ހަބަރު

މާދަމާގެ ޖަލްސާ ވެސް އިދިކޮޅުން ބޮއިކޮޓްކޮށްފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް އިދިކޮޅު ކޯލިޝަންގެ މެންބަރުން ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން ފަހުން އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުން ބޮއިކޮޓް ކުރާ ދެވަނަ ޖަލްސާ އެވެ. މިއަދުގެ ޖަލްސާ ވެސް އިދިކޮޅު ކޯލިޝަންގެ މެންބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިދިކޮޅުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރި ގޮތަށް މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމި ސަބަބަކީ މަޖިލީހުގެ ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާ ކުރުމުންނެވެ.

ދެން ކުރިއަށް އޮތް ޖަލްސާތަކުގައި އަމަލު ކުރާނެ ގޮތެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރާނެ ކަމަށް ބުނެ އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރިއަށް އޮތް ޖަލްސާތަކާ މެދު އަމަލު ކުރާނެ ގޮތްތައް ޕާލިމެންޓްރީ ގްރޫޕްއިން ނިންމާނެ ކަމަށާއި ނިންމާ ގޮތެއް ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

ހޯމަ ދުވަހުގެ ރޭގެ ޖަލްސާގެ ތެރެއިން ތަޅުމުގައި ހަމަނުޖެހުން ހިނގަން ފެށީ ރިޔާސަތުން ޝިޔާމްގެ ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވަން އޭނާ ދެކޮޅު ހައްދަވަން ފެށްޓެވި ހިސާބުންނެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ.

ޝިޔާމަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ. ޕީޖީން މި ކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މި މައްސަލަ ޝިޔާމް ފުލުހަށް ރިޕޯޓް ކުރެއްވި އެވެ. އޭގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެހެން ވިދާޅުވެފައިވެ އެވެ. އެއާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރައްވާފައިވެ އެވެ.

ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވައިފަ އެވެ. ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާތީ ހިނގާބިނގާ ވެސް އުޅެން ދަތި ކަމަށް އޭނާ ވިދާޅުވެ އެވެ. އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދިނުމުން އެ ކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.