އެމްޑީޕީއަށް އަމާޒުވާ ފާޑުކިޔުންތަކުގެ ތެރޭގައި ހުންނަވާއިރު މިވަގުތު އޮތީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި މިއީ ބައިވެރިވާ ސަރުކާރެއް ކަމަށް ވިދާޅުވެ އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ރައްދެއް ދެއްވައިފި އެވެ.
އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ފާޑު ކިޔާ މީހުން އެކަން ކުރަނީ އެ ޕާޓީއާ މެދު އޮތް އުއްމީދެއްގެ ބޮޑު ކަމުންނެވެ. އާޒިމް ދެކެ ވަޑައިގަންނަވާ ގޮތުގައި ގައުމަށް ބޭނުންވާ މުހިއްމު އެތައް ބަދަލެއް، އަދި މުޅިން އަލަށް މުހިއްމު އެތައް ކަމެއް ތައާރަފުކުރީ 2008 ގައި ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުގައި ކަމަށްވާތީ ރައްޔިތުންގެ އުއްމީދު އެމްޑީޕީއާ މެދު ވަރަށް ބޮޑެވެ. އެހެންވެ ވާހަކަ ގިނަ ވަނީ އެވެ.
ރައްޔިތުންގެ އުއްމީދާ ގުޅިފައި ހުރި އެތައް ކަމެއް ނުކުރެވި ހުރުން ނުވަތަ ބޭނުންވާ އެފަދަ ކަމެއްގެ ދުވެލި މިވަގުތު ލަސްވުމުން ރައްޔިތުން މާޔޫސް ވެފައިވާ ކަމަށް އޭނާ ގަބޫލު ކުރެއްވި އެވެ. އެގޮތަށް ކަންކަން މެދުވެރިވީ މިހާރުގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރަކަށް ނުވާތީ ކަމަށް ވެސް މެޖޯރިޓީ ލީޑަރު ވިދާޅުވެ އެވެ.
"އަޅުގަނޑު ތަކުރާރުކޮށް ބުނަން މިއީ އެމްޑީޕީގެ ސަރުކާރެއް ނޫން! އެކަމަކު މިއީ އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއް! އަޅުގަނޑުމެން ބޭނުންވާ ސުޕީޑްގައި ކަންކަން ވާން އޮތީ އަޅުގަނޑުމެންނަށް [ފުރިހަމަ] ސަރުކާރެއް ލިބިގެން ކަމުގައި އަޅުގަނޑު އަބަދު ވެސް ދެކެނީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ފިޔަވާ ރައްޔިތުންނަށް ކަމެއް ކޮށްދޭނެ އެހެން ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން އެމްޑީޕީއާއެކު ކުރިއަށް ދާން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބިފައި އޮތް ސާފު އަޣުލަބިއްޔަތުގެ ބޭނުން ކޮށްގެން އެކަށީގެންވާ މަސައްކަތް ތަކެއް ކުރެވިފައި ނެތް ކަމަށް އެޕާޓީގެ ކުރީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ވާހަކަތަކަށް ވެސް އާޒިމް ވަނީ ރައްދެއް ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރާ ހުރިހާ މަސައްކަތެއް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައި ނުވި ނަމަވެސް ރައްޔިތުންނަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ކޮށްފައި ވާނެ ކަމަށެވެ.
އެންމެ ބޮޑު އެއް ހެއްކަކަށް އޭނާ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި އެއްވެސް މަޖިލީހަކުން ފާސްކޮށްފައި ނުވާ ވަރަށް މިހާރުގެ މަޖިލީހުގައި ބިލްތައް ފާސް ކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކޮށްދެމުންދާ ކަން ރައްޔިތުން ގަބޫލުކުރާ ކަން ފެންނަން ވެސް އެބަ އޮތެވެ.
