އަދީބަށް އޭނާ ބޭނުންވި ގޮތް، ދައުލަތަށް ސުމެއް!

ކުރީގެ ނައިބު ރައީސް ގައުމަށް ހިޔާނާތްވުމުން ހިންގި ޝަރީއަތް ވަނީ އިއްޔެ ނިމިފައި: މިއީ އެންމެނަށް ސުވާލު އުފެދިފައިވާ ތަފާތު ޝަރީއަތަކަށް ވެގެން ދިޔަ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަކީ ރާއްޖޭގެ މި ފަހުގެ ތާރީހުގައި ފެނުނު އެންމެ ތަފާތު އެންމެ ބާރުގަދަ ވެރިކަމެވެ. ކަމެއް ތަރައްގީ ކުރަން ވެސް ހަދާ ގޮތަކީ ބޭނުން ވުމުން އޮބި އަޅައި ބާއްވައިގެން ވެސް އެކަމެއް ކޮށް ނިންމާލަނީ އެވެ. އެވެރި ކަމުގައި ސިޔާސީ ގޮތުން މީހަކު ސަރުކާރާ ހިޔާލު ތަފާތު ވެއްޖިއްޔާ އެމީހަކު ޖަލުގައި ހައްޔަރު ކުރީ އެވެ. ވެރިކަން ނިމުނު އިރު އެހެން ވެސް، ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި ވަޒީރުންނާއި ޕާޓީތަކުގެ ލީޑަރުން ހިމެނޭ ގޮތަށް ޖަލުގައި ތިއްބެވެ. އެ ވެރިކަންވީ ގޮތް ނޭނގޭ ވެސް އެތައް އެތައް ކަމެއް ހިނގައިދިޔަ ފަސް އަހަރަށެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ފިނިފެންމާ ލޯންޗުގައި ހިނގައިދިޔަ ވަރުގަދަ ގޮވުމުގެ ހާދިސާއާ ރިލްވާން އަހުމަދު ގެއްލުމާއި މަޖީދީމަގުގައި ހުރި ފެންފޯއް ރުއްތައް ކެނޑުމާއި ބަގީޗާގައި އޮތް ކިނބުލަށް ވީގޮތް ފަދަ އެތައް ކަމެއް ވަނީ ނޭންގުމުގެ ތެރޭގަ އެވެ. އެފަދަ ހުރިހާ ކަމެއްގެ ކަމެއްގެ ފުނަށް ވާސިލްވެ ހަގީގަތް އެނގެން ދިވެހިން ބޭނުންވެ އެވެ.

އެވެރި ކަމުގައި އައި މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައަކީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ދައުލަތުން ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ވަގަށް ނަގާފައިވާތީ އެވެ. "ފިނިފެންމާ" ލޯންޗުގެ ހާދިސާއާއެކު ފެންމަތިވި އެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ސަރުކާރުގެ އިނގިލި އާމާޒުވީ އެންމެ ބާރުގަދަ އަދި އެންމެންގެ "ބްރޯ" އަކަށްވެ މީހުންގެ ގައިގައި ނޫޓު ބޮނޑީން ޖައްސަވާ ފައިސާ މަތީގައި ހިންގަވާ ކަމަށް ބުނާ އަދި މުއްސަނދި ދިރިއުޅުމެއް އުޅުއްވެވި ނައިބު ރައީސް އަހުމަދު އަދީބަށެވެ.

އެކަމާއި ގުޅިގެން ފުލުފުލުގައި އަދީބުގެ މައްޗަށް ދައުވާ އުފުލި އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޝަރީއަތްތަކެއް ނިމި 33 އަހަރުގެ ޖަލު ހުކުމް އަދީބަށް އައެވެ. -- އަދީބުގެ މައްޗަށް ރަނގަޅަށް ޝަރީއަތް ކޮށްލައިފިއްޔާ އެމަތިމައްޗަށް 800 އަހަރުގެ ހުކުމުގެ ބަންޑެލި ޖަލާލެވޭނެ ކަމަށް އެންމެ ފުރަތަމަ އަދީބުގެ ލޯޔަރުކަން ކުރައްވާ ދިފާއު ކުރެއްވުމުގައި އުޅުއްވެވީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުޝައިން ޝަމީމް ވިދާޅުވެ އެވެ.

