ރިޕޯޓް

ނަޝީދުގެ ބަހަށް ކޯލިޝަން އުވާލާނެތަ؟

ކޮންމެ ފަހަރަކުވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޮޑު ދެ ސިޔާސީ ޕާޓީއަށް ޖެހެނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާށެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން މިހާތަނަށް ތިން އިންތިހާބު ބާއްވާފައިވާއިރު އެކަން ހިނގާފައި ވަނީ އެ މަގަށެވެ. އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ސަރުކާރެއް އެކުލަވާލެވޭނެ މިންވަރަށް ރައްޔިތުންގެ ތާއީދެެއް ނުލިބެ އެވެ. އެހެން ކަމުން ވެރިކަމަށް އައުމަށްޓަކައި އެހެން ޕާޓީތަކާއެކު އެއްބަސްވުންތައް ހަދާ، ކޯލިޝަން ސަރުކާރެއް ހިންގާނެ ކަމުގެ ވައުދާއެކު އިންތިހާބަށް ނުކުމެ ކާމިޔާބު ހޯދަނީ އެވެ. ތިން އިންތިހާބުގައި ވެސް ކުރި ލިބުނީ ބޮޑު ދެ ފިކުރުގެ ތެރެއިން ކުދި ޕާޓީތައް ޖަމާވި ކޮޅެވެ.

ކޯލިޝަން ސަރުކާރު ހިންގުމުގައި ފުރަތަމަ ދެ ރައީސުން ފޭލި އެވެ. ރައީސް މުހައްމަދު ނަޝީދަށް އެކަން ކުރެއްވުނީ މަސް ދުވަހަށެވެ. ގާސިމް އިބްރާހިމް ކޯލިޝަނުން ވަކިވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ވެސް ކޯލިޝަން ސަރުކާރެއް އަހަރެއްހާ ދުވަހުވެސް ހިފަހައްޓައެއް ނުލެވުނެވެ. ރައީސް ސޯލިހު އެއަށްވުރެ ތަންކޮޅެއް ކުރިއަށް ޖެހިވަޑައިގެންފި އެވެ. ކޯލިޝަން ސަރުކާރެއް އަހަރު ދުވަސް ވަންދެން ކާމިޔާބު ކަމާއެކު ދަމަހައްޓަވައިފި އެވެ. އަދި އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބަލައި އެކަން ފާހަގަވެސް ކޮށްފި އެވެ.

ނަމަވެސް ކޯލިޝަން ސަރުކާރަށް އަހަރެއްވެ ގިނަ ދުވަސްތައް ނުވަނީސް ފަސް އަހަރަށް މި ކޯލިޝަން ދެމެހެއްޓޭނެތޯ މިއޮތީ ސުވާލުތައް އުފެދިފަ އެވެ. އެ ސުވާލު ފެންމަތި ކުރުވަނީ ރައީސް ނަޝީދެވެ. އެ މަނިކުފާނު ވަނީ ދެ ފަހަރެއްގެ މަތިން ވެރިކަން ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަަމަށް ވިދާޅުވެފަ އެވެ. އިއްތިހާދެއްގެ ބޭނުމެއް ނެތް ކަމަށް ސާފު ބަހުން އިއުލާނު ކުރައްވާފަ އެވެ. ވައުދުތައް "ރަނުން ރަނަށް، އަކުރުން އަކުރަށް" ފުއްދަން އޮތް ހުރަހަކީވެސް ކޯލިޝަން ކަމަށް އެ މަނިކުފާނު އެބަ ވިދާޅުވެ އެވެ.

އެހެންވުނުން ސިޔާސީ މައިދާނުގައި މިހާރު އޮތީ ރާގު ބަދަލުވެފަ އެވެ. ނޫނީ ސިޔާސީ ގޮތުން އޮއިވަރާއި މޫސުން މި ވަނީ ބަދަލުވާން ފަށާފަ އެވެ. އަދި ސަރުކާރަށް ބާކީ އޮތް ހަތަރު އަހަރުގައި ކޯލިޝަން އެ އޮތް ގޮތަށް ބޭއްވިދާނެތޯ ސުވާލުތައް އުފެދެ އެވެ.

ސަރުކާރު ހިންގަން ބޭނުން ވަނީ އެމްޑީޕީ މެންބަރުން އެދޭ ގޮތަށް އެމްޑީޕީން އެކަނި ކޯލިޝަނަކާ ނުލައި ކަމަށް ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ އޮކްޓޫބަރު 17، 2019 ގައި އެމްޑީޕީގެ މެންބަރުންނާއި ބައްދަލްކުރެއްވުމަށް ދަރުބާރުގޭގަ އެވެ.

