ހަބަރު

އިމްރާން މަގާމުން ވަކި ކުރަން އިދިކޮޅުން ހުށަހަޅައިފި

Oct 26, 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުމަށް ފަހު، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގެއްލުވާލި އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް ވަޒީރު ކަމުގެ މަގާމަށް ކުފޫހަމަވާ ކަމަކަށް،" ޝިޔާމް ވިދާޅުވި އެވެ.

މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން 10 މެންބަރެއްގެ ސޮއި ބޭނުންވި ނަމަވެސް، އިމްރާންގެ މައްސަލަ ހުށަހަޅާފައިވަނީ 11 މެންބަރުން ސޮޔާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި މައްސަލާގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އިތުރުން، އެހެން ޕާޓީތަކާއި މިނިވަން މެންބަރުން ވެސް ތާއީދު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިޔާމް އިތުރަށް ވިދާޅުވި އެވެ.