ރައީސުލްޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދައުރު ދެބައިވީއިރު ފަސް ވަޒީރަކު މަގާމުން ވަކިވެއްޖެ އެވެ. ތިން ވަޒީރަކު މަޖުބޫރުން އިސްތިއުފާ ދެއްވީ އެވެ. އެއް ބޭފުޅަކު މަގާމުން ވަކި ކުރެއްވީ އެވެ. އަނެއް ވަޒީރުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރު ކުރީ އެވެ. މަގާމުން އިސްތިއުފާ ދެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ހައުސިން މިނިސްޓަރުކަން ކުރެއްވި އައިމިނަތު އާތިފާ ޝަކޫރު އަދި ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީނެވެ. ތިން ބޭފުޅުންގެ އިސްތިއުފާގެ ފަހަތުގައި އޮތީ ތަފާތު ތުހުމަތުތަކާއި ވެރިކަން ކުރާ އެމްޑީޕީން ކުރިމަތި ކުރުވި ޕްރެޝަރެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ކުރަން ޖެހިދާނެ ކަމަށް ދެއްވި އިންޒާރެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި އިސްތިއުފާ ދެއްވުމަށް އެންގެވުމުން އެކަން ނުކުރެއްވުމުން މަގާމުން ވަކި ކުރެއްވީ އެވެ. ކުރީގެ ސައިންސް މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ވޯޓްނަގާ ބޭރު ކޮށްލި ފަހުން މިނިސްޓްރީ އަދި އޮތީ ހުހަށެވެ.
ފަސް ވަޒީރެއް ބަދަލު ވެގެން ދިޔައިރު 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބަށް ފަހު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދެވީ ސަރުކާރު ކޯލިޝަން އުވާލާ އެމްްޑީޕީން އެކަނި ސަރުކާރު ހިންގަން ބޭނުންވާ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ. އެހެން އެންމެ ފާޅުގައި އަދި އެންމެ ގިނައިން ވިދާޅުވި ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ސަރުކާރަށް ކަންކަން ނުވެ ރައްޔިތުންގެ ރުޅި އާއި ފާޑުކިޔުން އަމާޒުވާ ކޮންމެ ފަހަރަކު އެ ބޭފުޅުން ދައްކަވާ އުޒުރަކީ ކޯލިޝަނެވެ. ކޯލިޝަންގައި ދެން ހިމެނޭ ޕާޓީތަކުން ކަންކަން ނުކުރާ ވާހަކައެވެ. އެ ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން ޒިންމާ އަދާ ނުކުރައްވާ ކަމުގެ ތުހުމަތެވެ. އެ ވަޒީރުން މަގާމުން ދުރު ކުރާނެ ކަމަށް ވިދާޅުވެ އެތައް ފަހަރަކު އެމްޑީޕީގެ މަޖިލީސް މެންބަރުން އިންޒާރު ކުރައްވާފައި ވެއެވެ.
ނަމަވެސް އެ މަސައްކަތް ހިނގައި ނުގަނެ އޮތީ ރައީސް ސޯލިހް އެކަން އެގޮތަށް ކުރައްވަން ބޭނުންފުޅު ނުވާތީ އެވެ. ވަޒީރުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވާތީ އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތިއްޖެނަމަ އެމަނިކުފާނު އިސްވެ އެ ބޭފުޅަކު ވަކި ކުރައްވާނެ ކަމަށް ވިދާޅުވާތީ އެވެ. މަޖިލީހުގައި ރައީސް ސޯލިހަށް ވަފާތެރި މެންބަރުން ގިނަވީމަ އެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން ނިންމަވާފައި ވާކަން ރައީސް ވަނީ ރަސްމީކޮށް ކޯލިޝަން ޕާޓަރުންނާއި ހިއްސާ ކުރައްވާފަ އެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ކޯލިޝަން ޕާޓީތަކަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބައެއް ވުޒާރާތަކާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރި ކަމަށް ވިދާޅުވި އެވެ. އަދި ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާ ހިންގުން ހަރުދަނާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވެއެވެ. އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމުގެ އިޝާރާތް ވެސް ދެއްވިއެވެ.