އެ ބަދަލުވުމަކީ އެމްޑީޕީގެ ރައީސްކަމުގެ އާ ދައުރަކަށް ކުރިމަތިލައްވާ ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެން ބޭއްވެވި ބައްދަލު ވުމެކެވެ. އެމްޑީޕީއާއި ރައީސް ނަޝީދަށް ނުހަނު ވަފާތެރިން ބައިވެރިވި އެ ޖަލްސާގައި "ހިނގަމުންދާ ވެރިކަމަކީ އެމްޑީޕީގެ މެންބަރުން ހިތުއެޅި ކަމެކޭ" ވިދާޅުވެ އެވެ. އެމްޑީޕީން ކުރެހި މަންޒަރެއް ހަގީގަތަކަށް ހަދަން އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެއޭ ވިދާޅުވެ އެވެ. އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ނޫން އެހެން ބައެއް ވަޒީރުން ވަރަށް ނުފަރިތަ ކަމަށް ވިދާޅުވެ އެވެ.

"އެއީ މި ސަރުކާރު އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެން ހިންގުން... އަޅުގަނޑުމެންގެ ސަރުކާރަކަށް، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން، އަޅުގަނޑުމެން ހިތުއެޅި ގޮތެއް، އަޅުގަނޑުމެއް ހިތުއެޅި ކަމެއް، އަޅުގަނޑުމެން ކުރެހި މަންޒަރެއް، އެހެން މީހަކު ގޮސް އެހެން ބަޔަކަށް އެކަން، އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެންނަށް ދަތި... އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ތިޔަ ބޭފުޅުން އެބަ އެދެޔޭ ތި ބޭފުޅުން މި ސަރުކާރު ހިންގަން. ތިޔަ ބޭފުޅުން ބޭނުންވާ މިސްރާބަށް މި ސަރުކާރު ދިއުމަށް." ނަޝީދު ވިދާޅު ވެއެވެ.

އެމްޑީޕީ އިސްވެ އޮތް ވެރިކަމުގެ ކޯލިޝަނަކަށް ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި އިމްރާން އަބްދުﷲ ގެ ފިކުރު ބޭނުން ނުވާކަމަށް ރައީސް ނަޝީދު އެ ވަނީ ސާފު ބަހުން ވިދާޅުވެފަ އެވެ.

އޭގެ ފަހަށް ތިންމަސްވީ އެވެ. އަނެއްކާވެސް ކޯލިޝަނެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު މިވަނީ ވިދާޅުވާން ފަށާފަ އެވެ. އުތުރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫއަށް ވަޑައިގެން އެމްޑީޕީގެ ސަރުކާރެއް އުފެދިގެން އައުމާ އެކުގައި ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އޭގެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބިގެން ނުދާކަން ފެނިއްޖެ ކަމަށް ވިދާޅުވެއްޖެ އެވެ. އޭގެ ސަބަބަކީ ކޯލިޝަން ކަމަށް ވެސް ވިދާޅުވެއްޖެ އެވެ.

"މި ޕާޓީގެ މެންބަރުންނަށް ވެސް އަދި މި ޕާޓީގެ މަސައްކަތުގައި އެތައް ޒަމާނެއް އުޅުނުހާ މީހުނަށް އަދި ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަން ޖެހޭ މިންވަރުން. އެއީ ސަރުކާރު އުފެދުނު ގޮތް. ސަރުކާރަށް އަޅުގަނޑުމެން އައީ މި ދެންނެވި އިންތިޒާމުގެ ތެރެއިން. އެހެން ޕާޓީތަކާ ގުޅިގެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް ސަރުކާރު އުފެދުނު ނަމަވެސް ކޮންމެ ވައުދެއް އަދި އެގްރީމެންޓެއް އޮތަސް ކުރިއަށް ދެވެން އޮތީ އަދި ރައްޔިތުންނަށް ފުރިހަމަ ހިތްހަމަޖެހުމެއް ލިބެން އޮތީ އެމްޑީޕީން އެކަނި ސަރުކާރު ހިންގައިގެން ކަމަށް ދައްކަން ނުވަތަ އެ ބަދަލު ގެންނަން ރައީސް ނަޝީދު އެބަ ބޭނުންފުޅުވެ އެވެ. މިވަގުތުގެ ސިޔާސީ ހަގީގަތަކީ ވެސް އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވަ ކަމެއް އެގޮތަކަށް ވަމުން ދިއުމެވެ.

