ހަބަރު

އިމްރާނު ވަކި ކުރުން: އެމްޑީޕީ އިދިކޮޅުގެ ހުސްބުޅީގައި ނުގަންނާނެ

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތު ވުންތަކެއް އުޅޭކަމަށް ދެކިގެން، އިދިކޮޅުގެ ހުސްބުޅީގައި އެމްޑީޕީ ނުޖެހޭނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރުޕޫގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު އިއުލާނު ކުރެއްވުމާއެކު، މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވަނީ އެމްޑީޕީގެ ފަރާތުން އެ މައްސަލައަށް ރައްދު ދެއްވައިފަ އެވެ.

މީގެ ކުރިން އެމްޑީޕީ ނޫން ކޯލިޝަނުގެ މިނިސްޓަރުންނަކީ "އަމާ ބުނީތީ ފަރަށްދާ" ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ގޮތުގައި ސިފަ ކުރައްވާފައިވާ އާޒިމް މިއަދު ވިދާޅުވީ އެމްޑީޕީން ކަމަކާ ކުރިމަތިލާއިރު އަބަދު ވެސް ހާއްސަ އެޖެންޑާއެއް ގެންގުޅޭ ކަމަށެވެ.

"ހިޔާލުތަފާތުވުންތަކެއް އޮންނަ ފަހަރު ހުސް ބުޅީގައި ނުގަންނާނެ. ހުސް ބުޅި އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރިއަށް ނުގެން ދެވޭނެ،" އިމްރާން މައްސަލާގައި އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށް ނުސީދާ ގޮތަށް ހާމަކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ މި ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަނެ، އެމްޑީޕީގެ އިތުބާރު އެބަ އޮތް ކަމަށެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް އެ މައްސަލަ އެޖެންޑާ ކުރަން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް އިމްރާނަށް މިއަދު ފޮނުއްވާނެ ކަމަށެވެ.

"މި މައްސަލަ ލިބިފައިވަނީ 11 މެންބަރުންގެ ސޮއި އާއެކު. އެކަމަކު މިއީ 87 މެންބަރުންގެ ތަނެއް. އެ މަސައްކަތް ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅުން އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކާއި ގުޅިގެން ރޭ އިމްރާން ދެއްކެވި ވާހަކަތަކާއި މޭޑޭގެ ބޮޑު އެއްވުމުގައި އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ. އަދި ކެންޔާގެ އަންހެން މީހާގެ ގާނޫނީ ވަކީލުން ވަނީ އިމްރާނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ފޮނުވި ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްތަކުން ގެނެސްދިން ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މުޅި އެ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށާ ނަމަވެސް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލާލާ ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،" އިމްރާން ވިދާޅުވިއެވެ.