ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދެވި ވާހަކައަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުރަސް އެޅުމުން އޭނާގެ ނަން އިއްވައިފި އެވެ.
ނަމަވެސް ޝިޔާމް ތަޅުމުން ބޭރަށް ވަޑައިނުގަތުމުން މަޖިލީހުގެ ތަޅުމުގެ ތެރޭގައި މެންބަރުން ގެންދެވީ ގާތްވެ ޒުވާބު ކުރައްވަމުންނެވެ. އިރުތަކެއް ވަން ދެން މެންބަރުން ގާތްވެ އަޑުގަދަ ކުރައްވަމުން ގެންދެވިއިރު ޖަލްސާގެ އަޑު ވަނީ ކަނޑާލައިފަ އެވެ. ފަހުން ތަޅުމުން ޝިޔާމް ނިކުންނެވީ އެމްޑީޕީގެ މެންބަރުން އޭނާއަށް ހަމަލާދީ އަނިޔާކުރުމާއި ގުޅިގެންނެވެ.
މަޖިލީހުގެ މިރޭގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ފުރަތަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވި އެވެ. އެއީ މެންދަމުގެ މި ވަގުތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވޯޓަށް އަހަން ޖެހުމުންނެވެ.
ނަޝީދު ދެން ވިދާޅުވީ، އެ ގޮތަށް އަމަލު ކުރަން ޖެހުނީ އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެ ގޮތަށް އެއްބަސްނުވުމުން ކަމަށެވެ. އިދިކޮޅުގެ އެ އަމަލު ނަޝީދު ސިފަ ކުރެއްވީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގަ އެވެ.
"އާންމު ގޮތެއްގައި ކޮމިޓީއަށް މެންބަރުން ބޭނުން ވަނީ އިސްލާހެއް ގެނައުމަށް. އެހެން ނަމަވެސް އިސްލާހެއް ގެންނަން ހުށަހަޅާފައެއް ނެތް. އެހެންކަމުން ވާދަވެރި އިދިކޮޅު ޕާޓީތަކުން، ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކޮށްފައި ވަނީ ޒިންމާދާރު ކަން ކުޑަ ގޮތަކަށް." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވުމާ ގުޅިގެން ޝިޔާމް ވަނީ ނަޝީދުގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ފުރުސަތަކަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ނަޝީދު ވަނީ ޝިޔާމް ނަން އިއްވާފައެވެ. ކުރިން މެންބަރުންގެ ނަން އިއްވަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ނަމަވެސް އެގޮތަށް ނަޝީދު މިރޭ އަމަލު ކުރައްވާފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލަށް މުޅި މަޖިލީހުގެ ކޮމިޓީއަކުން އިސްލާހުތައް ގެނެސްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ބޭރުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
އިދިކޮޅު ކޯލިޝަނުން ފާހަގަ ކުރާ ނުކުތާއަކީ ގާނޫނު އަސާސީއަށް ނުވަތަ ގާނޫނަށް އިސްލާހު ގެންނަ ބިލެއްގައި ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނެވޭނީ އިސްލާހު ހުށަހަޅާފައިވާ ގާނޫނު އަސާސީ ނުވަތަ ގާނޫނުގެ މާއްދާ ކަމަށް ބުނެފައިވާ މާއްދާއަށެވެ.
އިދިކޮޅު ކޯލިޝަނުން އެހެން ބުނި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ ކަން ކުރީ ގަވާއިދުގެ ތެރެއިން ކަމަށެވެ. ބިލުގައި ވެސް އަދި ކޮމިޓީން ގެނައި ބަދަލުގައި ވެސް އިސްލާހު ހުށަހެޅީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބާއި އެ ބާބުގެ ކައުންސިލަރުން އިންތިހާބު ކުރުމުގެ އުސޫލު ބަޔާން ކުރާ މާއްދާއަށް ކަމަށެވެ.