ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެފަދަ މަޝްވަރާއެއް އަދި ކުރައްވާފައި ނުވާ ކަމަށް ބައެއް ޕާޓީތަކުން ބުނެފި އެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ އެ މަސައްކަތް ރައީސް ސޯލިހް ފެއްޓެވީ ކޯލިޝަން ޕާޓީތަކަށް އެކަން އެންގެވުމަށްފަހު އެވެ. ބައެއް ޕާޓީތަކަށް ސިޓީ މެދުވެރިކޮށް އަދި ބައެއް ޕާޓީތަކުގެ ލީޑަރުންނަށް ފޯނުން ގުޅުއްވާ އެކަން އަންގަވާފައިވެ އެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ރައްޔިތުން އެ މެސެޖު ވެސް ސަރުކާރަށް ދީފައިވާ ކަމަށެވެ.
"ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޯލިޝަންގެ ޕާޓްރަނުންނާއެކު މި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން. ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަތަކުގެ ތެރެއިން އެެއް ވާހަކައެއް ހިންގަވަން ތިއްބަވާ ބޭފުޅުންނާ ގުޅޭ ވާހަކައަކީ. އަދި އޭގެ ތެރެއިން އެއް ސަބް ޕޮއިންޓް ކެބިނެޓްގައި ތިއްބަވާ ވަޒީރުންނާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް. ޖުމްލަ ގޮތެއްގައި އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން ދަނީ،" މަބުރޫކް ވިދާޅުވި އެވެ.
އެ ވާހަކަތަކާއި ގުޅިގެން އަވަސްއާ ވާހަކަ ދެއްކި ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވީ ކެބިނެޓަށް ބަދަލުތަކެއް ގެންނަންވަން ނިންމަވާ ކަމަށް ވިދާޅުވުން ފިޔަވައި އެހެން މަޝްވަރާތަކެއް އަދި ކުރައްވާފައި ނުވާ ކަމަށެވެ. ޗީފް އޮފް ސްޓާފް ސޮއިކުރައްވާ ރައީސްގެ އެންގެވުން ސިޓީއަކުން ފޮނުއްވާފައިވާ ކަމަށާ ނަމަވެސް އެ ސިޓީން ބަދަލު ގެންނަން ޖެހެނީ ކޮން ވުޒާރާތަކަކަށް ކަމެއް އަދި އަންނަން ޖެހޭ ބަދަލުތަަކަކީ ކޮބައިކަމެއް ސާފުނުވާ ކަމަށެވެ.
"އެ ސިޓީގައި އޮތީ އެމަނިކުފާނު ގަސްތުކުރައްވާ ނުވަތަ ނިންމަވާފައި އޮތް ކަމެއްގެ ވާހަކަ. އޭގެ ފަހުން ކުރަން ޖެހޭ ކަމަށް ވިދާޅުވާ މަޝްވަރާ އަދި ނުކުރައްވާ. ރޭގައި ސަރުކާރުން އެހެން ވިދާޅުވީ ކީއްވެ ކަމެއް އަޅުގަނޑުމެންނަށް ނޭނގެ،" ކުރިން މަޖިލީސް މެންބަރުކަން ކުރެއްވި ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
އެހެން ޕާޓީއެއްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި އެއްވެސް ވަޒީރެއްގެ މަގާމު ބަދަލު ކުރައްވާނަމަ އެ ވަޒީރަކަށް ނުކުރެއްވުނު ކަމެއް ބުނެދެއްވަން ޖެހޭނެ އެވެ. އަދި އެއީ ހަގީގަތް ނަމަ އެ ވަޒީރަކަށް އެހެން މަގާމެއްވެސް ދެއްވަން ޖެހޭ ސަބަބެއް ނެތެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ވަރަށް ބޮޑު ކަމެކެވެ. އެކަމުގެ ސަބަބުން ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ބުރޫއަރާނެ ފަދަ ކަމަކަށް އެކަން ވެދާނެ އެވެ. އެހެންވީމަ ރައީސް އިސްވެ ރަނގަޅު މަޝްވަރާތަކެއް ކުރެއްވުން ވަރަށް މުހިންމެވެ.
"މިހާރުވެސް އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކެއްގެ ގޮނޑިއެއް ކެބިނެޓުން ގެއްލިއްޖެ. ޝަކުވާ އޮތަސް އެ ވާހަކަތައް ބޭރުނުވެ އޮތީ ކޯލިޝަން ދަމަހައްޓަން ހުރިހާ ޕާޓީތަކުންވެސް ބޭނުންވާތީ. ނަމަވެސް މިހާރު އިވޭ އަޑުތައް އެއީ ހަގީގަތެއް ނަމަ އަދި އެގޮތަށް ރައީސް އަމަލު ކުރައްވައިފިނަމަ ކޯލިޝަނަށް ގޮންޖެހުން ކުރިމަތިވާނެ. ކޯލިޝަން ދަމަހައްޓަން ފަސޭހައެއް ނުވާނެ. އެހެންވީމަ ޕާޓީތަކުގެ މެދުގައި ރަނގަޅު އަންޑަސްޓޭޑިންއެއް އޮވެގެން ރައީސް އިސްވެ ގެންނަވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން މުހިންމު. އަދި އެއްބަސްވެވޭ ގޮތަކަށް ކަންކަން ނިންމުން ވަރަށް ބުއްދިވެރި،" ނަން ހާމަނުކުރައްވަން އެދިވަޑައިގެން ޕާޓީއެއްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިއެވެ.
ވަރަށް އިތުބާރު ހުރި ފަރާތަކުން އަވަސްއަށް މައުލޫމާތު ދެއްވި ގޮތުގައި ހަަތަރު މަގާމަކަށް ބަދަލު ގެނައުމަށް ވަނީ ނިންމަވާފަ އެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓަރާއި، ފިޝަރީޒް މިނިސްޓަރާއި، ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމެވެ.
ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމާފައިވާއިރު ފިޝަރީޒް މިނިސްޓަރުކަން ދެއްވަނީ މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަށެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހަމަޖައްސަވަނީ ރައީސުލްޖުމްްހޫރިއްޔާގެ އޮފީހުގެ ޕޮލިސިޓީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެވެ. ސައިންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ ކުރީގެ މިނިސްޓަރު މަހުމޫދު ރާޒީ ކަމަށް އެނގިފައިވެ އެވެ.
މި ނޫން ބައެއް ބަދަލުތައް ގެންނެވުމަށް ރައީސް ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް އެކަމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރެއްވުމުންވެސް ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ ބަދަލު ގެންނަވާނީ ލީޑަރުންގެ މަޝްވަރާތައް ނިމުމުން ކަމަށެވެ. އަދި ކެބިނެޓަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އިތުރަށް ވިދާޅުވެވޭނެ އެއްޗެއް މިވަގުތު ނެތް ކަމަށެވެ.