ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވިފައިނުވާ ފަދަ ވާދަވެރި އަދި ބޮޑު އިންތިހާބަކަށް ވެދާނެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އެއް އިންތިހާބަށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޔަގީނުންވެސް 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވޭ އެންމެ ފޯރިގަދަ އިންތިހާބަށް 2023 ގެ އިންތިހާބު ވެގެންދާނެ އެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ގާސިމް އިބްރާހިމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ނަން އޮވެއެވެ. ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރިޔާސީ ރޭހަށް ނިކުންނަވަން ރައީސް ސޯލިހާއި ރައީސް ނަޝީދު ނޫން އެހެން ބޭފުޅުންނަށް މާބޮޑު ހުރަހެއް ނެތެވެ. އެހެން ކޮންމެ ބޭފުޅަކަށް އެ ބޭފުޅަކު ހުންނެވި އޮޑިއަކުން ފުރުސަތު އެބައޮތެވެ. ހިތަކަށް ރިޔާސީ ޓިކެޓް އޮތީ ލިބިވަޑައިގެންފައެވެ. ނަމަވެސް ރައީސް ސޯލިހާއި ރައީސް ނަޝީދަށް އޮތީ ޕްރައިމަރީން މޮޅުވުމެވެ. ރިޔާސީ ރޭހުގެ ބަހުސްގައި ދެ ރައީސުންގެ ވާހަކަތަކަށް ބޮޑު ޝައުގެއް އޮތް މައިގަނޑު ސަބަބަކީ މިއީ އެވެ.
އިއްޔެއާ ހަމައަށް ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަވަން ރައީސް ސޯލިހް ގެންދެވީ އިއުތިރާޒު ކުރައްވަމުންނެވެ. އެހެން ކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި އެ ޕްރައިމަރީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓަކާ ގުޅޭ ބަހުސް ކުރިއަށް ގެންދެވޭ ގޮތް އޮތީ ނުވެފައެވެ. 2023 ގެ އިންތިހާބުގައި ވާދަކުރަައްވާނެތޯ ސުވާލު ކުރެވޭ ކޮންމެ ފަހަރަކު ރައީސް ސޯލިހް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ފޯކަސް އޮތީ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. ވައުދުތައް ފުއްދެވުމަށް ފަހު ނޫނީ ވެރިކަމުގެ ދެވަނަ ދައުރެއްގެ ވާހަކަވެސް ދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ.
އަނެއްކޮޅުން ރައީސް ނަޝީދު ގެންދެވީ ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި އެމަނިކުފާނުގެ ޝައުގުވެރިކަން ރިޔާސީ ރޭހަށް އޮތް ކަމުގައި ވިދާޅުވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީ ކަމަށް ވިދާޅުވިއެވެ. އެ ޕްރައިމަރީގައި ވާދަކުރަައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނާއި އެންމެ ވަފާތެރި މިތުރުން މެދުވެރި ކުރައްވާވެސް 2023 ގެ އިންތިހާބަށް ނިކުންނަވާނެ ކަމުގެ އިޝާރާތްތައް ގެންދެވީ ކުރައްވަމުންނެވެ.
އަދި ރައީސް ސޯލިހް ހަނު ހުންނެވުމުގެ ފައިދާ ނަަންގަވާ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމަށް މަގު ފަހި ކުރެއްވުމަށް އެ ނޫންވެސް އެކި ވާހަކަތައް ވަނީ ދައްކަވާފައެވެ. އެގޮތުން 2023 ގެ އިންތިހާބުގައި ރައީސް ސޯލިހްް ވާދަކުރައްވާ މަންޒަރު ފެނިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ދެވަނަ ދައުރެއްގެ އުންމީދެއް ރައީސްގެ އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. މި ހުރިހާ ދުވަހަކު އެހާމެ އެކުވެރިކަމުގައި ތިއްބެވިއިރު އައު ދައުރެއްގެ ވާހަކަ އެއްގޮތަކަށްވެސް ދައްކަވާފައިނުވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެ ވާހަކަތައް އެންމެ ތިލަކުރެއްވީ މި ފަހުން އެމްޑީޕީ ތަޖުރިބާ ކުރި އެންމެ މުހިންމު ދުވަހު އެވެ. އެއީ މިދިޔަ މަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓް ނަގަމުންދިޔަ ވަގުތެވެ. މިހާތަނަށް ބޭއްވުނު އެމްޑީޕީގެ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓް ހިނގަމުން ދަނިކޮށް ނަޝީދު ވަނީ ޓީވީ ޗެނަލެއް މެދުވެރި ކުރައްވާ 2023 ގެ އިންތިހާބުގައި ރަައީސް ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށް މާ ސާފުކޮށް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް އެ ގޮތް މޮޅު ކަމުގައިވެސް ވިދާޅުވިއެވެ.
