާވި ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. ތަޅުމުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ފަޔަށް ކޮންމެވެސް ވަރަކަށް އަނިޔާތަކެއް ލިބިފައިވެ އެވެ. އީސަގެ ފައި ކޮންމެ ވެސް ވަރަކަށް ޒަހަމްވެ، ލޭ އައިސްފައި ހުރި މަންޒަރުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑީއާގައި އުޅުނުވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނިންމާނީ މަޖިލީހުންނެވެ. މެންބަރަކު ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާނަމަ މެންބަރުގެ ނަން އިއްވައި ބޭރަށް ވަޑައިގަންނަވަން އެންގެވުމުގެ ފުރުސަތު ރިޔާސަތަށް އޮވެ އެވެ. ނަމަވެސް ގަވާއިދުގެ ބޭރުން މަޖިލީސް ހިސޯރު ކުރަން ވެސް ފުރުސަތެއް ނުދެވޭނެ އެވެ.
"ފުރުސަތު ދިނިން ވާދަވެރި ފަރާތްތަކަށް އިސްލާހު ވެސް މި ބިލަށް ހުށަހަޅަން. ވެގެން މި އުޅޭ ގޮތަކީ އެ ބޭފުޅުންގެ ކައުންސިލަރުންނަށް ވުރެ ވެސް ރައީސް ޔާމީން މުހިއްމުވީ، ކައުންސިލަރުންނަށްވުރެ އިސް ކުރަނީ ވެސް ރައީސް ޔާމީން،" ތަޅުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދަށް ބަލާއިރު ދެ ފަރާތުން ވެސް ކަން ކޮށްފައިވާ ގޮތް ރަނގަޅެއް ނޫނެވެ. މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭނަމަ މެންބަރުގެ ނަން އިއްވުމަށް ފަހު ތަޅުން ދޫކުރައްވާ ވަޑައިގަންނަވަން ރިޔާސަތަށް އެންގޭނެ އެވެ. ރިޔާސަތުގެ އެ އެންގުމަށް މެންބަރު ކިޔަމަން ވާން ޖެހޭނެ އެވެ. ރީތި ގޮތަކީ "ޑްރާމާ ނުކުޅެ" ގަވާއިދަށް އަމަލު ކުރުމެވެ. ހަމަ އެ ގޮތަށް ރިޔާސަތުން ވެސް ފުރަތަމަ ޖެހޭނީ ނަން އިއްވައި މެންބަރަށް ނަސޭހަތްތެރިވާށެވެ. ރޭގެ ޖަލްސާ ފެނުނީ މި ދެކަމާ ވެސް މުޅިން އިދިކޮޅަށެވެ.
ގަވާއިދުގައި ބުނާ ގޮތުން މެންބަރެއްގެ ނަން އިއްވުމުން ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އެންގެވުމުން އެ ކަމަށް ދެކޮޅު ހައްދަވައިފިނަމަ ދެން އޮންނަނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށް ތަޅުން ދޫކުރައްވަން އެންގުމެވެ. އަދި ސާޖެންޓް އޮފް އާމްސް މެދުވެރިކޮށް މެންބަރު ތަޅުން ނެރެން މަސައްކަތް ކުރުމަށެވެ. އެކަމަކު ބަޔަކަށް އަނިޔާ ލިބޭ ގޮތަށް އެއިން ކަމެއް ކުރާކަށް ނޯވެ އެވެ. އަދި އެހެން މެންބަރުން ގޮސް އެ މެންބަރުއްގެ ގައިގައި އަތްލާފައި ތަޅުން ނެރޭކަށް ވެސް ގަވާއިދުގައި ބުނެފައެއް ނުވެ އެވެ.
ދެން އޮތީ އާންމުންގެ ތެރޭގައި އޮތް ޝަކުވާ އެވެ. މުޅި ދުނިޔެއާއި ރާއްޖެ މި އޮތީ ބޮޑު ބަލިމަޑުކަމެއްގެ ހާލަތުގަ އެވެ. މި ދަނޑިވަޅުގައި އެއްވުންތައް ނުބާއްވަން އިރުޝާދު ދީފައި ވަނިކޮށް، މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެ، އެ ގޮތަށް އެހާ ގާތް ވެގެން ރޭގައި އުޅުމުން ގިނަ ބަޔަކު ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅު ކުރި އެވެ. އެ އިރުޝާދުތަކަށް މެންބަރުން ހިލާފުވުމުން އޮތީ ކޮން ފިޔަވަޅެއްތޯ ވެސް ބައެއް މީހުން ސުވާލުކޮށް ޕޯސްޓް ކޮށްފައިވެ އެވެ.