މޫސުން ބަދަލު ވުމުން ގޮނޑުދޮށް ބަދަލުވާ ގޮތަށް ރައީސް ޔާމީންގެ ސަރުކާރު ބަދަލުވުމުން ކޯޓްތައް ވެސް އެ ފުށް މިފުށަށް ޖެހުމާއެކު އަދީބުގެ މައްޗަށް އައި ހުރިހާ ހުކުމްތަކެއް ވެސް "ރެއެއްގެ މެންދަމުން" ވަކި ގޮތަކަށް ނިމި ބާތިލު ވެގެން ދިޔައީ އެވެ.

އާ ސަރުކާރުގައި މައްސަލަތަކުގެ ތަހުގީގު އަލުން ފެށި އެވެ. އާ ފެށުމުގައި ވެސް ވައްކަމުގެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވީ އަދީބަށާއި ކުރީގެ ރައީސް ޔާމީނަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އިސްވެރިންނަކީ އެއީ ކަމަށް މި ސަރުކާރުގެ ވެރިން ގަބޫލު ކުރައްވަ އެވެ. ސަރުކާރު ބަދަލުވި ފަހުން ވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލުނެވެ. އަދި ދައުލަތާއި އަދީބާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމް ކުރި އެވެ. ނަމަވެސް ވަކި ހިސާބަކުން އެކަން ހިނގާ ގޮތެއް ނުވިއެވެ. އަދި އަދީބު ވެސް ފިއްލަވައި ކަނޑު މަގުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނިކޮށް ރާއްޖެ ގެނައީ ހައްޔަރުކޮށް ގެނެވެ. ފަހުން ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީސްތަކުގައި އަދީބު ވަނީ އެ އެއްބަސްވުމަކީ އޮތް އެއްބަސްވުމެއް ނޫން ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފަ އެވެ.

އޭގެ ފަހުން ކުއްލި ގޮތަކަށް އަދީބުގެ މައްޗަށް އޮތް ހަތް ދައުވާ ކޯޓުން ބޭރުކޮށްލި އެވެ. އެއާއެކު މައްސަލަތައް ބޭރުކޮށްލެވި ފަނޑިޔާރަށް ޕީޖީއާއި ޖޭއެސްސީގެ އަދި ސަރުކާރުގެ ވިސްނުމުގައި ތިބި ގާނޫނީ ވަކީލުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދީބަށް ކުރެވޭނެ 150 ވުރެ ގިނަ ދައުވާ އެބަހުރި ކަމަށް ޕީޖީވެސް ވިދާޅުވަމުން ގެންދެވި އެވެ. އެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ވެސް ވިދާޅުވިއެވެ. އަދި 806 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމް އަދީބަށް އަންނާނެ ކަމަށް ވިދާޅުވަމުން ގެންދެވީ ވަރަށް ބާރަށެވެ.

ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ ހަތް ދައުވާގ އެޕީލްކޯޓް، ހައިކޯޓުގައި ކުރިއަށް ގެންގޮސް އެ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓްގެ މައްޗަށް އަމުރުކުރި އެވެ. އެއާއެކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓްގައި މައްސަލަތަކުގެ އަޑުއެހުންތައް ފެށި އެވެ. ފުރަތަމަ އަޑުއެހުމުގައި އަދީބު ވަރަށް ގިނަަ ވާހަކަތައް ދެއްކެވި އެވެ. އޭނާއަށް ހެއްދެވިފައިވާ ވަރަށް ގިނަ ގޯސްތަކަށް އަމިއްލަފުޅަށް އިއުތިރާފު ވެވަޑައިގެންނެވި އެވެ. އަދި ހަތް ދައުވާއަށް ވެސް އިއުތިރާފުވެ ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ކަޅު ފައިސާ ހުރިހާ ޕާޓީތަކެއްގެ އެތައް ސިޔާސީ ވެރިންނަކަށް ލިބިފައިވާނެ އެވެ. އަދި އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ދައުލަަތަށް އެއްބާރުލުން ދީގެން މައްސަލަ ނިންމަން ބޭނުން ވެއެވެ. އިއްޔެ ނިމިގެން އެދިޔައީ އެ ދެ ފަރާތް ބޭނުންވި ގޮތަށް ރުހިގެނެވެ. ނިމުނު ގޮތާމެދު ނުރުހޭނީ ރައްޔިތުންނެވެ. މިކަން ނިމިގެން އެދިޔައީ ރައްޔިތުން ބޭނުންވި ގޮތަކަށް ނޫނެވެ.

