ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ ކަންކަމުގެ ތެރަށް ވަންނަން ނުވިސްނަން: އިމްރާން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތަކާއި ކުރައްވާ ކަންކަމުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވަން ގަސްތު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހްލާގެއް ނެތް ބައެއް ގޮތުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ކަންކަމުގައި އިމްރާން މިހާތަނަށް ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިމްރާން ހާޒިރުކޮށްފައި ވަނީ ނޭކުރެންދޫ ޖަލުގެ މަސައްކަތާ ގުޅޭ ގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލު ކުރެއްވުމަށެވެ. ސުވާލު ކުރުމުގެ އިތުރު ފުރުސަތުގައި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސުވާލު ކުރެއްވީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުންގެ އަގު ވެއްޓޭ ގޮތަށް މަޖިލީހުގައި މެންބަރުން ދެއްކެވި ވާހަކަތައް ކުށްވެރިނުކޮށް ހުންނެވީ ކީއްވެގެންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ފުރަތަމަ ވިދާޅުވީ، "މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ހައްގުތައް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން" ކަމަށެވެ. އެހެންކަމުން "މަޖިލީހުގެ މެންބަރުން ކުރައްވާ ކަންކަމުގެ ތެރެއަށް ތެރެއަށް ވަނުމުގެ ވިސްނުމެއް އަޅުގަނޑުމެން ނުގެންގުޅޭ" ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރަށް އެއްޗެއް ވިދާޅެއްނުވެ އެވެ.

މަޖިލީހުގެ މެންބަރުން ކުރައްވާ ކަންކަމުގެ ތެރެއަށް ވަނުމުގެ ވިސްނުންފުޅު ނެތް ކަމަށް މިނިސްޓަރު އިމްރާން މިއަދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވިއިރު، މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތައް ބައްލަވާނެ ކަމަށް މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން މިނިސްޓަރު އިމްރާން އެހެން ވިދާޅުވިއިރު، މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވަނުމުގެ ވިސްނުންފުޅު މިނިސްޓަރު އިމްރާންގެ ހުންނަވައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެފައިވެ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ދަންވަރު ބޭއްވި އެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން ރައީސް ނަޝީދު އިއްވި އެވެ. އެކަމަކު ޝިޔާމް ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވި އެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުން އޭނާ ވަށާލައި، "ހިފައިގަނެގެން" ގެންގޮހެވެ.

މި ކަމުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުންނަށާއި ޝީޔާމަށް އަނިޔާވިއިރު، އެންމެ ބޮޑަށް އަނިޔާވީ ޝިޔާމަށެވެ. ޝިޔާމްގެ މައިބަދައާއި މޭކަށިގަނޑުގައި ރެދެއް ލާފައިވާ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ. ޝިޔާމްގެ ފަރާތުން މި މައްސަލަ ފުލުހަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވާފައިވެ އެވެ.