ޕޮލިޓިކްސް

"މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް ވަޒީރަކު ވެދެގެނެއް ނުވާނެ"

ރައްޔިތުންގެ މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ހުންނަވައިގެން ނުވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރިޔާސަތުން ނަން އިއްވުމުން ވެސް ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވި އެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުން އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ. އެކަމުގެ ތެރޭގައި ޝިޔާމަށް އަނިޔާވުމުން އެ ދުވަހުގެ ރޭ އޭޭނާ އާއި އިދިކޮޅު މެންބަރުން ފުލުހުންގެ އިދާރާއަށް ވަޑައިގެން އެ މައްސަލަ ރިޕޯޓް ކުރި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ފުލުހުން އިންސާފުވެރިކޮށް ތަހުގީގު ކުރާނެ ކަމަށާއި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އޭގައި ކޮންމެ މީހަކަށް ލިބިދޭން ޖެހޭ ހައްގު ލިބިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

އިމްރާންގެ ވާހަކައަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށެވެ. އެހެންވިޔަސް މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށެވެ.

"މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން [އަދާލަތު ޕާޓީގެ ރައީސް] ޝައިހް އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވެގެން ޝިޔާމް ތަޅުމުން ނެރުން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވިއިރު، މެންބަރަކު ނުކުންނަން ދެކޮޅު ހައްދަވާނަމަ ތަޅުމުން ނެރެން ޖެހެނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށެވެ. އެކަމަކު މަޖިލީހުގެ ގަވާއިދާ ވެސް ހިލާފަށް މެންބަރުންތަކެއް ޝިޔާމް ނެރެން އުޅުމުން ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި އިދިކޮޅު މެންބަރުންގެ އެ ކުރިމަތިލުމުގައި، ގައިދުރުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވާ މިންގަނޑުތަކާ ވެސް ހިލާފުވެފައިވެ އެވެ. މިކަމާ ގުޅިގެން ވެސް މަޖިލީހުގެ މެންބަރުންނަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވައިފަ އެވެ. ޕީޕީއެމުން ބުނި ގޮތުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ވަނީ ރެދެއް ލައިފަ އެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މި ކަމާ ގުޅިގެން ޝިޔާމްގެ އުފަން ރަށް، ޅ. ނައިފަރުގައި ޝިޔާމާއި ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޝިޔާމަށް އަނިޔާ ކުރި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.