އަދީބަށް މިވީ ކިހިނެތްތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އަދި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ސަރުކާރުގެ ޝައުގުވެރިކަން ހުރީ ދައުލަތުން ގެއްލުނު ފައިސާ ހޯދަންތޯ ނުވަތަ ސިޔާސީ ގޮތުން ސަރުކާރަށް ފައިދާ އާއި މަންފާ ލިބޭނެހެން ވަކި ބައެއްގެ ނަމަށް އެ ބޮޑު ކޮރަޕްޝަން ލޭބަލް ކުރަންތޯ ވެސް ސުވާލު އުފައްދަ އެވެ. އަދި އެ ސުވާލު އުފައްދަނީ ސިޔާސީ ވާދަވެރިން އެކަންޏެއް ނޫނެވެ. މުޅި މައްސަލާގައި ދައުލަތުން އަމަލު ކޮށްފައިވާ ގޮތާއިމެދު ގާނޫނީ ތަޖުރިބާކާރުން ވެސް ސުވާލުތައް އުފައްދަ އެވެ.

އެންމެ ފުރަތަމަ ކަމަކީ އަދީބާއެކެ ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމެވެ. ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ތަހުގީގީ މަރުހަލާފައި ދެ ކަމަކަށް އެއްބަސްވުމަށް ހުށައެޅުމުގެ ފުުރުސަތު ގާނޫނުން ލިބިދެ އެވެ. އެއީ ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވާލުމާއި އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލުމެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް އެފަދަަ އެއްބަސްވުމަކަށް ހުށައެޅުމުގެ ފުރުސަތު ޕީޖީއަށް ވެސް ލިބި ވަޑައިގަންނަވަ އެވެ.

ނަމަވެސް އަދަބު ލުއިކޮށް ދިނުމަށް އެދި ވެވޭ އިއުތިރާފުގެ އެއްބަސްވުމާއި ނަސޭހަތުގެ އެއްބަސްވުން ހެދޭނީ ވަރަށް ގިނަ ޝަރުތުތަކެއް އެކަމުގައި ފުރިހަމަވެގެންނެވެ. ޕީޖީ އޮފީހުން ވަނީ ގިނަ ޝަރުތުތަކެއް ހިމެނޭ ދިގު ލިސްޓަކާއެކު އެކަމާއި ގުޅޭ އުސޫލުތައް އާންމުކޮށްފަ އެވެ.

އަދީބުގެ މައްޗަށް ކުރީ ފަހުގެ ތާރީހުގައި ވެސް ރާއްޖޭގައި ހިންގައި ދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތެވެ. އެއީ ދެ ބިލިއަނެއްހާ ރުފިޔާގެ ހިޔާނާތެކެވެ. ދިިވެހި ދައުލަތުގެ ފައިސާ "މުއްޖަހާފައި" ނަގާ ހިތުހުރި ގޮތަކަށް ބަހައި ބޭނުންކޮށް ތަޅައި ބުރުއްސާލުމުގެ ތުހުމަތެވެ.