ކޯލިޝަން އުވާލުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު ފާޅު ކުރައްވަމުން ގެންދަވާ ޝުއޫރުތަކާމެދު ސަރުކާރުން އެއްޗެއް ނުބުނެ އެވެ. ރައީސް ސޯލިހު ވެސް ސީދާ އެކަމާ ގުޅޭ ވާހަކަފުޅެއް ނުދައްކަވަ އެވެ.

އެހެން އެކަން އޮތް ނަމަވެސް ރައީސް ހުންނެވީ ކޯލިޝަނާއެކު ފަސް އަހަރު ކުރިއަށް ވަޑައިގަތުމަށް ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވެއެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުނު ގޮތް ހަނދުމަފުޅުގައި އަބަދުވެސް ހުންނާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެއާ ހިލާފަށް އެމްޑީޕީގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ކޯލިޝަނެއް ބޭނުމެއް މިހާރަކު ނެތެވެ.

މިއީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ. މިއީ ރާއްޖެގެ ޕޮލިޓިކްސް ބައްޓަން ވެފައި އޮތް ގޮތުން މިކަން ހިނގާނެ ވެސް ގޮތެވެ.

ސަރުކާރުގެ ވާހަކައަކީ މިއީ އެވެ؛ ވަޒީރުންގެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ވަޒީރުންގެ މަސައްކަތްޕުޅާމެދު ރައީސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވަ އެވެ. އަދި ހުރިހާ ޕާޓީތަކުން ވެސް ވަޒީރުންވެސް ސަރުކާރު ދެމެހެއްޓުމާއި، ކުރިއަށް ގެންގޮސްދެއްވުމުގައި އެއްބާރުލުމާއި އެހީތެރިކަން ދެއްވަ އެވެ.

އެމްޑީޕީއާއެކު ގިނަ ސިޔާސީ ޕާޓީތަކެއް އެކުގައި ސަރުކާރެއް އެކުލަވާލި މިއީ ދެވަނަ ފަހަރެވެ. ދެހާސް އަށެއްގައި އެމްޑީޕީއާއެކު ޖޭޕީ އާއި އަދާލަތަށް ކުރެވުނީ ހިތި ތަޖުރިބާއެކެވެ. ހިތި ނަމަވެސް އަލުން 2018 ގައި އެކުގައި މަސައްކަތް ފެށީ ރައީސް ސޯލިހަށް އޮތް އިތުބާރު ބޮޑު ވެގެނެވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އެގޮތަށް ނުކުންނެވީ ގައުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ދެކެ ވަޑައިގެނެވެ. އެމްޑީޕީއާ އެހާ ފަސޭހައިން ރައީސް މައުމޫނާއި އެމަނިކުފާނު ބައިވެރިންނަށްވެސް ކައިރިވެވުނު ސަބަބަކީ ވެސް ރައީސް ސޯލިހެވެ. އެވަގުތު ރައީސް ނަޝީދު ނުވަތަ އެހެން ބޭފުޅަކު ކުރިޔަށް ނެރުއްވި ނަމަ އެ ތިން ލީޑަރުންނަށް އެފަދަ ނިންމުމެއް ނިންމަން އެހާ ފަސޭހައެއް ނުވާނެ އެވެ.

ކޯލިޝަން އުވާލުމުގެ އަޑު ރައީސް ނަޝީދު ގަދަ ކުރެއްވި ނަމަވެސް ކޯލިޝަންގެ ލީޑަރުން ތިއްބެވީ އަދި އަޒުމުގަ އެވެ. އަހަރު ދުވަހު ކޯލިޝަން ދެމެހެއްޓުމުން ރައީސް މައުމޫނާއި، ގާސިމާއި އަދި އިމްރާނަށް ރައީސް ސޯލިހަށް ތައުރީފު ކުރެ އެވެ. ރައީސް މައުމޫން ހުންނެވީ އެހެން ލީޑަރުންނަށްވުރެ ވެސް ކުރީގައެވެ. ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ކުރިމަތިލައްވާނަމަ ތާއީދު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް ގާސިމް ވިދާޅުވެ އެވެ. އެކަމަކު އެއީ ރައީސް ސޯލިހަށް ފަސް އަަހަރު ދެއްވާފަ އެވެ. އެ ޔަގީންކަން ގާސިމްވެސް ދެއްވައެވެ. މީގެ އިތުރުން އިމްރާން ވަނީ ކޯލިޝަން ނުދަމަހައްޓައިފިނަމަ ރައްޔިތުން ދެން ދުވަހަކުވެސް ސިޔާސީ ވެރިންނަށް މައާފު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ކަމުން ކޯލިޝަން ދެމެހެއްޓުމަށް އެ ލީޑަރުން ތިއްބެވީ އަޒުމުގައިކަން އެނގެއެވެ. މިހެން އޮތް ނަމަވެސް ލީޑަރުން އެކުގައި މަހަކު އެއް ފަހަރު ބޭއްވުވުމަށް ނިންމަވާފައިވާ މަޝްވަރާތައް އެގޮތަކު ނުހިނގަ އެވެ. އެހެންވީމަ އެއީ ޕާޓީތަކުގެ ގުޅުންތައް އޮތީ ހީނަރުވެފަ އެވެ.

