ރައީސް މުހައްމަދު ނަޝީދު

މައިނޯރިޓީއަށް ޖާގަ ދޭން އަޅުގަނޑު ނިކަމެތި ވާން ވެސް ތައްޔާރު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ސިޔާސީ ޕާޓީއަށް ފުރުސަތު ދީގެން މަޖިލިސް ހިންގުމަށްޓަކައި އެމަނިކުފާނު "ނިކަމެތި" ވާން ޖެހޭ ހާލަތެއްގައި އެ ކަމަށް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން ގެންދަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ. އެއީ އެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރެން އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުގެ ތެރޭގައި އޭނާއަށް އަނިޔާވުމާ ގުޅިގެނެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލިސް ހިންގަން ބޭނުން ވަނީ މައިނޯރިޓީ ޕާޓީތަކާ އެކުގައި، އެ ޕާޓީތަކަށް ހުރިހާ ހައްގަކާއި ބާރުތަކެއް ލިބިދޭ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ހާއްސަ ކޮށް ޕީޕީއެމާއި ޕީއެންސީގެ މެންބަރުންނަށް ދަންނަވާލަން މަޖިލީހަށް ވަޑައިގަތުމަށް. އެ ބޭފުޅުން މަޖިލީހަށް ވަޑައި ނުގަތުމުން، ގޮނޑީގެ އަދަދުން އޭގެ އުސްމިން އަދި ފާހަގަ ނުކުރެވުނަސް މުޅި ސިޔާސީ ނިޒާމަކީ ވާދަވެރިންނާ އެކީގައި ހިންގަން ޖެހޭ ނިޒާމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އާއި މައިނޯރިޓީ ޕާޓީ އެކުގައި މަސައްކަތް ކުރާއިރު، މައިނޯރިޓީން އެދޭނެ ކަންކަން ހުންނާނެ ކަން ގަބޫލު ކުރައްވާ ކަމަށާއި އެފަދަ ކަމެއްގައި އޮންނާނީ ދެ ފަރާތުން މަޝްވަރާ ކޮށްގެން އެ ކަމުގައި ހައްލު ހޯދުން ކަމަށެވެ.

ރައީސް ނަޝީދު ދެން އިޝާރާތް ކުރެއްވީ ރާއްޖޭގައި ބޭއްވި އިންތިހާބުތަކަށެވެ. ވިދާޅުވީ، ރާއްޖޭގައި ބޭއްވި އެެއްވެސް އިންތިހާބެއްގައި ރައްޔިތުންގެ ސާފު މެޖޯރިޓީ ވޯޓު އެންމެ ސިޔާސީ ޕާޓީއަކަށް ނުލިބޭ ކަމަށެވެ. ރާއްޖޭގެ ސިޔާސީ ތަބީއަތަކީ ހުރިހާ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި އެ ހަަމަ ހިފަހައްޓަން ޖެހޭ ކަމަށެވެ.

"މިއީ އެއް ޕާޓީ ގައުމެއް ނޫން. އެއީ ރާއްޖޭގެ ސިޔާސީ ތަބީއަތް. އެ ތަބީއަތް ބަލައިގަނެގެން ކުރިއަށް ދިއުން ބުއްދިވެރި. މި ދެންނެވި ހަމަ، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިފެހެއްޓުމަކަށް ޓަކައި، އެއީ އަޅުގަނޑު ނިކަމެތި ވާން ޖެހޭ ކަމެއް ކަމުގައިވާނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިކަމެތިވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މެންބަރެއްގެ ނަން އިއްވުމަށް ފަހު ތަޅުން ދޫކުރައްވަން ދެކޮޅު ހައްދަވާނަމަ މެންބަރަކު ނެރެން އޮންނަނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށެވެ. ނަމަވެސް އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންތަކެއް ޝިޔާމް ނެރުމުން މަޖިލީހަށާއި ރައީސް ނަޝީދަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވައިފަ އެވެ. ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާތީ ހިނގާބިނގާ ވެސް އުޅެން ދަތި ކަމަށް އޭނާ ވިދާޅުވެ އެވެ. އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދީފައިވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވާއިރު، ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ. އަދި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ މެންބަރުންނަށާއި ރައީސް ނަޝީދަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ.