ހަބަރު

"ޔާމީން މިނިވަންކުރަން އަންނަ ފިއްތުންތަކަށް ނުގުޑާނެ"

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަކީ "ބަހާނާ"އެއް ކަމަށާއި، އެއީ މިހާރު ޖަލު ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ކުރިމަތިކުރުވާ ފިއްތުމެއްގެ ގޮތުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ސިފަކުރައްވައިފި އެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެ، 11 މެންބަރުންގެ ސޮއި އާއެކު އިމްރާން އާ ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެވެ.

އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ބަހުސް ފެށުމުގެ ކުރިން ދިފާއުގައި ވާހަކަ ދައްކަން ދިން ފުރުސަތުގައި އިމްރާން ވިދާޅުވީ މި މައްސަލައަކީ ނުވާކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށްގެން، ސަރުކާރު ބަލިކަށި ކޮށްލައިގެން ހަމަޖެހުން ނަގާލަން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލަ ހުށަހެޅި ސަބަބުތަކަށް އިޝާރާތްކުރައްވައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން ވިދާޅުވީ ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލާގައި އެކަން "ކުޑަ"ކަމެއްގެ ގޮތުގައި ވިދާޅުނުވާ ކަމަށާއި، ނިސްބަތް ކުރެއްވީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އެ މައްސަލަ ބޮޑުކަމަކަށް ހަދައި، ހަގީގަތް އޮޅުވާލަން އުޅުނު ކަމަށެވެ.

އެއްވެސް އަންހެނަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުން މި ސަރުކާރުން ބަލައިނުގަންނާނެ ކަމަށާއި، އެފަދަ ހުރިހާ މައްސަލައެއް ފުރިހަމައަށް ބަލައި، ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިމްރާން ދެއްވި އެވެ.

އަދި އެ ދުވަހު ދެއްކެވި ވާހަކައާ ގުޅިގެން އެއްވެސް ފަރާތަކަށް މާނަ އޮޅިގެން، ކުޑައިމިސް ކަމެއް ލިބިފައިވާނަމަ، އިމްރާން ވަނީ މިއަދުވެސް އެކަމަށްޓަކައި މައާފަށް އެދިވަޑައިގެންފި އެވެ.

ރިލްވާން މައްސަލާގައި، އިމްރާން މިއަދުވެސް ވަނީ 2015 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ މުޒާހަރާގައި ގެންގުޅުއްވީ އަސްލު ހެކިތަކުގެ ކޮޕީތަކެއް ކަމަށް ތަކުރާރުކުރައްވައިފަ އެވެ.

އަދި އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި، އެ ލިއުންތައް އަތުލާފައިވާކަމަށް މިއަދުވެސް އޭނާ ތަކުރާރުކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓާއި މަޖިލީހަށް ސިފައިން ވައްދައިގެން ކުރި ވެރިކަން މާޒީވެ، އޭރު ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ވަގަށް ނަގާފައިވާ މައްސަލަތައް މި ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ބެލުމުގައި އެއްވެސް މިންވަރަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ކުރިމަތިކުރުވާ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަންޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން،" އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ބިރު ދެއްކުމުގެ ނިޔަތުގައިކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ދިފާއުގައި ވިދާޅުވި އެވެ.

އިމްރާންގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމާއެކު، އޭނާގެ މައްޗަށް އިތުބާރުއޮތްކަމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ވަނީ ފާސްކޮށްފައި އެވެ.

މިއަދުގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވަނީ އިމްރާންގެ ދިފާއުގައި ދެއްކެވި ވާހަކަތަކަށް ބާރު ދެއްވައި، މިނިސްޓަރަށް ފުރިހަމަ އިތުބާރުއޮތް ކަމަށް ވިދާޅުވެފައި އެވެ.

އެކަމާ ހިތްހަމަނުޖެހިގެން އިދިކޮޅު މެންބަރުން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި އިސްވެ މަސައްކަތް ކުރާ އެމްޑީޕީގެ ބައެއް މެންބަރުންވެސް، އިމްރާން ދިފާއު ކުރައްވައި، މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވާތީ، ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ބައެއް މެންބަރުން ވަނީ ފާޑުކިއުންތައް އަމާޒުކުރައްވައިފަ އެވެ.