ރޮޒައިނާ އާދަމް

މަޖިލީހަށް އަންހެނުން ހޮވަން އެދޭނަމަ ފައިސާ ދޭންވީ ކެމްޕޭނަށް: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު އިތުރުކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާނަމަ އަންހެން ބޭފުޅުންގެ ކެމްޕޭނަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ.

ރޮޒައިނާ މިކަމަށް އެދިވަޑައިގެންފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޑރ. މުއިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ސޯޝަލްމީޑިއާގައި މުއިއްޒު ކުރެއްވި ޕޯސްޓެއްގައި އިންތިހާބީ ރައީސް ވަނީ ޕީޕީއެމް ޕީއެންސީ އިން މަޖިލީހުގެ މަދުވެގެން 20 ޕަަސަންޓް ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ. އަދި މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

އިންތިހާބީ ރައީސް ކުރައްވާ އުއްމީދާ ގުޅިގެން ރޮޒައިނާ މިއަދު ވިދާޅުވީ މަޖިލީހަށް އިތުރު އަންހެން ބޭފުޅުން އިންތިހާބުވުމަކީ ޑރ މުއިއްޒު އިހްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމެއް ކަމަށްވާނަމަ އަންހެން ބޭފުޅުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭންވީ އެބޭފުޅުން ކެމްޕޭނަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ކަމަށެވެ.

ރޮޒައިނާ އިތުރު ވިދާޅުވީ އަންހެން ބޭފުޅުން މަޖިލީހަށް އިންތިހާބުވުމަށްފަހު މާލީ އެހީތެރިކަން ލިބޭނެ ކަމަށް ވައުދުވެވަޑައިގަތުމަކީ ބޭކާރު އަދި މަގުސަދުވެސް ގެއްލޭ ކަމެއް ކަމަށެވެ.

"އަދިވެސް ހިތަށް އަރަނީ މިފަދަ ވާހަކައެއް ވިދާޅުވީ ކީއްވެގެންބާއޭ،" ރޮޒައިނާ ސުވާލު އުފެއްދެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގައި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ އަންހެން އެއްވެސް މެންބަރަކު މިވަގުތު ނެތެވެ.