ގާނޫނީ ވަކީލުން ސުވާލު އުފައްދަނީ ދައުލަތުން ގެއްލުނު ފައިސާ ނުވަތަ ފައިސާއިން ބައެއް ވެސް ހޯދުމެއްނެތި އަދީބާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުމުންނެވެ. އިއުތިރާފުގެ އެއްބަސްވުމަކީ ދައުލަތަށް އެ އެއްބަސްވުމަކުން މަންފާއެއް ނުވަތަ މަސްލަހަތެއް އޮތުމުން އެކުލަވާލާ އެއްބަސްވުމެކެވެ. އަދީބާއެކު މިފަދަ އެއްބަސްވުމެއް އެކުލަވާލީ ދައުލަތަށް ކޮން މަންފާއެއް ނުވަތަ މަސްލަހަތެއް އޮވެގެންތޯ އެއީ ސުވާލެކެވެ. އެންމެ ބޮޑު މަންފާއަކަށް ވާން ޖެހޭނީ ވަގަށް ދަމައިގަތް ފައިސާތައް ނުވަތަ އެއިން ބައެއް ވިޔަސް ހޯދުމެވެ. އަދީބާއި ސަރުކާރު ބޭނުންވާ ގޮތަކަށް ރުހިގެން އިއްޔެ ހުކުމަކާ ހަމައަށް ދިޔައިރު ވެސް އެއިން ފައިސާ ފޮއްޗެއް ވެސް ދައުލަތަށް ލިބިފައެއް ނެތެވެ.

ކުރީގެ ޖިނާއީ ކޯޓުގެ އިސް ގާޒީ އަދި ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހުމަދު މުއިއްޒާއި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް އުފައްދަވަނީ އެ ސުވާލެވެ. އެއީ އަދީބާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ބުނެދެވިފައިނުވާތީއެވެ.

އެ ދެބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ގާނޫނީ ގޮތުން ފުރިހަަމަ ކުރަންޖެހޭ ޝަރުތުތައް ފުރިހަމަ ކޮށް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ މިފަދަ މައްސަލައެއްގައި އެއްބަސްވުމެއް އެކުލަވާލި ސަބަބު ހާމަ ކޮށްދޭން ޖެހޭނެ އެވެ. އަނެއް ކަމަކީ ގެއްލުނު އެއްވެސް ފައިސާގެ އެއްވެސް މިންވަރެއް ހޯދުމެއް ނެތި އަދީބާއެކު އެއްބަސްވުމެއް ހެދުމެވެ. އެ ދެ ބޭފުޅުންގެ ނަޒަރުގައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ދައުލަތް ހަދާފައިވާ ވަރަށް ބޮޑު ގޯހެކެވެ.

"ހިޔާނާތްތެރިވި ފައިސާއިން އެއްވެސް މިންވަރެއް ނުހޯދާ އަދަބު ލުއި ދިނުމަށް އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އެހެން ކަމުން މައްސަލައިގެ ފެށުމުގައި ވެސް ދައުލަތުން ވަނީ ގޯސް ހަދާފަ އެވެ. ދައުލަތަށް އެއްވެސް މަންފާއެއް ނުވަތަ ފައިދާއެއް ނެތް ކަމެއްގައި ހަމައެކަނި ހުސް ވާހަކަތަކެއް ހޯދަން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ ނިޔަތާމެދު ވަރަށް ބޮޑަށް ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ. މިއީ ރައްޔިތުންނަށް ހޯދައި ދޭން ޖެހޭ އިންސާފުގެ ބަދަލުގައި ސިޔާސީ ވަކި ވެރިންތަކަކަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ ވާހަކަތަކެއް އަދި ވަކި ބަޔަކަށް ސިޔާސީ ގޮތުން ހަމަލާ އާއި ބޮނޑިދޭނެ ޓޫލެއް ހޯދަން ކުރި ކަމެއް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

ހިޔާނާތްތެރިވި ފައިސާއިން އެއްވެސް މިންވަރެއް ނުހޯދާ އަދަބު ލުއި ދިނުމަށް އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން
އަހުމަދު މުއިއްޒު | ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް

