ރިޕޯޓް

ސުޕީޑް ލަސްވުން ކޯލިޝަން ޕާޓްނަރުންގެ ބޮލަށް!

ނިމިގެންދިޔަ ވެރިކަމުގެ ފަސް އަހަރު ދުވަހަކީ ހަމަ ގައިމުވެސް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ދިވެހި ރައްޔިތުންނަށް ފެނުނު ފަސް އަހަރެވެ. ތަރައްގީގައި އެ ސަރުކާރު ކިތަންމެ އުހުގައި އޮތަސް، ސަރުކާރުގެ ތެރެއަަށް ކޮރަޕްޝަނާއި ވައްކަން ވަދެ ކިލަނބުވުމާއި ގުޅިގެން ރައްޔިތުން ނިންމީ އެވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އިތުރު ދައުރެއް ދިނުމަކީ ރަނގަޅުގޮތް ނޫން ކަމަށެވެ. އެ ވިސްނުން ރައްޔިިތުންގެ ބޮލަށް އެންމެ ބޮޑަށް ވައްދައި ދިނީ މިހާރު މިއޮތް ސަރުކާރުގެ އިސްވެރިންނެވެ. ވައްކަމާއި ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" އާއެކު ތަރައްގީގެ ދުވެލި މެކުހަަށް ޖެހޭނެ ކަމުގެ ޔަގީންކަން މިއަދުގެ ސަރުކާރުގެ އިސްވެރިން އައީ ކެނޑިނޭޅި ދެމުންނެވެ.

ނަމަވެސް ސަރުކާރަށް ނުވަ މަސްވީ އިރު އުންމީދުތަކުގައި ކުލަ ޖެއްސޭގެ ގޮތެއް އަދިއެއް ސަރުކާރަށް ނުވެ އެވެ. އިދިކޮޅު ސިޔާސީ ހަރަކާތުގައި މާބޮޑު އާރެއް ބާރެއް ނެތް ނަމަވެސް، އިދިކޮޅުން ދައްކާ ވާހަކަތަކުގައި ބުރަދަން ހުރިކަމަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވެސް ގެންދަނީ އިއުތިރާފް ވަމުންނެވެ. އާ ޕްރޮޖެކްޓްތައް ނުފެށޭ ވާހަކައާއި ތަރައްގީއަށް މާ ބޮޑުކަމެއް ސަރުކާރަށް އަދި ނުކޮށްދެވޭ ވާހަކަ އެވެ.

ނަމަވެސް މި ސަރުކާރު އައިފަހުން ވަރަށް ރަނގަޅަށް ހިނގާ އެއްކަމެއް އެބައޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލިސް މިހާރު ވެފައި ވަނީ ދިވެހި ރައްޔިތުންގެ "ޑެއިލީ ޑޯޒް" އަށެވެ. ފޫހިކަމެއް ނެތި އެތަނުގައި ހިނގާ ޑްރާމާތައް ބަލާލެވެ އެވެ. ގަރާރަކަށްފަހު ގަރާރެކެވެ. ކުއްލި މައްސަލައަކަށްފަހު ކުއްލި މައްސަލައެކެވެ. އެެހެން ނަމަވެސް އެކުރެވޭ މަސައްކަތުގައި ބޮޑަށް އޮތީ ޕާޓީ ޕްރޮމޯޝަންއާއި މަޖިލީސް ރައީސްގެ ޕްރޮމޯޝަނެވެ. އޮއްޓަރެއް ހުރި މަސައްކަތެއް އަދި މަޖިލީހުން ކޮށްފައެއް ނުވެ އެވެ. "އެޖެންޑާ 19" ގައި މޮޅު ކަމެއް އަދި އެއް ނުފެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިކުމަތުން ކޯލިޝަން ނު ރޫޅި އެބައޮވެ އެވެ. ލީޑަރުން ބައިބައި ވެގެން ނުގޮސް އެބަތިއްބެވެ. އެކަމަކު ކޯލިޝަން ޕާޓްނަރުން "ޖެއްސުމެއް" ކުރުން އޮތީ މަޖިލިސްތެރޭގަ އެވެ. ވުޒާރާތަކުން ފޮނުވާ ބިލްތަކަށް ބެލުމެއްނެތި ފާޑު ކިއުމާއި، ވުޒާރާތަކައި، ވަޒީރުން ގޯސްކުރަން މަސައްކަތް ކުރުންފަދަ އެތަކެއް ކަމެއް ފެނެ އެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ބިލްވެސް ހިމެނެ އެވެ.