އެ ދުވަހު ސަރުކާރުގެ ތަރުޖަމާނު ނެރުއްވާ ރައީސް ސޯލިހް އެ ވާހަކަތައް ދޮގުކުރެއްވިއެވެ. ނަމަވެސް ފިނި ގޮތަކަށެވެ. މަޑުކުރެއްވީ އިއްޔެގެ ނޫސްވެރިންގެ ބައްދަލްވުމާއި ހަމައަށެވެ. އެ ދުވަހު ރައީސްގެ ފަރާތްޕުޅުން ތަރުޖަމާން ވިދާޅުވީ ރިޔާސީ ރޭހުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. ޔަގީނުންވެސް ވާދަނުކުރައްވަން ނުނިންމަވާ ކަމަށެވެ. އަދި ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ނިންމަވާ ގޮތެއް ސާފުކޮށްދެއްވާނެ ކަމަށެވެ. އެ މަސައްކަތް އެހެން ބޭފުޅަކަށް ހަވާލު ނުކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މިހާތަނަށް ދައްކަވަމުން އައި ވާހަކަތައް ބަދަލުކުރައްވާ ސާފު ޖަވާބެއް ރައީސް ސޯލިހް ދެއްވެވީ އިއްްޔެ އެވެ. އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމަވައިފިންތޯ އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިންނާއި ބައްދަލުނުކުރައްވާތާ 10 މަސް ދުވަސް ފަހުން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ ދެވަނަ ދައުރަކަށް ނިކުމެ ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެއަށްވުރެ މާސާފުކޮށް ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަަމަށެވެ.
ވެރިކަމުގައި އޮތީ އެމްޑީޕީ އެވެ. އެ ވެރިކަން ދަމަހައްޓަން އެދޭނަމަ "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށެވެ. މިއީ ސީދާކޮށް ވިޔަސް ނުސީދާކޮށް ވިޔަސް ރައީސް ނަޝީދަށް ދެއްވި ޖަވާބެކެވެ. އެއީ އެމްޑީޕީގެ ވެރިކަން ދަމަހައްޓަން އޮތް އެންމެ މޮޅު ފަންޑިތައަކީ އެމަނިކުފާނު ރިޔާސީ ރޭހަށް ނިކުންނެވުން ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވިދާޅުވުމުންނެވެ.
