ހަބަރު

އިމްރާނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓް ހުށަހެޅިކަމުގެ ތުހުމަތު

އިދިކޮޅުން ހިތްހަމަނުޖެހިގެން އުޅެނީ، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް /ޕީއެންސީގެ ރިޔާސީ ޓިކެޓް ހުށަހެޅުމުން، އެކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގަބޫލުނުކުރެއްވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެ، 11 މެންބަރުންގެ ސޮއި އާއެކު އިމްރާން އާ ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެވެ.

އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް "އަނދުން ހުސެއިން" ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާންއާމެދު އިދިކޮޅަށް އިތުބާރު ގެއްލިގެން އުޅެނީ މުޅިން އެހެންކަމާ ގުޅިގެން ކަމަށެވެ.

މިގޮތުން، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ޔާމީން އަބްދުﷲ ޔާމީން ގެއަށް ބަދަލުނުކޮށްދިނުމަށް ޝަރުތުކޮށް އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ޓިކެޓު އިމްރާންއަށް އަރުވަން ނިންމާފައިވާކަމަށް ޝަހީމް ތުހުމަތު ކުރެއްވި އެވެ.

"ހުށަހެޅިގެން މި އުޅެނީ މުޅިން އެހެން ކަމެއް. 2023 ގެ ރިޔާސީ ޓިކެޓު ދެއްވާފައި ދެންވެސް ވިދާޅުވަނީ ކީކޭތޯ. ޔާމީން ބަދަލުނުކޮށްދެއްވައްޗޭ ގެއަށް. ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވައްޗޭ،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، އިމްރާން އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި، ހިޔާނާތާއި، ވައްކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އެންމެ ސާބިތުކަންމަތީގައި ހުންނެވި ބޭފުޅެއް ކަމަށާއި، އޭނާއަށް ފުރިހަމައަށް އިތުބާރުއޮތް ކަމަށެވެ.

އަދި އިމްރާން އާ މެދު ހިތްހަމަނުޖެހުނީ އިދިކޮޅުން ހުށަހެޅި ޓިކެޓް ގަބޫލު ނުކުރައްވައި، ރައީސް ސޯލިހާއެކު ހުންނެވުމަށް ނިންމެވުމުންކަމަށް ޝަހީމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވެނީ މި މައްސަލައަކީ ޝެއިހް އިމްރާން ޕީޕީއެމްގެ ރިޔާސީ ޓިކެޓު ގަބޫލުފުޅު ނުކުރެއްވީމާ އޭގެ އަދަބެއްގެ ގޮތުގައި. އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވަން ކުރާ މަސައްކަތެއްގެ ގޮތުގައި،" ޝަހީމް ތުހުމަތުކުރެއްވި އެވެ.

އިމްރާންގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމާއެކު، އޭނާގެ މައްޗަށް އިތުބާރުއޮތްކަމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ވަނީ ފާސްކޮށްފައި އެވެ.

މިއަދުގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވަނީ އިމްރާންގެ ދިފާއުގައި ދެއްކެވި ވާހަކަތަކަށް ބާރު ދެއްވައި، މިނިސްޓަރަށް ފުރިހަމަ އިތުބާރުއޮތް ކަމަށް ވިދާޅުވެފައި އެވެ.

އެކަމާ ހިތްހަމަނުޖެހިގެން އިދިކޮޅު މެންބަރުން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި އިސްވެ މަސައްކަތް ކުރާ އެމްޑީޕީގެ ބައެއް މެންބަރުންވެސް، އިމްރާން ދިފާއު ކުރައްވައި، މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވާތީ، ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ބައެއް މެންބަރުން ވަނީ ފާޑުކިއުންތައް އަމާޒުކުރައްވައިފަ އެވެ.