ކަނޑައެޅިގެން އެބިލުގައި އެމްޑީޕީން ހުށަހެޅި ގަރާރުތަކުގައި ހުރި ކަންކަން ވެސް ހިމަނާފައިވާއިރު، އަދި އެބިލަކީ މަސްވެރި ގައުމުތަކާއި، ބައިނަލް އަގުވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮަތައް 2014 އިން ފެށިގެން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އައިސްފައިވާ ބިލަކަށްވުމާއި، އެ ބިލަކީ ހަމަ އެކަނި ފްރޭމްވޯކެއް ކަމާއި، ބިލުގެ ތަފްސީލުތައް ހިމަނަނީ ގަވައިދުތަކުގައިކަން މަޖިލީހަށް މިނިސްޓްރީން އަންގާފައިވާއިރު ވެސް، މަޖިލީހުގެ ކޮމިޓީން އެކަންކަން ކަމާއި ގުޅުންހުރި ފަރާތްތަކަށް ހިއްސާ ކުރުމުގެ ބަދަލުގައި އެ މަސައްކަތް ލަސްވުމުގެ ޒިންމާ ވެސް އެޅުވީ ފިޝަރީސް މިނިސްޓަރާއި އެމްއާރުއެމްގެ ބޮލުގަ އެވެ.

މަޖިލިހުގެ އިގްތިސޯދީ ކޮމިޓީއަށް މަސްވެރިންގެ އިތުރުން މޯލްޑިވްސް ފިޝަރީޒް އެސޯސިއޭޝަން އަދި ނައިފަރު ކޯޕްރޭޓިވް އެސޯސިއޭޝަންގެ ބޭފުޅުން ހާޒިރު ކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ސަރުކާރަށް ނުވަތަ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ އެ ބިލަކީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް ކަމަށާއި، އެކަން ބޮޑު ތަކުލީފަކަށް ވެފައިވާކަމަށް ވިދާޅުވެފަ އެވެ.

"މަސްވެރިކަމުގެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ގަރާރުތަކަކަށް ބަހުސް ކޮށްފައިވާއިރު، އެ ބަހުސްތައް ކޮށްފައިވަނީ އެޖެންޑާ19 ގެ ވިސްނުމުގައި. ނަމަވެސް ބިލް ފަރުމާކޮށްގެން އައި އިރުގައި ވިސްނުން ހުރީ އެމްއާރުއެމްގެ ވިސްނުމުގައި. އެހެންވީމަ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއީ ކޯލިޝަން ސަރުކާރެއް ކަން. ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ހަވާލުވެތިބީ ގުޅިފައިވާ ޕާޓީތަކުން ކަން. ދެން މިފަހަރު އަޅުގަނޑުމެންނަށް ލިބުނީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް. އެހެންވެ އަޅުގަނޑުމެނަށް ބޮޑު ތަކުލީފަކަށް ވެގެން މިދަނީ މި ބިލް ދިރާސާ ކުރުމުގައި ވަގުތު ހޭދަވެގެން މިދަނީ" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވާ ގޮތުގައި އެބިލަކީ އެއީ އެއްވެސް ފިކުރެއްގެ ބިލެއް ނޫނެވެ، އެބިލްގައި ތަފްސީލުތައް ހިމަނާފައި ނުވަނީ، ގަވައިދުތަކުގެ ތެރެއަށް އެބައި ގެންދާށެވެ.

