ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ ބައެއް ވަޒީރުން މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިފި އެވެ.
ވަޒީރުންގެ މަޖީލިހަަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.
އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މަސައްކަތް ރައީސް ސޯލިހް މިހާރު ވަނީ ފައްޓަވާފަ އެވެ. އަދި ރަސްމީކޮށް ސިޓީއަކުން އެކަން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވަނީ އަންގަވާފަ އެވެ. އެ ސިޓީގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ބައެއް ވަޒީރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށާ އެކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ފޮނުއްވެވި ސިޓީގައި މަގާމުން ވަކިކުރަން ނިންމަވާފައިވަނީ ކޮން ވަޒީރުންނެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސްގެ ސިޓީއާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ރައީސް ސޯލިހަށް ޖަވާބުވެސް ދީފަ އެވެ. އެނގިފައިވާ ގޮތުގައި ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ވަނީ ރައީސްގެ އެ ނިންމެވުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެއްވެސް ވަޒީރަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށް ކުރިން އެންގެވުމަކާ ނުލައި ކުއްލި ގޮތަކަށް އެފަދަ ނިންމެވުމެއް ނިންމަވާތީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަވަސްއަށް ޔަގީންވާ ގޮތުގައި ވަރަށް އަވަހަށް ދެ ވަޒީރަކު މަގާމުން ދުރުކުރަން ވަނީ ނިންމާފަ އެވެ. އެއީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ ދެ ވަޒީރަކު ކަމަށްވެސް އެނގިފައިވެ އެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެ ޕާޓީން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އަދި ރައީސްގެ ސިޓީއެއް ލިބުނު ކަމަށްވެސް ބުނެފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ސަރުކާރަށް ހެޔޮ ބަދަލުތަކެެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ރައީސް ކުރިން ދެއްވަވާފައިވާ ކަމަށެވެ. ނަމަވެސް ވަޒީރުންތަކެއް ވަކިކުރަން އުޅޭ ކަމަށް މިހާރު ދެކެވެމުން މިދާ ވާހަކަތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް މިހާރު ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކޮށްފައިވާއިރު ބައެއް ވަޒީރުން ވަނީ ޕްރެޝަރުތަކާއި ހެދި އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވާފަ އެވެ.
އެގޮތުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު އާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ. އެ ތިން ބޭފުޅުންވެސް މަގާމުން އިސްތިއުފާ ދެއްވީ ބޮޑެތި ޕްރެޝަރުތަކަކާއި ފާޑުކިޔުންތަކެއް އެމްޑީޕީގެ ތެރެއިން އަމާޒުވެ މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ ގުޅިގެންނެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ދުރުކުރިިއިރު ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް ހުންނެވި މުހައްމަދު މަލީހު ޖަމާލް މަގާމުން ދުރުކުރީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަޖިލީހުންނެވެ. އެ މަގާމު އަދިވެސް އޮތީ ހުސްކޮށެވެ.