ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަޖިލީހުގެ ހަމަނުޖެހުމާ ގުޅޭ ކަންކަން ދަނީ ބަލަމުން: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އެންގި އެންގުވުމަށް އޭނާ ދެކޮޅު ހައްދަވަން ފެށްޓެވުން ތަޅުމުން ބޭރަށް ނެރުނީ އެމްޑީޕީގެ ބައެއް މެންބަރުން އޭނާ ވަށާލައި ހިފައިގަނެގެން ގެންގޮސްގެނެވެ. އެ ކަމުގެ ތެރޭގައި ޝިޔާމަށާއި މަޖިލީހުގެ އެމްޑީޕީގެ ދެ މެންބަރަކަށް އަނިޔާތަކެއްވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ މެންބަރުން ރޭގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކުރި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގައި ހަމަނުޖެހުމެއް ހިނގި ކަމުގެ މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަން ފަށައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި އިދިކޮޅު މެންބަރުންގެ އެ ކުރިމަތިލުމުގައި، ގައިދުރުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވާ މިންގަނޑުތަކާ ވެސް ހިލާފުވެފައިވެ އެވެ. މިކަމާ ގުޅިގެން އެޗްޕީއޭ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުން މެންބަރެއްގެ ނަން އިއްވައި ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އެންގެވުމުން އެ މެންބަރަކު ދެކޮޅު ހައްދަވައިފިނަމަ އޮންނަނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށް އެ ކަން ކުރުމަށް މަސައްކަތް ކުރުމަށެވެ. އެކަމަކު އެހެން ބައެއް މެންބަރުން އެ ކަން ކުރުމުން ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް އޭނާ ނިސްބަތްވާ ޕީޕީއެމް އިން ވަނީ ބުނެފަ އެވެ. ރޭގެ ވަގުތެއްގައި އޭޑީކޭއަށް ވަޑައިގެން އޭނާއަށް ފަރުވާ ހޯއްދަވާފައި ވެސް ވެ އެވެ. ޕީޕީއެމް އިން ބުނީ ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.