ބައެއް މަސްދަރުތަކުން ޔަގީން ކުރެވުނު ގޮތުގައި މި މެސެޖް ރައީސް ދެއްވީ އެކި ޕާޓީތަކަށް އެކި ގޮތަށެވެ. ބައެއް ޕާޓީތަކުގެ ލީޑަރުންނާއި ގުޅުއްވާ އެ މަޝްވަރާތައް ކުރެއްވި އެވެ. ބައެއް ޕާޓީތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވާ ސިޓީއެއް ފޮނުއްވީ އެވެ.
އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެންނެވުމަށް ރައީސް ގެންދަވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. ބައެއް ބޭފުޅުން މަގާމުން ވަކި ކުރައްވަނީ އެވެ. ބައެއް ވަޒީރުންގެ މަގާމު ބަދަލު ކުރައްވަނީ އެވެ. ނޫނީ އެހެން ވުޒާރާއެއްގެ ވަޒީރުކަން ދެއްވަނީ އެވެ.
މަގާމުން ދުރު ކުރާނެ ކަމަށް އެންމެ ބޮޑަށް އަޑު ފެތުރިފައިވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. އެ ނިންމުން ރައީސް މުޅީން ފައިނަލް ކުރައްވާފައިވާ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅު ވެއެވެ. ނަމަވެސް އިސް އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޒަހާ މަގާމުން ވަކި ކުރައްވާ އެެހެން މަގާމެއް އެކަމަނާއަށް ހުށައަޅުއްވަ އެވެ. އެއީ ރައީސް އޮފީހުގެ މަގާމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މަގާމުން ދުރު ކުރާނެ ކަމަށް ދެން އަޑުތައް އޮތީ މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަނެވެ. އެއީވެސް ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓްގެ ބޭފުޅެކެވެ. އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވައިމަންޓް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އެ މަގާމުން ވަކިކޮށް ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރައްވާނެ ކަމަށް ވެ އެވެ. އެކަން ޖުމްހޫރީ ޕާޓީގެ އޮފިޝަަލަކު ޔަގީން ކޮށްދެއްވި އެވެ. ހުސައިން އަކީ އެ ދާއިރާއިން ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީން އުންމީދު ކުރިފަދަ ނަތީޖާއެއް ނުލިބުމުން ސަރުކާރުގެ ތެރޭގައި ހުރި ރައްޔިތުން ކަންބޮޑުވާ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާއަށް ގެންނަން ވައުދުވެވަޑައިގެންނެވި ބަދަލުތައް ގެނެސް ނުދެވި މަސްވެރިން ރުޅިވެރިކަމުގެ ތިބި ކަމުގެ ޝަކުވާއެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެނައި ބައެއް ބަދަލުތައް މަސްވެރިން ބަލައިނުގަތް ކަމަށްވެސް ސާފުކޮށް ވިދާޅުވި އެވެ. އެހެންވީމަ މި ބަދަލު ގެންނަން ސަރުކާރުން ކޮންމެހެން ބޭނުންވެއެވެ.
ޔޫތު މިނިސްޓްރީ ދެބައި ކުރުމުގެ މަޝްވަރާތައް ވެސް ހިނގަ އެވެ. ޔޫތު މިނިސްޓްރީ އާއި ކޮމިއުނިޓީ އެންޕަވަމަންޓް ވަކިކޮށް ދެ ވުޒާރާއެއް އުފެއްދެވުމަށް ރައީސް ނިންމަވާފައި ވާ ކަމަށްވެއެވެ. އެހެންވީމަ މިނިސްޓަރު މަހުލޫފްގެ މަގާމު ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެންވައިމަންޓް މިނިސްޓަރަކަށް އައްޔަން ކުރަން މަޝްވަރާތައް ހިނގަމުންދާ ކަމަށްވެސް އަޑުތައް އެބައޮތެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ކުރާ ކެންޕެއިންގައި އިސްކޮށް ހުންްނެވި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒު ވަކިކޮށް އެ މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ގެންނަން އުޅޭ ކަމަށްވެސް އަޑުތައް އެބައޮތެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ރައީީސް ފައްޓަވައި އެކަން ޕާޓީތައް އަންގާފައިވާކަން ޔަގީނެވެ. އެކަން ސިޔާސީ ޕާޓީތަކުން ޔަގީން ކޮށްދެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާއަށް ފަހު ސަރުކާރުގެ ހިންގުން އިތުރަށް ރަނގަޅު ކުރައްވަން ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އަމަލު ކުރައްވާނެ އެވެ.