"މިއީ ވަކި ސިޔާސީ ފިކުރެއްގެ ނުނީ ވަކި ޕާޓީއެއްގެ ބިލެއް ނޫން. އަޅުގަނޑަކީ އެމްއާރުއެމަށް ނިސްބަތްވާ ވަޒީރެއް ނަމަވެސް މި ބިލަކީ، މި މިނިސްޓްރީގެ ފަންނީ ބޭފުޅުން އަދި ބޭރުގެ މާހިރުންނާއެކު، ތަފާތު ސިނާއަތުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރެވިގެން ކުރިއަށް ގެންގޮސްފައިވާ ބިލެއް. އަދި މިބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު" ޒަހާ ވިދާޅުވިއެވެ.

މި ނޫނަސް އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ދަނީ ސަރުކާރުގެ ސްޕީޑް ލަސްވެ، ސިޔާސަތުތައް ތަންފީޒު ނުވަނީ ކޯލިޝަން ޕާޓްނަރުންގެ ސަބަބުން ކަމަށް ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސްޕީޑް ބައެއް ކަންކަމުގައި ލަސްކަން ގަބޫލު ކުރެވެ އެވެ.

"އަޅުގަނޑުމެންވެސް ގަބޫލުކުރަން ބައެއް ކަހަލަ ކަންތައްތައް އެބަހުރި ލަސްވެފައި. އެހެން ނަމަވެސް ގިނަ މަޝްރޫއުތަކާއި އެއްޗެހި އެވޯޑްކުރެވި ފެށިގެން އެދަނީ. އަޅުގަނޑުމެން ހަގީގަތުގައި މި އުންމީދު ކުރާވަރަށް އެކަންތައްތައް ނުކުރެވެނީ ހަގީގަތުގައި އަޅުގަނޑުމެންގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއްގެ ގޮތަށް އައި ސަރުކާރެއް. އެހެންވީމަ އަޅުގަނޑުމެންގެ ހާއްސަކޮށް، އަޅުގަނޑުމެންގެ ޕާޓީގެ ސަޕޯޓަރުން އަސްލު ވަރަށް ބޮޑު އުންމީދުތަތަކާއި އެއްކޮށް މި ސަރުކާރު އަައީ، އެހެން ނަމަވެސް މި ދެންނެވި ކޯލިޝަނަކުން އަޅުގަނޑުމެން އައީމާ، ގިނަ ވުޒާރާތަކުގައި މިތިބެނީ އެހެން ޕާޓީތައް ތަމްސީލު ކުރާ ވަޒީރުން ކަމަށް ވާތީ އަޅުގަނޑުމެންނަށް ބައެއް ކަންތައްތަކާއި ދޭތެރޭ ކުޑަކޮށް އެބަ ލަސްވެގެން ދޭ" އޭނާ ވިދާޅުވި އެވެ.

ކޯލިޝަން ޕާޓީތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑެޕިއުޓީ މިނިސްޓަރަކު ވިދާޅުވީ، އެމްޑީޕީން އެގޮތަށް ބުނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ ރައީސް ސޯލިހުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކޯލިޝަންގެ އެއްވެސް ޕާޓީއަކުން ފަހަތުފަޔަށް ބުރައެއް ނުވެއެވެ.

"ކީއްކުރަންތޯ ލަސްކުރަންވީ. އެއީ ހަމަ އެކަނި ރައީސް ސޯލިހުގެ ވައުދުތަކެއް ނޫން. އަޅުގަނޑުމެންގެ ވެސް ވައުދުތައް. އެ ވައުދުތަށް ފުއްދުމަށް އެއްވެސް ކަހަލަ ހުރަހެއް ނާޅާނަން. އަދި ކޯލިޝަންގެ އެއްވެސް ޕާޓީއަކުންވެސް އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލެއް ނުކުރަން. ލީޑަރުންގެ އިރުޝާދަކީ ރައީސް ސޯލިހުއާއެކު، ވީއެންމެ ބާރު ސްޕީޑްގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.

ހަގީގަތަކީ ސަރުކާރުން ވައުދުވެފައިވާ ކަންކަމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ލަސް ކަމެވެ. އެހެން ކަމުން ޕާޓީތަކުން ވެސް އެކަމުގައި އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރުމުގެ ބަދަލުގައި، ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަން މަސައްކަތް ކުރުމަކީ އިތުބާރު ދަމަހައްޓަން ކުރަންޖެހޭ ކަމެކެވެ.