ހަތަރު ސިޔާސީ ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނަކުން ސަރުކާރު ހިންގަމުންދާއިރު ކޯލިޝަންގެ ގާނޫނީ ސައްހަކަން ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖާބިރު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލަން އޮންނަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޖާބިރު ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމާއި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ސަރުކާރުގެ މިނިސްޓްރީތައް ބެހުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ކަން ނުވަތަ ނޫން ކަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ދިނުމަށެވެ.
މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ތިން ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރައްވާފައި ވަނީ އެހެން ސިޔާސީ ޕާޓީތަކާ އެކުގައި އުފައްދާފައިވާ ބޮޑު ކޯލިޝަންއެއްގެ ތާއީދު އޮންނަ ކެންޑިޑޭޓެވެ. ރައީސް ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރު އުފެއްދީ އެހެން ބައެއް ޕާޓީތަކާ އެކުގަ އެވެ.
މިހާރުގެ ސަރުކާރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވީ އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީއާއި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ލީޑް ކުރައްވާ ޖުމްހޫރީ ޕާޓީއާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލީޑް ކުރައްވާ އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމް ހިމެނޭ ކޯލިޝަނެއްގަ އެވެ.
ސަރުކާރު ކެބިނެޓްގެ ވަޒީރުންގެ މަގާމާއި ސަރުކާރުގެ ސިޔާސީ މަގާމުތައް ވަނީ އެ ހަތަރު ޕާޓީތަކުގެ މެދުގައި ބަހައިފަ އެވެ. ނަމަވެސް ސަރުކާރު ކެބިނެޓްގައި ތިބި އެމްޑީޕީން ނޫން ޕާޓީތަކުގެ މިނިސްޓަރުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ވަރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވަ އެވެ.