މުހައްމަދު މަލީހު ޖަމާލް

ސަރުކާރު ކޯލިޝަން އޮތީ ރޫޅިފައި: މަލީހު

އިތުބާރު ނެތްކަމުގެ މައްސަލާގައި މަލީހު މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގަންނަވަނީ: މަލީހު މިހާރު ވިދާޅުވަނީ ސަރުކާރު ކޯލިޝަން ނެތް ކަމަށް -- ފޮޓޯ: މަޖިލިސް
100%
0%
0%

މި ސަރުކާރު ހިންގާ ކޯލިޝަން މިހާރު އޮތީ ރޫޅިފައި ކަމަށް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ 58 މެންބަރުންގެ ވޯޓާއެކު މަގާމުން ދުރުކުރި މަލީހު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން އެއްބަސްވީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ގުޅިގެން ވާދަ ކުރަން ކަމަށެވެ. ނަމަވެސް އެކަން ނުވީ ވެފައިވާ ވައުދާ އެމްޑީޕީން ހިލާފުވުމުން ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ކޯލިޝަން އޮތީ ރޫޅިފައި ކަމަށެވެ. އަދި ރައްޔިތުންނަށް ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދަކީ ކޯލިޝަން އެގްރީމެންޓާ ޕާޓީއަކުން ހިލާފުވެއްޖެނަމަ އަލުން އިންތިހާބަކަށް ދިއުން ކަމަށް ވިދާޅުވެ އިންތިހާބަކަށް ދިއުމަށް ނުސީދާކޮށް އޭނާ ގޮވާލެއްވިއެވެ.

"ކޯލިޝަން އެގްރީމަންޓްގައި އެއްބަސްވެވިފައި ވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްގެ އިންތިހާބުވެސް އިއްތިހާދުވެގެން ދާން. ވައުދު ބޯލާލާޖެހީ އެމްޑީޕީން. ކޯލިޝަން އޮތީ ރޫޅިފަ. ރައްޔިތުންނަށް ވައުދުވީ ކޯލިޝަން އެގްރީމަންޓް އާއި ހިލާފުވެއްޖެ ނަމަ އިންތިހާބަކަށް ދާން،" މަލީހު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްގެ ބައިވެރިވުން އޮތް ސަރުކާރެކެވެ. މި ސަރުކާރުގައި އެ ޕާޓީތަކަށް ހިއްސާ އޮންނަ މިންވަރު ކަނޑައަޅާ މާކުރިން ވަނީ އެއްބަސްވުން އެކުލަވާލާފައެވެ. ވެރިކަމަށް ވަޑައިގެން އެއްބަސްވުމާއި އެއްގޮތަށް ހިއްސާ ދިން ނަމަަވެސް ވެރިކަމަށް ދެ އަހަރުވީއިރު ފަސް ވަޒީރަކު ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި މުޅީންވެސް ހިމެނެނީ އެމްޑީޕީ ނޫން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނެވެ.

މީގެ އިތުރުން އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް އެ ވަޒީރުންނަށް ކަންކަން ނުކުރެވޭ ކަމުގެ ތުހުމަތުކޮށް އެކި ވަޒީރުންނާ އެކި ގޮތްގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ ދިމާކުރަމުންނެވެ. ނަމަވެސް ކޯލިޝަން ވަރުގަދަ ކަމަށް ވިދާޅުވެ އެ ގޮތުގައި ފަސް އަހަރަށް ދަމަހައްޓަވާނެ ކަަމަށް ރައީސް ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވޭ -- އަވަސް

ގިނަ ޕާޓީތަކެއް އެކުލެވޭ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މަޝްވަރާކޮށްގެން އެ ފަދަ މައްސަލަތައް ހައްލުކޮށް ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މަޝްހޫރު "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކޯލިޝަނާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ތަފާތު ފިކުރުގެ ޕާޓީތަކެއް ހިމެނޭ ކޯލިޝަނެއްގައި ދެބަސްވުންތަކާއި ހިތްހަމަނުޖެހުން ހުންނާނެ ކަމަށެވެ. ނަމަވެސް، 2018 އިގެ އިންތިހާބު ކާމިޔާބުކޮށް، ޕާޓީތައް ގުޅިގެން ރައްޔިތުންނަށް ވައުދުވި "ޖަޒީރާ ރާއްޖެ" ހަގީގަތަށް ހެދުމުގެ ވިސްނުމާއި އަޒުމަށް ބަދަލެއް ނާންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގިނަ ގޮންޖެހުންތަކާއެކުވެސް، މިހާތަނަށް ކޯލިޝަން ދެމެހެއްޓިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން [ޕާޓީތައް] އެއްގަލަކަށް އެރި ސަބަބުގެ މަތީގައި، މަޝްވަރާކޮށްގެން ކުރިމަތިވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

އިދިކޮޅު ބޭފުޅުންގެ ނަޒަރުގައި ކޯލިޝަން މިހާރު އޮތީ ނަމެއްގައެވެ. އަދި އެއީ ލީޑަރުންގެ މަސްލަހަތަށްޓަކައި ދަމަހައްޓާ ދެމެހެއްޓުމެކެވެ. ކޯލިޝަން ލީޑަރުންގެ ތެރެއިން އިމްރާން އަބްދުﷲ ހުންނެވީ ހޯމް މިނިސްޓަރަކަށެވެ. ކޯލިޝަންގެ އަނެއް ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޓްރާސްޕޯޓް މިނިސްޓަރަކަށް ހުންނެވިއިރު ކޯލިޝަން ލީޑަރު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަކީ ހެރިޓޭޖް މިނިސްޓަރެވެ.

މި ސަރުކާރު ހިންގަން ބޭނުން ވަނީ އެމްޑީޕީ މެންބަރުން އެދޭ ގޮތަށް އެމްޑީޕީން އެކަނި ކޯލިޝަނަކާ ނުލައި ސަރުކާރު ހިންގާ ގޮތަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ ވާހަކަތައް އާޒިމް މެދުވެރިކޮށް ދައްކަވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ކަމަށް ކޯލިޝަންގެ ބައެއް ލީޑަރުން ދެކެވަޑައިގަންނަވައެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

އެމްޑީޕީ އަކީ އަހުދަކަށް ވައުދަކަށް ބަލާ ބައިގަޑެއް ނޫން އަވަސް އަރުވާލައިގެން އެއްކޮށް ކައިހުސްކުރަން އުޅެނީ !

ސައީދާ

ޖުމްހޫރީ ޕާޓީ އަކީ ކަމެއްވާ ޕާޓީ އެއް ނަ،ަ މަނިކްފާންއައް ތިހެން ވީސްތޯ.އެއްފަހަރުވެސް ވިސްނަވާލެއްވިތޯ

ރަޒިއްޔާ

މަލީހައް ހާލު ޖައްސާފައި ވަކި މިމީހުންނައް ކޮންއުފަލެއްތޯ އޮތީ

ސައުނާ

އެގްޒެކްޓްލީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910