ދެން އޮތީ ޕީޖީ ޝަމީމް ކުރިން ދެއްކެވި ވާހަކަތަކެކެވެ. އަދީބުގެ މައްޗަށް 806 އަހަރުގެ ޖަލު ހުކުމް އަންނާނެ ދައުވާތައް ކުރެވޭނެ މިންވަރަށް ހެކި ހުރެ އެ ދައުވާތައް ނުކޮށް އިއުތިރާފުގެ އެއްބަސްވުމެއް ހެދުމެވެ. ސަތޭކަ ފަންސާސް ދައުވާ ކުރެވޭނެ ހެކި ދައުލަތުގައި ހުރެމެ، ދައުލަތް އިސްވެ އެ މީހާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ރުހޭ ހުކުމަކުން" މައްސަލަ ކޮޅެއްގައި ޖައްސާ ނިންމާލި އިރު ދައުލަތުން ގެއްލުނު ފައިސާ ހޯދުން އެއީ އެންމެ މުހިންމު އަދި އެންމެ އިސްކަންދޭން ޖެހޭ ކަންތައް ނަމަވެސް އެކަން ކުރެވޭނެ ގޮތްތަކެއް ހޯދާފައިވާ ކަމަށް ރަތްޔިތުންގެ ގާތުގައި ދައުލަތަށް ބުނެދެވިފައެއް ނެތެވެ. އެންމެ ކުޑަ މިނުން އެއްބަސްވުމެއް އެކުލަވާލީ އެ މަގު ތަނަވަސް ކުރަން ކަމަށްވެސް ބުނެދީފައެއް ނެތެވެ.

"އެއްބަސްވުމަކާ ނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެން. ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވިކަން ސާބިތު ކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދައުވާ ހަތް ދައުވާއަށް ބަދަލު ކުރީ ކީއްވެ؟" ކުރީގެ ގާޒީ ހައިލަމް ސުވާލު އުފެއްދެވި އެވެ.

އަދި ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ކިތާބީ ހެކި އެފަދަަ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ނުހެދޭނެ ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ.

އެއްބަސްވުމަކާ ނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެން. ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވިކަން ސާބިތު ކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދައުވާ ހަތް ދައުވާއަށް ބަދަލުކުރީ ކީއްވެ
އަހުމަދު ހައިލަމް | ކުރީގެ އިސް ގާޒީ

އަދީބަށް ކުރި ތުހުމަތުތަކާ ގުޅޭގޮތުން އެންމެ ފާޅުގައި އޭނާއަށް ތަފާތު ތުހުމަތުތައް ކުރައްވާ ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދީބުގެ މައްސަލަ މިހާރު އެނބުރި ނިމުނު ގޮތާއި ގުޅޭގޮތުން އުމަރު އެއް ގޮތަކަށް ވެސް ހައިރާންވެ ވަޑައެއް ނުގެންނެވި އެވެ. ވަރަށް ކުރުކުރުކޮށް ވިދާޅުވި ގޮތުގައި އަނބުރަ އަނބުރާގައި އަދީބުގެ މައްސަލަ ގެންދިޔަ ގޮތާއި ނިންމާލި ގޮތުން ދައްކައި ދެކެނީ ދިވެހި ރާއްޖޭގެ ސިޔާސީ ހާލަތާއި ކަންކަން ހިނގާ ގޮތެވެ. އަދި ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދިނުމުގައި ސިޔާސީ ވެރިންގެ އިހުލާސްތެރިކަން ނެތުމެވެ.

"އަދީބުގެ މައްސަލަ އާއި އެކަން ގެންދިޔަ ގޮތާއި އިއްޔެ ކުރި ހުކުމް މި ރަމްޒުކޮށް ދިނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަރާބުވެފައި އޮތް މިންވަރު،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރައްޔިތުންނަށް ނޭނގުނު ނަމަވެސް ސިޔާސީ ވެރިންނަށް އެނގިގެންވި ހިޔާނާތެކެވެ. އެކަމުގައި އިސްކޮށް ހުންނެވީ އަދީބު ނަމަވެސް އެ ފައިސާއިން މަންފާ ލިބުނު ސިޔާސީ ވެރިންގެ އަދަދު މަދެއް ނުވާނެ އެވެ. ލިސްޓު ކުރެއް ނުވާނެ އެވެ. ނޫނީ ވަރަށް މަދު ބޭފުޅެއް ނޫނީ އެ ކަމުން ސަލާމަތްވާކަށް ނެތެވެ.

