ރައީސް މުހައްމަދު ނަޝީދު

ޝިޔާމަށް ދެރަ ގޮތެއް ވާކަށް އަޅުގަނޑު ނޭދޭނެ: ނަޝީދު

ގާނޫނު އަސާސީ އިސްލާހު ކުރުމަށް މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބޭއްވި ޖަލްސާގައި އަނިޔާ ލިބިގެން ދިޔަ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ދެރަގޮތެއް ވާކަށް އެދިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އެ ޖަލްސާ ފެށުމާއެކު ރައީސް ނަޝީދު ދައްކަވަމުން ގެންދެވި ވާހަކައަށް ޝިޔާމް ހުރަސް އެޅުއްވި އެވެ. ދެން ރައީސް ނަޝީދު ޝިޔާމްގެ ނަން އިއްވި އެވެ. އެކަމަކު ވެސް ތަޅުން ދޫކުރައްވަން ވެސް ޝިޔާމް ދެކޮޅު ހެއްދެވި އެވެ. ޝިޔާމް ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ހިފައިގަނެގެން ގެންގޮހެވެ.

އެކަމުގެ ތެރޭގައި ޝިޔާމަށް އަނިޔާތަކެއްވެ، ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދެވި އެވެ. ޝިޔާމަށް އަނިޔާވި ފަހުން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި މަޖިލީހުގެ މެންބަރުންތަކެއް ވެގެން މެންބަރަކު ތަޅުމުން ނެރުމުން ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ހުރަހެއް ނެތި މަޖިލީހަށް ވަދެވަޑައިގަތުމަށް މަޖިލީހުގެ ދޮރުތައް ހުޅުވިފައި އޮންނާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު މެންބަރުން ޖަލްސާއަށް ހާޒިރުނުވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކީއްވެގެންތޯ އިދިކޮޅު އެހެން މެންބަރުން ވަޑައިނުގަތީ. އެ ސުވާލު އަޅުގަނޑު ގާތުގައި އައްސަވައިގެން ނުލިބޭނެ. އެ ސުވާލު އައްސަވަން ޖެހޭނީ އެ ބޭފުޅުންގެ ގާތުގައި. އެ ބޭފުޅުންގެ ކަމެއް ޖަލްސާއަށް ވަޑައިގެންނެވުން އެއީ. ދެން އެ ބޭފުޅުން ވަޑައިނުގަންނަވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަޅުގަނޑަށް ސާފުވާ ކަމެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވިޔަސް، އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕް އިން ބުނެފައި ވަނީ އެ ކޯލިޝަންގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވަނީ ޝިޔާމަށް ލިބުނު އަނިޔާތަކާ ގުޅިގެނެވެ. އެކަން ހިނގައިދިޔައީ ނަޝީދުގެ ސިދާ އެންގެވުމަށް ކަމަށް ތުހުމަތު ކުރެ އެވެ. ނަޝީދު މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެ އެވެ.

ރައީސް ނަޝީދު ދެން ވިދާޅުވީ ޝިޔާމުގެ ނަން އިއްވުމަކީ ވެސް އެމަނިކުފާނު އެންމެ ބޭނުންފުޅުވާ ގޮތް ކަމަށެވެ. ނަން އިއްވަން ޖެހުނީ މަޖިލީހުގެ ނިޒާމު ގެއްލުވާލަން ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި ޝިޔާމަށް ދެރަ ގޮތެއް ވާކަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެވެ.

"މަޖިލީހުގެ އެ ޖަލްސާގައި ނަން އިއްވުނީ ނައިފަރު ދާއިރާގެ މެންބަރުގެ ނަން އެކަނި. އަޅުގަނޑު ދެން އެ ވެސް އުފާވާ ކަމެއް ނޫން. އަޅުގަނޑަށް ނޭދޭނެ ނައިފަރު ދާއިރާގެ މެންބަރަށް ދެރަ ގޮތެއް ވާކަށް. ހަމަކުޑަކޮށް ވެސް އަޅުގަނޑު ނޭދޭނެ. އަޅުގަނޑެއް ނޭދޭނެ ޕީޕީއެމް ޕީއެންސީގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިނުގެން އުޅުއްވަން ވެސް" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހަށް ސިފައިން ވައްދަން ތާއީދެއް ނުކުރެވޭނެ

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސްތަކަކީ އެ މަޖިލީހުގެ ބާރުވެރިކަމާއި މަޖިލީހުގެ މެންބަރުން އަމިއްލައަށް ކަންކަން ނިންމަން އޮންނަ މުއައްސަސާއަކަށް ވާން ޖެހޭ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން ތަޅުމުން ނެރޭނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސިފައިން ބަރު ހަތިޔާރާއެކު މަޖިލީހަށް ވަދެ ތިބެ ސެކިއުރިޓީ ބަލަން ޖެހޭ ހިސާބަށް ދިއުމަކީ ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސަކަށް ލިބޭނެ އެންމެ ބޮޑު "ފެއިލާ" އެވެ. އެ ހާލަތަށް ގޮސްވެސް ދާނެ ކަމަށާއި އެކަމަކު އެ ގޮތަށް އެދިވަޑައިނުގަންނަވާ ކަމަށާއި އެ ކަމަށް ތާއީދު ވެސް ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ނޭދެން މި މަޖިލީހަށް ސިފައިން ވަންނާކަށް. އެއީ މަޖިލީހުގެ ރައީސްގެ ވަރަށް ބޮޑު ފެއިލާއަކަށް ވާނެ ސިފައިން ބަރު ހަތިޔާރާއެކު މަޖިލީހަށް ވަންނަން ޖެހުން. އެ ކަން ކުރަން ނުޖެހިދާނެ ވާހަކައެއް ނޫން. ސާޖެންޓް އޮފް އާމްސްއަށް ހުރިހާ އިހުތިޔާރެއް އޮވޭ މެންބަރު ނެރުމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު މަޖިލީހުގެ މެންބަރަކު ނެރުމަށް ގަވާއިދުގައި ވެސް އޮންނަނީ ސާޖެންޓް އޮފް އާމްސްއަށެވެ. ނަމަވެސް ދަންވަރު ވަގުތެއްގައި ބޭއްވި އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންތަކެއް ވެގެން ޝިޔާމް ނެރުމުން އެއީ މަޖިލީހުގެ ގަވާއިދާ ވެސް ހިފާލަށް ކުރެވުނު ކަމެއް ކަމަށް ބުނެ ގިނަ ފާޑުކިއުންތައް އަމާާޒުވެފައިވެ އެވެ.

ޝިޔާމަށް އަނިޔާވި މައްސަލަ ފުލުހަށް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ. ފުލުހުން ވަނީ މައްސަލަ ބަލަން ވެސް ފަށައިފަ އެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވި އެވެ. މިނިސްޓަރު އިމްރާންގެ އެ ވާހަކައާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން މިނިސްޓަރަށް ފާޑުވިދާޅުވެފައިވެ އެވެ.