އިދިކޮޅު ކޯލިޝަނުން ސިޔާސީ ގޮތުން މަސައްކަތް ނުކުރާނެ ޕާޓީއަކީ އެމްޑީޕީ ކަމަށާ އެ ނޫން ޕާޓީތަކާއެކު އަދިވެސް މަސައްކަތް ކުރެވިދާނެ ހާލަތެއް އަތުވެދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަވަސް އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ސުވާލަކަށް ފަހު ސުވާލެއް" މި ހަފްތާގެ ޕްރަގްރާމްގައި އަބްދުއްރަހީމް ވަނީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ވާހަކަ ދައްކަވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އުފެއްދުމުގެ ބޭނުމަކީ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އެ ކަމަށްޓަކައި އެކުވާން ޖެހުނު ބަޔަކާއެކު އެކުވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ވިސްނުމުގައިވެސް މަސައްކަތް ނުކުރެވޭނެ ބަޔަކު ސިޔާސީ މައިދާނުގައި އެބަތިބި ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ދުވަހަކުވެސް އެކުގައި މަސައްކަތް ނުކުރެއްވޭނެ ބޭފުޅެއް ކަމަށާ އެއީ ދީނާއި ގައުމުގެ "އަދުއްވެއް" ކަމަށެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ދެން އޮތް އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން ޖެހިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެ ހާލަތުގައި އެކުގައި މަސައްކަތް ކުރުމުގެ ހިތްވަރު ޕީޕީއެމް އާއި ޕީއެންސީގައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް ކުރާނަން އަޅުގަނޑުމެން ކޮންމެ ބަޔަކާއެކުގައިވެސް. އެކަމަކު ނުކުރާނެ މީހުން ތިބޭނެ. އެއީ ގައުމާ ދީނުގެ ހައްގުގައި އަޅުގަނޑުމެންނަކަށް މަސައްކަތެއް ނުކުރެވޭނެ ކެނެރީގެ މުހައްމަދު ނަޝީދުއަކާ އެއްކޮށެއް. އެއީ އަޅުގަނޑުމެން ގަބޫލެއް ނުކުރަން ދީނާއި ގައުމުގެ ހައްގުގައި ނަޝީދާއެކު މަސައްކަތްތަކެއް ކުރެވިދާނެ ކަމަކަށް. އަދި މިއަދު މި ފެންނަ މަންޒަރަށް ބަލާއިރު އަދި އެމްޑީޕީން ގެންގުޅޭ ސިޔާސަތަށް ބަލާއިރު އެ މީހުންނާއެކުވެސް މަސައްކަތް ކުރެވިދާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެކަމަކު ދެން މިތިބި ޕާޓީތަކާއެކު މަސައްކަތް ކުރެވިދާނެ ހާލަތެއް އަތުވެދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އަދާލަތާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމްއާއެކު މަސައްކަތް ކުރަން ޖެހޭ ހާލަތެއް އަޔަސް އަދި އެ ހާލަތުގައި އެކުގައި މަސައްކަތް ކުރި ނަމަވެސް އެ ތިން ޕާޓީގައި މިވަގުތު އިސްކޮށް ތިއްބެވި ލީޑަރުންނަކީ ގައުމާއި ރައްޔިތުންނަށް އިހުލާސްތެރި ލީޑަރުން ނޫން ކަމަށެވެ. ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަދި ޝައިހް އިމްރާން މިންކުރައްވާނީ "ޣައްދާރު"ންގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ އަލަށް އުފައްދަން މަސައްކަތް ކުރަމުންދާ މޯލްވިޑްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އަދި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ދެން ދުވަހަކު ވެސް ސިޔާސީ މަަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވި ވިދާޅުވުމަށްވެސް ރައްދު ދެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން ފުރޮޅެމުން އެނބުރެމުންދާ ގޮތުން ވަކި ކަމެއް ނުކުރައްވާނެ ކަމަށާ ވަކި ބޭފުޅަކާއެކު މަސައްކަތް ނުކުރާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު އެކުގައި ސިޔާސީ މަސައްކަތް ކުރެއްވުމުން ދެން އެކުގައި މަސައްކަތް ނުކުރެވޭނެ ބަޔަކު ނުތިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެންޕީއަކީ ގައުމީ ފިކުރެއް ކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް އެއީ ރައީސް ސޯލިހު ވަށައިގެން އޮތް ފިކުރެއް ކަމަށެވެ. ކޮންމެ ދިމާއަކުން ގުޅުވި ނަމަވެސް އެ ޕާޓީ ގޮސް ނިމެނީ ސޯލިހާއި ހަމައިން ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ސިޔާސީ ކަންކަން މި ހިނގަމުންދާ ގޮތުން ނުވާނެ އެއްވެސް ކަމެއް އޮންނާނެ ކަމަށް ގަބޫލުކުރައްވާނެ ކަމެއް ނެތް. އެއީ ރައީސް މައުމޫނާއި ރައީސް ނަޝީދާއެކުގައި ސިޔާސީ މަަސައްކަތް ކުރެވޭ ކަމަށް ވަންޏާ ދެން ކޮންމެ މީހަކަށްވެސް ކުރެވިދާނެތާ. ނުކުރެވޭނެ ކަމަށް ބުނުމުގެ ޖާގައެއް ނެތް. އެހެން ދިމާނުވާނެ އެކޭ ނޫން އަޅުގަނޑު މި ދަންނަވަނީ. ނަމަވެސް މިއަދުގެ ހާލަތުގައި އެމްއެންޕީއަކީ ރައީސް ސޯލިހްގެ ބްލެސިންގައި އުފައްދާ ޕާޓީއެކޭ މި ދެންނެވީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.