ހުކުމުގެ ކުރިޔަށް އޮތް ޝަރީއަތުގެ މަޖިލީހުގައި ވެސް އެމްއެމްޕީއާރުސީގެ ކަޅު ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. ނުވަަތަ ހުރިހާ ޕާޓީތަކަށް ވެސް އެ ފައިސާ އޭނާ ފޯރުކޮށް ދެއްވި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މަޖިލީސް މެންބަރުންނާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ވެސް ތިއްބެވީ އެ ފައިސާގައި ޖެހިފަ އެވެ. އެހެން ކަމަށްވީއިރު އޭނާ ހިމެނޭހެން އެ ހުރިހާ އެންމެންނަށް ވެސް އަދަބު ލިބެން ޖެހޭނެ އެވެ.

އަދީބު ވިދާޅުވި ގޮތުގައި އެ ހިޔާނާތުގެ އިސްވެރިއަކީ ނުވަތަ އެ ކަމުގައި އޭނާއަށް ލަފާ ދެއްވި ބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. އޭނާ ކުރެއްވި ކޮންމެ ކަމެއްވެސް ކުރެއްވީ ރައީސް ޔާމީންގެ އޯޑަރަށެވެ.

"ހުރިހާ އެންމެންވެސް ތިބީ އަނގަ ހުޅުވައިގެން އޭނަ [އަދީބު] ލަވައިދޭނެ ކަމަށް. އެހެންވީމަ އޭނަ ދިޔައީ އޭނަ ބޭނުން މީހެއްގެ އަނގަޔަށް ލަވައި ދެމުން. އެ ވާހަކަ ނޫންތޯ އަދީބު އެ ވިދާޅުވީ،" އަބަދުވެސް އަދީބުގެ ކަންކަމާއި ދެކޮޅު ހެއްދެވި އުމަރު ވިދާޅުވި އެވެ.

ހުރިހާ އެންމެންވެސް ތިބީ އަނގަ ހުޅުވައިގެން އޭނަ [އަދީބް] ލަވާނެ ކަމަށް. އެހެންވީމަ އޭނަ ދިޔައީ އޭނަ ބޭނުން މީހެއްގެ އަނގަޔަށް ލަވަމުން. އެ ވާހަކަ ނޫންތޯ އަދީބު އެ ވިދާޅުވަނީ
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

އަދީބާއެކު އިއުތިރާފު އެއްބަސްވުން އެކުލަވާލި ސަބަބާއި އެކަމުގައި ޕީޖީގެ ނިޔަތާމެދު އުމަރު ވެސް ސުވާލު އުފައްދަވަ އެވެ. އޭނާވެސް ފާހަގަަ ކުރެއްވީ ދައުލަތަށް ފައިދާއެއް ނުވަތަ ލިބުނު ގެއްލުމަށް ބަދަލެއް ލިބެން ނެތް ކަމެއްގައިި އިއުތިރާފުގެ އެއްބަސްވުމެއް ހެދި ހެދުމެވެ.

"އެފަދަ އެއްބަސްވުންތައް މި ހަދަނީ ދައުލަތަށް ރިޓާންގައި އެއްޗެއް ލިބޭތީ. ނަމަވެސް މި މައްސަލާގައި ނެތް އެފަދަ ކަމެއް. އަޅުގަނޑުގެ ނަޒަރުގައި އަނެއްކާ ވެސް އަނެއް ކޮރަޕްޝަންގެ އަމަލު މި ހިންގީ،"

ރައީސް ޔާމީން ސަރުކާރުގެ އެންމެ ފަހުގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ބޮޑު ހިޔާނާތުގައި ގެއްލުނު ފައިސާއިން އެއްވެސް އަދަދެއް ހޯދުމެއް ނެތި އަދީބާއެކު އެއްބަސްވުމެއް ހެެދުމަކީ ރައްޔިތުންނަށް ދިން ނުބައި މެސެޖެކެވެ. އަދި އެއީ ގެއްލުނު ފައިސާ މި ސަރުކާރަށް ނުހޯދޭނެ ކަމަށް ކުރި އިއުލާނެކެވެ. ނުވަތަ ސަރުކާރުންވީ އިއުތިރާފެކެވެ.