ކޯލިޝަން އުވާލުމަށް ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް ސީދާ ރައްދެއް ދޭނެ ޕާޓީއެއް މިވަގުތު ކޯލިޝަންގައި ނެތެވެ.

ވެރިކަން ދެމި އޮތީ ކޯލިޝަންގެ ސަބަބުން

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް މިފަހަރު ރައްދު އައީ އިދިކޮޅުންނެވެ. އިދިކޮޅުން އޮތީ މި ސަރުކާރު ބަލިކަށި ކުރަން ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި ފޫގަޅައިގެންނެވެ. އެކަމަށްޓަކައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ތާއީދު ހޯދުމަށް ވެސް އިދިކޮޅުން މަސައްކަތް ކުރި އެވެ. ކުޑަ ދުވަސްކޮޅަކު އިންތިހާބުގެ ކާމިޔާބަށް ޕީޕީއެމް / ޖޭޕީ އެކުގައި މަސައްކަތްވެސް ކުރިއެވެ. މިފަހަރު އިންތިހާބު ބޯމަތިވުމުން އިދިކޮޅުން ވަނީ ޖޭޕީއަށް ދެން ކަތި ނަޒަރުން ވެސް ބަލާލާނީ ކޯލިޝަނުން މުޅިން ވަކިވެގެން އައުމުން ކަމަށް ބުނެފަ އެވެ. އެހެންވީމަ ކޯލިޝަން ރޫޅާލުމަކީ އިދިކޮޅަށް ދެވޭނެ ބޮޑު ހަދިޔާއެކެވެ.

އިދިކޮޅުގެ ނަޒަރުގައި އެމްޑީޕީއަށް އެކަނި ވެރިކަމެއް ނުކުރެވޭނެ އެވެ. މިހާރުވެސް ވެރިކަން ދެމި އޮތީ ކޯލިޝަންގެ އެހެން ބައިވެރިންގެ ސަބަބުންނެވެ. ކޯލިޝަން ރޫޅިއްޖެނަމަ 2008 ގެ ވެރިކަމަށް ވީފަދައިން މި ވެރިކަން ވެސް ނިމިދާނެ އެވެ.

ވެރިކަމަށް އައުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވީ އެއްބަސްވުމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިގެން ވާދަކުރުމާއި، 2019 ގައި މަޖިލީސް އިންތިހާބަށް އެކުއެކީގައި ނިކުތުމާއި 2020 ގައި ކައުންސިލްތަކުގެ ގޮނޑިތައް ހޯދަން އެކީގައި ތިބުމަށް ވެސް ވައުދުވި އެވެ. ނަމަވެސް އެ ވައުދު ފުއްދުމުގައި ޕާޓީތައް ފޭލިބެ ސިޔާސީ ޕާޓީތައް އެއް ގަލަކަށް އެރުވުމުގައި ރައީސް ސޯލިހު ވެސް ފޭލިވީ އެވެ. އެހެން ކަމުން ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމާއެކު އެމްޑީޕީން ވަކިން ސަރުކާރު ހިންގަން ޖެހޭ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވުމަކީ ކޯލިޝަން ދެމެހެއްޓުމަށް އޮތް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގެ ވަރުގަދަ ހެއްކެވެ.

"ހަމަ ތަކުރާރުކޮށް ދަންނަވާނަން. އަޅުގަނޑު ބޭނުންވެ ހުރި ކަމެއް، އަޅުގަނޑުމެން އެންމެވެސް ބޭނުންވެ ތިބި ކަމެއް އެއީ ތި ބޭފުޅުން މި ސަރުކާރު ހިންގަން ތިބުން. އަޅުގަނޑަށް ފެންނަ ގޮތުގައި އެ މަގަށް އަޅުގަނޑުމެންނަށް ދެވޭނެ. އެ މިސްރާބު އަޅުގަނޑުމެންނަށް ހިފޭނެ."