"މިއަދު ރައްޔިތުން އެބަ ގަބޫލުކުރޭ ކަމެއް ނުވީމާ، ކަމެއް ދަމެއް ބޮޑުވީމާ އަންނަން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަން. އެކަން އެނގިވަޑައިގަންނަވާނެ. ޓެކްސީ ދުއްވާ މީހުނަށް ކަމެއް ދިމާވީމަ އައިސް ރައްޔިތުންގެ މަޖިލިސް ކައިރީގައި އެ ތިބެނީ. ކަމެއް ސަރުކާރު ތެރެއިން ނުކުރެވުނީމާ އައިސް ރައްޔިތުންގެ މަޖިލިސް ކައިރީގައި ތިބެނީ. ލޭބަ މިނިސްޓްރީގެ ކަންކަން ނޫނިއްޔާ ވޯކްޕާމިޓެއް ނުލިބި، ޕްރޮޖެކްޓެއް ނުހިންގުނީމާ ޝަކުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގައި. އެނގޭ ރައްޔިތުންގެ މަޖިލިސް ފަންކްޝަން ކުރާކަން. ފެކްޓާ އެއްކޮށް މި ދައްކަނީ އިނގޭތޯ،" އާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް އޮޅުން ފިލުވުމުގެ ބަދަލުގައި އަބަދު ފާޑު ވިދާޅުވާން ފަރިތަވެފައި ތިއްބަވާ ބޭފުޅުންނަށް އެކަން ކުރަން ފަސޭހަ ވާނެ ކަމަށް ވެސ އާޒިމް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފާޑު ވިދާޅުވާ ބޭފުޅުންނަށް ވަރަށް ވަރުގަދައަށް ރައްދު ދެއްވަމުން އާޒިމް ވަނީ އެފަދަ ބޭފުޅުންނަކީ ފެއިލްވެފައިވާ ބޭފުޅުންގެ ގޮތު ސިފަކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު ބޭނުން ކުރައްވައިގެން ރައްޔިތުން އެދޭ ކަންކަން ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމައިނުން ބުނަން ޖެހޭނީ ތިޔަކަހަލަ ކަންތައްތަކުގައި ހިޔަޅަށް ހަމަ މޭބިސްކަދުރު ހިތި އެއްޗަކަށް ވާނެއޭ ބައެއް ފަހަރު އިނގޭތޯ. އެހެންވީމާ އެކަހަލަ ފަރާތްތައް ފަހަރެއްގައި ބުނެފާނެ ކަމެއް ނުކުރެއޭ. ތިމަންނަ ހުރި އިރު ވަރަށް މަސައްކަތް ކުރީމޭ. އެހެން ބުނާ ފަރާތްތައް ހުންނާނީ ރަނގަޅަށް ވެއްޖިއްޔާ މި ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލާފައި، 17 ވަނަ މަޖިލީހަށް ވެސް ކުރިމަތިލާފައި، 18 ވަނަ މަޖިލީހަށް ވެސް އަދި 19 ވަނަ މަޖިލީހަށް ވެސް ލާފަ ހުންނާނީ. އެކިގޮތްގޮތުން އެމްޑީޕީގެ ޕްރައިމަރީއާ ހަމައިން ނަމަވެސް ކުރިމަތިލާފައި ހުންނާނީ. [އެކަމަކު އިންތިހާބު ކާމިޔާބު ނުވުމުން] އެ ފަރާތްތަކަށް މަޖިލިސް ހިތިވާނެ. އެއީ ހަގީގަތް،" އާޒިމް ވިދާޅުވި އެވެ.
ރައްޔިތުން އެބަ ގަބޫލުކުރޭ ކަމެއް ނުވީމާ، ކަމެއް ދަމެއް ބޮޑުވީމާ އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަން. އެކަން އެނގިވަޑައިގަންނަވާނެ. ޓެކްސީ ދުއްވާ މީހުނަށް ކަމެއް ދިމާވީމަ ރައްޔިތުންގެ މަޖިލިސް ކައިރީގައި އެ ތިބެނީ. ކަމެއް ސަރުކާރު ތެރެއިން ނުކުރެވުނީމާ ރައްޔިތުންގެ މަޖިލިސް ކައިރީގައި ތިބެނީ. ވޯކްޕާމިޓެއް ނުލިބި، ޕްރޮޖެކްޓެއް ނުހިންގުނީމާ ޝަކުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގައި. އެނގޭ ރައްޔިތުންގެ މަޖިލިސް ފަންކްޝަން ކުރާކަން،އަލީ އާޒިމް | މެޖޯރިޓީ ލީޑަރު
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވަރަށް މުހިއްމު ބޮޑެތި ރަށްތަކާއި ސިޓީތަކުގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑު ކިޔުންތައް ބަލައިގަނެ، ޕާޓީގެ މައްސަލަތައް ހައްލުުކުރަން މަސައްކަތް ކުރައްވާނެ ކަމުގައި އެޕާޓީގެ އެންމެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.