"ފަހަރުގައި މިއީ ސަރުކާރުން ބޭނުންވާ ނަންތަކެއް ހާމަކޮށް، ސަރުކާރުން ބޭނުން ނުވާ ނަންތަކެއް ހާމަ ނުކުރުމަށް ވެވުނު އެއްބަސްވުމަކަށް ވެސް ވެދާނެ،"

ޝަރީފްގެ ނަޒަރުގައި ސަރުކާރުން އަދީބަށް އައީ ލަނޑު ދެމުންނެވެ. ހުކުމް ޖަހާ އެ ނިންމާލީ ވެސް ލަނޑެއް ދީގެނެވެ. އެއްބަސްވުމުގެ ތެރެއިން އެކި ފަަހަރު އެކި ގޮތަށް އަދީބު ވާހަކަ ދައްކެވީ އެހެންވެގެންނެވެ. ކޮންމެ ގޮތަކަށް ކަން ދިޔަ ނަމަވެސް ބޮޑު ހިޔާނާތަށް މި ފަސް އަހަރު އިންސާފެއް ނުލިބޭނެ އެވެ. އެންމެ ކުޑަމިނުން ކަޅު ފައިސާ ލިބުނު އެންމެންގެ ނަން ހާމަކުރާކަށް ވެސް މި ސަރުކާރަށް ނުކެރޭނެ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ސަރުކާރަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ މައުލޫމާތު ވެސް ހާމައެއް ނުކުރާނެ. އެއީ އެ ލިސްޓްގައި މި ސަރުކާރުގެ މީހުން ވެސް ހިމެނޭތީ. އެ އިހުލާސްތެރިކަން ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި އެގޮތަކަށް ނޫން އަމަލުތައް ވެސް ފެންނަނީ،"

އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިންސާފު ލިބޭނީ ކޮރަޕްޝަންގެ ހުތުރު ލައްގަނޑުން ސަލާމަތްވެ ތިބެ އިހުލާސްތެރިކަމާއެކު އެ މަސައްކަތް ކުރާނެ ބަޔަކު އެ މަސައްކަތާއި ހަވާލުވި ދުވަހަކުންނެވެ. ގައިމުވެސް އެފަދަ ބަޔަކު މި ސަރުކާރުގެ ތެރެއަކު ނެތެވެ.

ފަހަރުގައި މިއީ ސަރުކާރުން ބޭނުންވާ ނަންތަކެއް ހާމަކޮށް، ސަރުކާރުން ބޭނުން ނުވާ ނަންތަކެއް ހާމަ ނުކުރުމަށްވެވުނު އެއްބަސްވުމަކަށްވެސް ވެދާނެ
އާދަމް ޝަރީފް އުމަރު | ކުރީގެ ޑިފެންސް މިނިސްޓަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވި ދުވަސްވަރު އަދީބުގެ ފޯނެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި އޮވެއެވެ؛ އަދި މައްސަލައިގެ ތަހުގީގަށް އެ ފޯން ބޭރުގެ ތަހުގީގީ ޓީމަކާއި ހަވާލު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވެފައި އޮވެ އެވެ. އެ ފޯނުން އެތައް މައުލޫމާތެއް ސާފުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި އޮންނާނެ އެވެ. ނަމަވެސް އެއިން އެއްވެސް މައުލޫމާތެއް އާންމެއް ނުވިއެވެ. އެ ތަހުގީގަކުން ފެނުނު އެއްޗެއް ހޯދުނު ކަމެއްވެސް "ހަތްހަރާމުން ހަރާމެ" ވެ.

އާންމު ބައެއް މީހުން އެ ހަނދާންތައް އާކުރެ އެވެ. އެ ފޯނުގައި ހުރި މައުލޫމާތުތައް އާންމު ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރެ އެވެ. އަދި ފަހުން އެ ވާހަކަ ނުދެއްކި ސަބަބާމެދު ވެސް ސުވާލު އުފައްދަ އެވެ.

"ސަރުކާރުގެ އެންމެ މަތިން ފެށިގެން ތިރިއަށް ތިބީ އޭގެ މީހުން. މަޖިލީހުގެ ދޮރު ހުޅުވާއިރު ފެންނަން ތިބީވެސް އޭގެ މެންބަރުން. އެހެންވީމަ މި މައްސަލަ ބެލުމުގެ ރަނގަޅު ނިޔަތެއް ސަރުކާރުގައި ނެތް. އަދި އެ ވިދާޅުވާ ފޯނުން ފެނުނު ލިސްޓެއް ވެސް އާންމެއް ނުކުރާނެ،" މީހަކު ބުންޏެވެ.

