ޕީޕީއެމް

ހަތަރު ޕާޓީގެ ލީޑަރުންނަށް ރަސްމީކޮށް ދައުވަަތު ފޮނުވައިފި

ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވައިފި އެވެ.

ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކެމްޕޭނެއް އިފްތިތާހު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

ކެންޕެއިން އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން އިސްނެގި ނަމަވެސް މިއީ ވަކި ޕާޓީއަކުން އެކަނި ކުރިއަށް ގެންދާނެ ކެމްޕޭނެއް ނޫން ކަމަށެވެ. މިއީ ގައުމީ ކެމްޕޭނެއް ކަމުން ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމުން ދެންމެ ބުނީ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއަކީ މި ސަރުކާރު ކޯލިޝަން އޮތް ޕާޓީތަކެވެ. އެ ޕާޓީތަކުގެ ލީޑަރުންނަކީ ކޯލިޝަން ޕާޓަރުންނެވެ. އެއީ އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދާލަތާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމްއިންްވެސް ވަނީ ސަރުކާރާއެކު "ބަދަހިކޮށް" އޮތް ކަމަށް ބުނެފައެވެ. އަދި ފަސް އަހަރަށް ސަރުކާރު ކޯލިޝަން ދަމަހައްޓާނެ ކަމަށް ބުންޏެވެ.

އެމްޑީއޭއަކީ 2018ގެ ރިޔާސީ އިންތިހާބާ ހަަމައަށް ރައީސް ޔާމީނާއެކު އޮތް ޕާޓީއެކެވެ. އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ 2013 އިން 2018 އަށް ހިނގި ރަައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އެންމެ އަރިސް އެކުވެރިޔާ އެވެ. އަދި ކޯލިޝަން ޕާޓްނަރެވެ. ނަމަވެސް އިންތިހާބުގެ ކެންޕެއިން ފެށުމާއެކު އެމްޑީއޭއިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ. ނަމަވެސް ރައީސް ޔާމީނާއި ފެއަށް ޖެހިވަޑައިގެން ރައީސް ސޯލިހަށް ސިޔާސީ ގޮތުން އެހީތެރިިކަން ފޯރުކޮށްދެއްވި ކަމުގެ އަޑުތައް އޮވެއެވެ.