އެ ސުވާލަށް ދެއްވެވި ޖަވާބުގައި ދެންވެސް ރައީސް ސޯލިހް އަޅާކިޔުއްވީ ރައީސް ނަޝީދާ އެމަނިކުފާނާ ހުރި ތަފާތެވެ. ވިދާޅުވީ އަދިވެސް އެއް ޕާޓީއަކަށް އެކަނި ވެރިކަން ހޯދެން ނެތް ކަަމަށެވެ. ރައްޔިތުންގެ ތާއީދެއް އެވަރަށް ނެތީ އެވެ. އެހެންވީމަ ވެރިކަން ހޯދަން އަދި ވެރިކަން ދަމަހައްޓަން އޮތީވެސް ކޯލިޝަންގެ ހިޔަލުގައި ތިބުމެވެ. ރައީސް ވިދާޅުވި ގޮތުގައި ފުޅާ ކޯލިޝަނެއް ހެއްދެވޭނީ އަދި ހެއްދެވެން އޮތީ އެމަނިކުފާނަށެވެ. ކޯލިޝަނަކާއެކު ނިކުންނަވާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
އެ ވާހަަކަފުޅުގައި ނަޝީދުގެ ނަންފުޅު ނެތަސް ރައީސްގެ ވިދާޅުވުން ސާފެވެ. ރައީސް އެ ވިދާޅުވަނީ ނަޝީދަށް ކޯލިޝަނެއް އެކުލަވާ ނުލެއްވޭނެ ކަމަށެވެ. ނަޝީދާއެކު މަސައްކަތް ކުރައްވާނެ ސިޔާސީ ލީޑަރެއް ނެތެވެ. ޕާޓީއެއް ނެތެވެ. ކޯލިޝަންގައި އޮތް ތިން ޕާޓީއާ އެ ޕާޓީތަކުގެ ލީޑަރުން އަދި މެންބަރުންނާވެސް ނަޝީދާ ގުޅުމެއް ނެތެވެ. އޮތީ ދެބަސްވުމާއި ހިޔާލުތަފާތުވުމެވެ. ކޯލިޝަން އޮތުމަށް ނަޝީދުވެސް އެހާމެ ރުޅިއަރައެވެ. ކޯލިޝަން ރޫޅާލާ އެމްޑީޕީ އެކަނި ސަރުކާރު ހިންގަން ނަޝީދު އެކި ފަހަރުމަތިން ހުށައަޅުއްވާފައިވެއެވެ. ނަމަވެސް ދެވަނަ ދައުރެއްގެ އުންމީދު އޮތީތީވެ އެ ގޮތް ހައްދަވަން ރައީސަށް ކެރިވަޑައިނުގަންނަވަނީ އެވެ.
ރިޔާސީ ރޭހަށް ނިކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް އަދި ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ނަމަވެސް ރައީސް ސޯލިިހްގެ ކުރިފުޅުމަތީ އެންމެ ވަރުގަދަ ހަނގުރާމަ އޮތީ ކުރިއަށެވެ. ނޭންގެނީ ފެށޭނެ އިރެކެވެ. އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެވެ.
ޕްރައިމަރީއަށް ދެ ރައީސުން ނިކުންނަވައިފިނަމަ ވާނެ ހައެތިވެ ނިމުނީ އެވެ. އެ ދުވަސް ދެކެން ދެ ރައީސުންވެސް ބޭނުންފުޅެއް ނޫނެވެ. އަމުދުން އެމްޑީޕީ އޮތީ އެފަދަ މަންޒަރެއް ތަޖުރިބާ ކުރަން ރެޑީގައެއް ނޫނެއެވެ. ދެ ރައީސުންގެ މެދުގައި ޕްރައިމަރީއެއް ބާއްވައިފިނަމަ އެންމެ ފަހުގެ ގޮވުމުން އެމްޑީޕީ ގޮވާނެ އެވެ. ދެވަނަ ޑީއާރުޕީއަށްވެ ނިމިދާނެ އެވެ. ދެ ރައީސުންނާއި މުޅި އެމްޑީޕީއަށްވެސް އޮތީ އެ ބިރެވެ.
އެހެން ކަމުން ފުރަތަމަ ކުރެވުނު މަސައްކަތަކީ ޕްރައިމަރީއެއް ނެތި ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ޓިކެޓް ދިނުމެވެ. އެގޮތާ ރުހޭތޯ އެކި ބޭފުޅުން ނެރުއްވައިގެން އެކި ހުތްޖަތް ގާއިމު ކުރެއްވޭތޯ ބައެއް ބޭފުޅުން ވަރަށް ހިތްމަތް ކުރެއްވިއެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން ތިއްބެވީ އެގޮތަށް ދޫދޭކަށް ނޫނެވެ. ޕްރައިމަރީއެއް ނެތި އެމްޑީޕީގެ އެންމެ ޓިކެޓެއްވެސް ލިބޭނެ މަގެއް ނޯންނާނެ ކަމަށް ހަރުއަޑުން އިއުލާނު ކުރެއްވިއެވެ.