އަދީބުގެ ވާހަކަތަކާއި ގުޅިގެން ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ. ހިޔާނާތުގެ އެންމެ ފައިސާ ފޮއްޗެއް ވެސް އަދާލަތަށް އަދި އަދާލަތުގެ އިސްވެރިއަކަށް ވެސް ލިބިފައިނުވާ ކަމުގެ އެ ޕާޓީން ކަށަވަރުކޮށްދެ އެވެ. އެމްޑީީޕީން ވެސް ތުހުމަތު ދޮގުކޮށް އެދިފައިވަނީ ކަޅު ފައިސާ ލިބުނު އެންމެންގެ މައްސަލަ އަވަހަށް ބަލާށެވެ. ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރުވެސް ހަވާލެއް ނުވެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބުނަނީ މާ ވަރުގަދަ ވާހަކައެކެވެ. އެ ދެ ކޭމްޕް ފިޔަވައި އެހެން ހުރިހާ ސިޔާސީ ކޭމްޕަކަށް އެ ފައިސާ ވެއްދި އެވެ. ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް ފުރޮޅާލައި އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ އިސްތަށިފުޅުގައި ހުރިހާ ވައްކަމެއް އަޅުވާށެވެ.

އެއް ކަމެއް ޔަގީނެވެ. ހުކުމުގެ ކުރީން ޝަރީއަތުގައި އަދީބު ވިދާޅުވި ވާހަކަތަކުން ޕާޓީތަކާއި ސިޔާސީ ލީޑަރުންނާއި ސިޔާސީ މީހުނާއި މަޖިލިސް މެންބަރުންނާއި ގާޒީންނާއި އެންމެ ކަންބޮޑުވެ ވަނީ ދާހިތްލާފަ އެވެ. އަދީބު ވިދާޅުވާ ގޮތަށް ބޮޑު ހިޔާނާތުގެ ބޮޑު މަންޒަރު ފެނިވަޑައިގެންފައިވަނީ އޭނާއަށެވެ. އެހެން ކަމުން މުޅި މަންޒަރު އޭނާއާ ނުލައި ސާފެއް ނުވާނެ އެވެ.

ނަމަވެސް މިހާތަނަށް ކަން ހިނގައި ދިޔަ ގޮތާއި އިއްޔެ ޝަރީއަތުން ކަން ނިމިގެން މިދިޔަ ގޮތާއެކު ބަދަލުވީ މަންޒަރުތަކުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެކި ގޮތްގޮތުން ފައިސާ ލިބުނު މީހުނާއި އަދަދާއި ލިސްޓާއި އޭގެ ހަގީގީގަތްތައް ވެސް ނޭނގުމުގެ ތެރެއަށް ގޮސް ގެއްލި ހުސްވެގެން ދިޔައީ އެވެ. ރައީސް ޔާމީންގެ ބާރުގަދަ ވެރިކަމުގައި ހިނގައި ދިޔަ ގޮތް ނޭނގޭ އެކަމަކު ހަގީގަތަށް ވާސިލުވާން ބޭނުންވާ ކަންކަން ފަދައިން މިކަން މި ނިމިގެން މިދިޔަ ގޮތުގައިވެސް އެއްވެސް ތަފާތެއް ވަކި ކޮބައި ހެއްޔެވެ؟ ހުރިހާ ޕާޓީތަކަކުން ފައިސާ ލިބުނު ހުރިހާ ބޭފުުޅުންގެ ނަންތައް އަދި އެ ބޭފުޅުންނަށް ލިބުނު ފަައިސާގެ އަދަދު ހަގީގަތާއި އެއްގޮތަށް ހާމަ ކުރަން ކެރިވަޑައިގަންނަވާނެބާ އެވެ. ނުވަތަ އެ ފުުރުސަތު ސަރުކާރުން ދޭނެބާވަ އެވެ. ވަރަށް ހީ ނުވެއެވެ.