ހަބަރު

ފަޒުލްގެ ގަރާރު މަޖިލީހުން ބޭރެއް ނުކުރޭ: މަޖިލިސް އިދާރާ

ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެ ރަށް ހިމެނާ ފެލިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ނުކުރާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

އިދިކޮޅު ޕީއެންސީގެ މެންބަރު ފަޒުލް ހުށަހެޅުއްވި އެ ގަރާރު ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވެ އެވެ. އެ ގަރާރު އެޖެންޑާކޮށްފައިވަނީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން ޖަލްސާ ބޮއިކޮޓް ކޮށްފައި ވަނިކޮށެވެ. އެހެންކަމުން އެ ދުވަހުގެ ޖަލްސާއަށް މެންބަރު ފަޒުލް ވަޑައިގެންފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ގެންނަ ގަރާރެއްގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނީ އެ ގަރާރެއް ގެންނަ މެންބަރެކެވެ. ނުވަތަ އެ މެންބަރު ހަވާލު ކުރައްވާ އެހެން މެންބަރެކެވެ. އެހެންކަމުން އެ ދުވަހުގެ ޖަލްސާގައި ފަޒުލްގެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ބޭއްވި އެވެ.

މަޖިލީހުގެ އެ ޖަލްސާގައި އެ ގަރާރު ކުރިއަށް ގެންގޮސްފައި ނުވާއިރު އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕް އިން ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުން އެ ގަރާރު ބޭރުކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގައި މެންބަރު ހާޒިރުވެ ނެތަސް ތަޅުމުން ބޭރުކޮށްލެވޭނެ ހަމައެއް މަޖިލީހުގެ ގަވާއިދުގައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެ ދާއިރާގެ މެންބަރު ފަޒުލް ހުށަހެޅުއްވި ގަރަރު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފައި ނުވާ ކަމަށެވެ. އެ ގަރާރުގައި މަޖިލީހުގައި އެބަ އޮތް ކަމަށެވެ.

"މި ގަރާރު މަޖިލީހުން ބޭރެއް ނުކުރޭ، އަންގާރަ ދުވަހުގެ ޖަލްސާއަށް މެންބަރު ފަޒުލް ސަލާން ވިދާޅުވެ ޖަލްސާއަށް ވަޑައިގެންފައި ނުވާތީ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ،" ޒިޔާއު ވިދާޅުވި އެވެ.

ފަޒުލްގެ ގަރާރަކީ މިދިޔަ ފެބްރުއަރީ މަހު މަޖިލީހަށް އޭނާ ހުށަހެޅުއްވި ގަރާރެކެވެ. ދުވަސްތަކަކަށްފަހު އޭނާ ހުށަހެޅުއްވި ގަރާރު މަޖިލީހުގެ ޖަލްސާއެއްގައި އެޖެންޑާ ކޮށްފައިވަނީ، މަޖިލީހުގެ ޖަލްސާތައް އިދިކޮޅު ކޯލިޝަންގެ މެންބަރުން ބޮއިކޮޓް ކުރަން ފެށި ފަހުންނެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވިި ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާތަކެއް ލިބުނެވެ. ޝިޔާމަށް އަނިޔާވި ފަހުން އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އެ ޖަލްސާ ފެށުމާއެކު ޝިޔާމްގެ ނަން ރައީސް ނަޝީދު އިއްވި އެވެ. އެއީ ރައީސް ނަޝީދުގެ ވާހަކައަށް ހުރަސް އެޅޭ ގޮތަށް ޝިޔާމް އަޑުގަދަ ކުރެއްވުމުންނެވެ. ނަން އިއްވުމުން ވެސް ޖަލްސާ ދޫކުރައްވަން ވެސް ޝިޔާމް ދެކޮޅު ހެއްދެވި އެވެ. ތަޅުމުން އޭނާ ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ. އެ ކަމުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުންނަށް އަނިޔާވިއިރު ބޮޑަށް އަނިޔާވެފައި ވަނީ ޝިޔާމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މެންބަރެއްގެ ނަން އިއްވުމަށް ފަހު ތަޅުން ދޫކުރައްވަން ދެކޮޅު ހައްދަވާނަމަ މެންބަރަކު ނެރެން އޮންނަނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށެވެ. ނަމަވެސް އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންތަކެއް ޝިޔާމް ނެރުމުން މަޖިލީހަށާއި ރައީސް ނަޝީދަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.