ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވެ މާލީ ހާލަތު ގޯސްވަމުންދާ ވިޔަފާރިތަކާއި އާންމު ފަރުދުންނަށް އެހީވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކަކާއެކު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް ގަވާއިދަށް ނުފެތޭތީ އެޖެންޑާ ނުކުރަން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ލީޑަރު ސައީދުގެ އެ ބިލުގައި ޕެންޝަން ފަންޑުގެ ހައްގު ވެރިންނަށް ފައިސާ ދޫކުރުމާއި، ގެތަކުގެ ކުއްޔަށް ލުއި ދިނުމާއި، ޓޫރިޒަމް ސިނާއަތުން ވަޒީފާ ގެއްލުނު މީހުންގެ ވަޒީފާ ޔަގީން ކުރުމާއި، ޓޫރިޒަމް ސިނާއަތުގެ ބިމުގެ ކުއްލަށް ޝެޑިއުލްއެއް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދުމާައި ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައި ދެވޭނެ އިންތިޒާމުތަކެއް ފަހިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ދަރިވަރުންގެ ލޯނު ފަސް ކުރުން ފަދަ ކަންކަން ވެސް ސައީދުގެ ބިލުގައި ހިމެނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސައީދު ފޮނުވި ބިލުގައި ދައުލަތުގެ އާމްދަނީ އާއި ހަރަދާއި މާލިއްޔަށް އަސަރު ކުރާނެ ސީދާ ކަންކަން ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ ބިލު އެޖެންޑާ ކުރެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ.
ބިލު އެޖެންޑާ ނުކުރުމުން ސައީދު ކަންބޮޑުވުން ވެސް ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު މި އޮތީ އާންމު ހާލަތެއްގައި ނޫން ކަމަށާއި މި ހާލަތުގައި ހާލުގައި ޖެހޭ މީހުނަށް އެހީވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމަށް ސަރުކާރުން ވެސް އެއްބާރުލުން ދޭން ވާނެ ކަމަށެވެ.
ރައީސް ނަޝީދު ދެން ވިދާޅުވީ އެމަނިކުފާނު ވެސް އެދެވަޑައިގަންނަވަނީ މެންބަރު ސައީދުގެ ބިލު އެޖެންޑާ ކުރުން ކަމަށެވެ. އެހެން ނަމަވެސް އެ ގޮތަށް ކުރެވެން އޮތީ ގަވާއިދުގައިވާ ގޮތަށް ބިލު ބަދަލު ކޮށްގެން ކަމަށެވެ. އެ ކަމަށް ޓަކައި މަޝްވަރާ ކުރުމަށް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ބައްދަލުވުމެއް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.