ހަބަރު

އިމްރާންގެ އިތުބާރުގެ މައްސަލަ ބަޖެޓު ބަހުސަށް ފަހު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ މައްސަލަ، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސަށްފަހު އެޖެންޑާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފައްޓަވަމުން ނަޝީދު ވިދާޅުވީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު އާންމު ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު އިމްރާނަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 10 މިނެއްޓު ގެ ފުރުސަތު ދިނުމަށާއި އަދި ބަހުސްގެ މެދުތެރެއިން އިތުރު 10 މިނެއްޓު އަދި ބަހުސް ނިމުމުން އިތުރު 10 މިނެޓާއެކު ޖުމްލަ 30 މިނެއްޓު އާންމު ކޮމިޓީން ނިންމަވާފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އަޅުގަނޑު އަދިއެއް އެޖެންޑާއެއް ނުކުރަން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް. އެހެން ނަމަވެސް ބަޖެޓްގެ ބަހުސް ނިމުމާއި އެކުގައި އިރާދަކުރެއްވިއްޔާ އެ މައްސަލަ އަޅުގަނޑު އެޖެންޑާ ކުރާނަން،" އެމަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.

އެ މައްސަލަ އިދިކޮޅުން ހުށަހަޅާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެވެ.

އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެ އެވެ.

ނަމަވެސް، އެ މައްސަލައަށް މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ތާއީދު ނުކުރާނެކަމުގެ އިޝާރާތެއް އެ ޕާޓީގެ ޕާލިމަންޓަރީ ގްރުޕޫގެ ލީޑަރު އަލީ އާޒިމް ވަނީ މީގެ ކުރިން ދެއްވައިފަ އެވެ.