ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ކޯލިޝަން ރޫޅާލުމުގެ ވިސްނުމެއް ނެތް"

މި ސަރުކާރު ހިންގާ ކޯލިޝަން ރޫޅާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާ ފަސް އަހަރަށް ކޯލިޝަން ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހް ވިދާޅުވީ ސަރުކާރު އުފެދުނީ ކޯލިޝަނެއްގެ ތެރެއިން ކަމަށާ ކޯލިޝަން ފަސް އަހަރަށް ދެމި އޮންނާނެ ކަމަށެވެ. ކޯލިޝަން ރޫޅާލުމުގެ އެއްވެސް ވިސްނުމެއް އަދި ކޯލިޝަން ބައިބައިވުމަށް ފުރުސަތުވެސް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މިއީ ކޯލިޝަން ސަރުކާރެއް. މި ސަރުކާރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން. އިރާދަކުރެއްވިއްޔާ މި ކޯލިޝަން ފަސް އަހަރު ދެމި އޮންނާނެ. ކޯލިޝަން ރޫޅާލުމުގެ އެއްވެސް ވިސްނުމެއް އަދި ބައިބައިވުމަށް ފުރުސަތު ދިނުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލީޑަރުންގެ ބައްދަލްވުންތައް ނުބޭއްވެނީ ކޮވިޑްގެ ސަބަބުން ކަމަށާ ނަމަވެސް ލީޑަރުންނާއި އޮތީ ރަނގަޅު ގުޅުމެއް ކަމަށެވެ. ރައީސް އެހެން ވިދާޅުވި ނަމަވެސް ލީޑަރުންގެ ބައްދަލްވުންތައް ކޮވިޑްގެ މާކުރިން އޮތީ ހުއްޓިފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކަންކަން ނިންމަނީ ވަޒީރުންނާއި ލީޑަރުންގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑާ ހުރިހާ ޕާޓީތަކުގެ ލީޑަރުންނާއި ބަރާބަރަށް ގުޅުން އޮވޭ،"

ގިނަ ޕާޓީތަކެއް އެކުލެވޭ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މަޝްވަރާކޮށްގެން އެ ފަދަ މައްސަލަތައް ހައްލުކޮށް ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ބޭފުޅުންގެ ނަޒަރުގައި ކޯލިޝަން މިހާރު އޮތީ ނަމެއްގައެވެ. އަދި އެއީ ލީޑަރުންގެ މަސްލަހަތަށްޓަކައި ދަމަހައްޓާ ދެމެހެއްޓުމެކެވެ. ކޯލިޝަން ލީޑަރުންގެ ތެރެއިން އިމްރާން އަބްދުﷲ ހުންނެވީ ހޯމް މިނިސްޓަރަކަށެވެ. ކޯލިޝަންގެ އަނެއް ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޓްރާސްޕޯޓް މިނިސްޓަރަކަށް ހުންނެވިއިރު ކޯލިޝަން ލީޑަރު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަކީ ހެރިޓޭޖް މިނިސްޓަރެވެ.

މި ސަރުކާރު ހިންގަން ބޭނުން ވަނީ އެމްޑީޕީ މެންބަރުން އެދޭ ގޮތަށް އެމްޑީޕީން އެކަނި ކޯލިޝަނަކާ ނުލައި ސަރުކާރު ހިންގާ ގޮތަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ ވާހަކަތައް އާޒިމް މެދުވެރިކޮށް ދައްކަވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ކަމަށް ކޯލިޝަންގެ ބައެއް ލީޑަރުން ދެކެވަޑައިގަންނަވައެވެ.