ނަމަވެސް ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާ ގުޅޭގޮތުން މަބުރޫކް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ޕާޓީތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް
ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އަދި އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ރައީސް އެންގެވުމުން ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ޕާޓީއަށް ރައީސް ސޯލިހްގެ ސިޓީފުޅު ލިބިވަޑައިގަތެވެ. އަދި އެސިޓީފުޅާ ގުޅިގެން އެ ޕާޓީން ވަނީ ރައީސަށް ލިޔުމުން ޖަވާބު ވެސް ދެއްވާފައެވެ.
"އަޅުގަނޑުމެންގެ ޕާޓީއަށް ނިސްބަތްވާ އެއްވެސް ވަޒީރަކާ ގުޅޭގޮތުން ސަރުކާރުގެ ޝަކުވާއެއް ހާއްސަކޮށް ރައީސްގެ ޝަކުވާއެއް ނެތި ކުއްލި އަކަށް ސިޓީއަކުން މި ދަންނަވަނީ ބައެއް ވަޒީރުން މަގާމުގެ މަސްއޫލިއްތަތު އަދާ ނުކުރައްވާ ކަމަށް. އެއީ ވަރަށް ހެއްވާ ކަމެއް. އަޅުގަނޑުމެންވާނެ ރައީސަށް ލިޔުމުން ޖަވާބު ދީފައި،"
އެހެން ޕާޓީއެއްގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި އެ ޕާޓީއަށް ރައީސްގެ ސިޓީއެއް ލިބިވަޑައިގެންކަން ޕާޓީގެ ލީޑާޝިޕުން އަންގާފައެއް ނުވެ އެވެ. ނަމަވެސް އެ ޕާޓީގެ ލީޑާރާއެކު ރައީސް ވަރަށް ދިގު ކޮށް މަޝްވަރާ ކޮށްފައި ވެއެވެ. މަޝްވަރާތަައް ބިނާވީ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުންނެވެ.
ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް އިސްވެ ވަޒީރަކު މަގާމުން ދުރު ކޮށްފިނަމަ މިހާރު ދެމުންދާ ތާއީދު ސަރުކާރަށް ނުދެއްވާނެ އެވެ. އަދި އެކަން ރައީސް ސޯލިހަށް ރަސްމީކޮށް ދަންނަވާނެ އެވެ.
ރުހުން ނުދީ މަޖިލީހުން ބޭރުކޮށްލާނެ ކަމުގެ ބިރު
ވަޒީރުންނަށް މަގާމުގައި ދެމި ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވެ އެވެ. އެހެން ކަމުން މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އެމަނިކުފާނުގެ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ހުށައަޅުއްވަ އެވެ.
ވަޒީރަކަށް ރުހުން ނުލިިބި ފެއިލްވާން ޖެހޭ ސަބަބެއް ނެތެވެ. މަޖިލީސް ހިތަކަށް ލިބިފައި އޮތީ އެމްޑީޕީއަށެވެ. އެ ޕާޓީގެ 65 މެންބަރުން އެބަތިއްބެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއެކު އެ އަދަދު އުޅެނީ 70 އިން މަތީގަ އެވެ. ނަމަވެސް މަޖިލީސް މެންބަރުންގެ މެދުގައި ދެ ފެކްޝަނެއް އޮތް ކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ރައީސް ނަޝީދަށް ވަފާތެރި މެންބަރުންނާއި ރައީސް ސޯލިހަށް ވަފާތެރި މެންބަރުންނެވެ.
މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ދެ ފެކްޝަނަށް ބެހިފައި އޮތް ކަމުގެ އިޝާރާތެއް އިއްޔެގެ މަޖިލީހުގައި ވެސް ރައީސް ނަޝީދު ކުރެއްވި އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސް ކުރަން ޖެހޭ ގޮތަށް ހުށައެޅި ހުށައެޅުން ސަރުކާރުން ބޭނުންވާ ފާސްވުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ދެ ފެކްޝަންގެ މެދުގައި އޮތް ފަރަގު ކުޑަވަމުންދާ ކަމުގެ އިޝާރާތެއް ކުރައްވާއެވެ. އިއްޔެގެ ވޯޓް ފާާސްވީ 37 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 31 ވޯޓެވެ.
"މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މިކަން މިހާރު ތުނިވރފައި އޮތް މިންވަރު އަޅުގަނޑުހިތުން އެނގިވަޑައިގަންނަވާތީހެން ތިޔަ ތިއްބަވަނީ ވަރަށް މަޑުމަޑުން،" ހިނިފުޅުވަޑުވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ވުޒާރާތަކަށް ބަދަލު ގެނެސް ވަޒީރުން އަލުން އައްޔަން ކުރާނަމަ އަދި ވަޒީރެއްގެ މަގާމު ބަދަލުވެއްޖެނަމަ ނުވަތަ ވުޒާރާގެ ނަން ބަދަލުކޮށްފި ނަމަވެސް އެ ބޭފުޅަކަށް އަލުން ރުހުން ހޯދަން މަޖިލީހަށް ފޮނުވާން ޖެހޭނެ އެވެ. މަގާމުގައި ދެމި ހުރެވޭނީ މަޖިލީހުގެ ރުހުން އޮވެއްޖެ ނަމަ އެވެ.
ބައެއް ވަޒީރުންނާމެދު މަޖިލީސް މެންބަރުންގެ ނުރުހުން ވަރަށް ބޮޑަށް އެބައޮތެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަގާމުން ދުރުކުރަން ވަރަށް ބޮޑަށް ބޭނުންވާ މެންބަރުން އެމްޑީޕީގައި އެބަތިއްބެވެ. އެހެންވީމަ ޔޫތު މިނިސްޓްރީ ދެބައިކޮށް އަލުން މަހުލޫފަށް ރުހުން ހޯދަން ފޮނުވައިފިނަމަ ރުހުން ހޯދުމަށް ދަތިތަކެއް ކުރިމަތި ވެދާނެ އެވެ. ޔަގީނުންވެސް އެކަން ގޮންޖެހުމަކަށް ވާނެ އެވެ.
އެމްއާރްއެމްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ޒަހާ މަގާމުން ދުރުކޮށް އެހެން މަގާމެއް ދެއްވާނެ ކަމަށް ބެލެވެ އެވެ. އަދި އެއީ އެހެން ވުޒާރާއެއް ނަމަ އަލުން ރުހުން ހޯދަން ފޮނުވުމުން އެކަމަށް މަޖިލީހުން ހުރަސް އަޅާނެ އެވެ. އެހެންވީމަ މިއީ އެއް ފަހަރުން މަގާމުުން ވަކިކޮށް ފޮނުވާލުމަށްވުރެ މާ ހުތުރު ގޮތެކެވެ. މިހާރުވެސް އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ފާޑުކިޔުން ޒަހާއަށް އެބައޮތެވެ.
"ފަހަރުގައި މިކަން މިގޮތަށް ކުރުމުގައި އެހެން ބޭނުމެއްވެސް އޮވެދާނެ. އެއީ ރައީސް ވަކިނުކުރައްވާކަން ދެއްކެވުން. ދެން ވިދާޅުވާނެ މަޖިލީހުން ރުހުން ނުދިނީއޭ. އަޅުގަނޑު ކީއްތޯއޭ ކުރާނީ. ރައީސް ޔާމީން ވެރިކަމުގައި ޑރ. ޝަކީލާއަށް ވެސް ހެއްދެވީ އެހެން. އެހެންވީމަ އަޅުގަނޑުމެން މިތިބީ އެކަމަށްވެސް ފަރުވާ ވެގެން. މިފަހަރު ސާފުވާނެ އިހުލާސްތެރިކަން ހުރިކަން،" އެމްއާރްއެމްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނައުުމުގެ މަަސައްކަތް ފެށި ކަން ޔަގީން ނަމަވެސް މަގާމު ގެއްލޭ ވަޒީރުންނާއި މަގާމު ބަދަލުވާ ވަޒީރުންގެ ނަންތައް އަދި މުޅީން ޔަގީނެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ހިންގުން އަވަސްކޮށް ނަތީޖާ ނެރޭ ވަޒީރުންގެ މަޖިލީހެއް އެކުލަވާލަން ސަރުކާރުން މި ވަނީ މަސައްކަތް ފަށާފައެވެ. މި މަސައްކަތަކީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ރައީސް ސޯލިހް އިސްވެ ކުރައްވާ ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް ގެންނަވާ ބަދަލަކުން ކޯލިޝަން ރޫޅި އިދިކޮޅު ވަރުގަދަވެ ސަރުކާރަށް ޕްރެޝަރު ބޮޑުވުމަކީވެސް ވެދާނެ ކަމެކެވެ. ފިޔަވަޅެއް އެޅުއްވުމުގެ ކުރީން މި ކަންކަމަށް ރައީސް ސޯލިހް ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވާނެކަން ޔަގީނެވެ.