"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ކަނޑައަޅާފައިވާ އުސޫލުތަކާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަނޑައެޅިގެން ޚިލާފުވާއިރު އެ މެންބަރުންނަށް ފިޔަވަޅު އަޅަން ކެރޭނެ މުއައްސަސާއެއް އޮބަ އޮތް ހެއްޔެވެ؟ އާންމު މީހަކު އެތައް ރުފިޔާއިން ޖޫރިމަނާ ވެސް ކުރެ އެވެ." މީހަކު ޓްވީޓާގައި ލިޔެފައިވެ އެވެ.
މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވާ ގޮތަށް އަލުން ޖަލްސާތައް ބާއްވަން ނިންމުމުން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
"ގައިމު ވެސް ވެބްކޮންފެރެންސް މެދުވެރިކޮށް ޖަލްސާ ބޭއްވިނަމަ މިހެނެއް ނުވީސް، ނަން އިއްވި މެންބަރު ޖެހޭނީ ހަމައެކަނި މިއުޓް ކޮށްލަން. ބަޔަކަށް އަނިޔާވެ ސް ނުވިސް. ގެއްލުމެއް ވެސް ނުވީސް. މެންބަރުން އެހާ ގާތްވެ އުޅޭކަށް ވެސް ނުޖެހުނީސް. މިހިރަ ކަންބޮޑުވުންތައް ވެސް ނެތިސް." ޓްވީޓާގައި އެހެން މީހަކު ލިޔެފައިވެ އެވެ.
ވާދަވެރި ޕާޓީތަކުގެ މެންބަރުންގެ މެދުގައި ބަހުސް ހޫނުވެ، ކުރީގެ މަޖިލިސްތަކުގައި މި މަންޒަރަކީ އާންމު މަންޒަރެކެވެ.
މިދިޔަ މަޖިލީހުގައި އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރުމުން ސިފައިން މެދުވެރިކޮށް އެެ އިމާރާތުން މެންބަރުން ނެރެފައިވެ އެވެ. އޭރު ބުނަމުން ދިޔައީ މަޖިލިސް ހޫނުވެގެން ދަނީ އިހުތިޖާޖު ކުރަން މެންބަރުންނަށް އެ ގޮތަށް ފުރުސަތު ވެސް ނުދޭތީ އެވެ. ރޭގައި ދެން އެ ފެނުނީ ކޮން މަންޒަރެއް ހެއްުޔެވެ؟
ދައުލަތާއި ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ޖެހޭ ގާނޫނުތައް ހަދާ މަޖިލީހުގައި ރައްޔިތުން އިންތިހާބުކޮށްފައިވާ "އިއްޒަތްތެރި" މެންބަރުންގެ ފަރާތުން މިފަދަ މަންޒަރުތައް ފެންނާތީ ބޮޑެތި ފާޑުކިއުންތައް އަބަދުވެސް އަމާޒުވެ އެވެ. ރޭގެ ޖަލްސާއިން ފެނުނު މަންޒަރާއެކު މިހާރު ހިނގާ މަޖިލީހަށް ވެސް އެ ފާޑުކިއުންތައް އޮތް ކަން ސޯޝަލް މީޑިއާއިން ވަރަށް ސާފުކޮށް އެ އޮތީ ފެންނާށެވެ.
އެމްޑީޕީއާއި ރައީސް ނަޝީދު ލީޑް ކުރައްވާ މަޖިލިސް ތަފާތުވާނެ ކަމަށް އަޑުހަރުކޮށް އެ މަނިކުފާނު ވިދާޅު ވިޔަސް އެ ތަފާތެއް ނުފެނުނެވެ. މަޖިލިސް 19 އަށް އަހަރެއްވުމާއެކު އައިސް މި ޖެހުނީ ހަމަ ކުރިން އޮތް ތަނުގަ އެވެ. ގާނޫނަކާއި ގަވާއިދަކާއި އުސޫލެއް ވިއްޔާ ވީ ލިޔުމެއްގައި އޮތް އެއްޗަކަށެވެ. ތަންފީޒެއް ނުކުރެވުނެވެ. ފެނުނީ ކުރިން ވެސް ފެނުނު އަދި ރައްޔިތުން ބަލައިގެންފައި ނުވާ މަންޒަރުތަކެވެ. މި މިސާލު ކަމަކު ނުދެ އެވެ.