އެކަން ރައީސްވެ ގަބޫލު ކުރެއްވީއެވެ. އިއްޔެ އޮތް ބައްދަލްވުމުގައި ރައީސް ވިދާޅުވި ގޮތުގައި ކެންޑިޑޭޓް ކަނޑައަޅާނީ އެމްޑީޕީގައި އުސޫލު އޮތް ގޮތަކަށެވެ. ޕްރައިމަރީއެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެވެ. އެ ފަހުން ދެން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށެވެ. އެހެންވީމަ މި ދެ ވާހަކަފުޅު މުޅީން ސާފެއް ނޫނެވެ. ރިޔާސީ ކެންޑިޑޭޓް ހޮވަން ހުރިހާ މެންބަރުން ވޯޓްލާ އިންތިހާބެއް ބާއްވާނީ ކަމެއް ނުވަތަ 2018 ގައި އަމަލު ކުރި ގޮތަށް ކޮންގްރެސް ބާއްވާ ގޮތް ކަނޑައަޅާނީ ކަމެއް ނޭންގެވެ. އިއްޔެގެ ބައްދަލްވުމުގައި ދެ ގޮތަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް އިއްޔެ ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅަށް ރައީސް ނަޝީދު ރޭ ރައްދުވެސް ދެއްވައިފި އެވެ. މިއީވެސް ކުރިއަށް އޮތް ހަނގުރާމައިގެ ވަރުގަދަ ކަމުގެ އަލާމާތަކަށް ފުދެއެވެ. ރައީސް ސޯލިހްގެ އިއްޔެ އިއުލާނު ކުރެއްވުން ނަޝީދަށް ސިފަ ކުރެއްވީ އަމިއްލަ އަމިއްލަ އުންމީދު އިސްކުރުމެއްގެ ގޮތުގައެވެ. އަދި މިއީ ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ނުސީދާކޮށް ހޫނު ރައްދެއް ދެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މިއީ ދެ ކަމަށް ވިސްނަންވީ ވަގުތެކެވެ. އެއީބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމާއި ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާމެދު ވިސްނަވާ މަގަށް އަޅުވުމެވެ. އެ ނޫން ވިސްނުމެއް ފިކުރެއް ކުރިއަށް ނެރުއްވައިގެން ނުވާނެ ކަމަށެވެ. ރައީސްގެ ވާހަކަތަކަށް ރައްދު ދެއްވަން ޖެހިވަޑައިގެން ސަބަބުވެސް ސާފުކޮށް ދެއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ވަރަށް ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އެކި މެސެޖްތައް ފޮނުއްވަމުންނެވެ. އޭގެ ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް އެހެން ވިދާޅުވެ ދެން ދެއްކެވި ވާހަކަފުޅުން މަންޒަރު ސާފެވެ. އެ ވިދާޅުވަނީ ވަފާތެރި މެންބަރުން ކަަންބޮޑުވެ ރައީސް ސޯލިހް ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން ދެން ނަޝީދު ހައްދަވާނެ ގޮތެއް ސާފުކޮށް ދެއްވުމުގެ ވާހަކައެވެ. ޓްވީޓްގައި ނަޝީދު އެ ވަނީ މިވަަގުތަށް ރައީސް ސޯލިހަށް ދެވެން އޮތް އެންމެ ވަރުގަދަ ރަައްދު ދެއްވާފައެވެ.
"ވަރަށް ގިނަ ބޭފުޅުން ޓެކްސްޓް ކުރައްވާތީ ދަންނަވަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން. މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާމެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު،" ރައީސްގެ އިއުލާން ކުރެއްވުމަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވިއެވެ.
ކޮންމެއަަކަށް ރައީސް ސޯލިހް މިވަނީ މިހާތަނަށް އެމަނިކުފާނު ހާމަނުކުރައްވާ ހުންނެވި އައު ދައުރެއްގެ ވިސްނުން ސާފުކޮށް ހާމަކުރައްވާފައެވެ. ހަރުހިލަ ތޮށިގަނޑުގައި ފޮރުވިފައި އޮތް އެމަނިކުފާނުގެ ހަގީގީ ވިސްނުން ބޭރަށް ނެރުއްވާފައެވެ. އެއާއެކު ރައީސް ނަޝީދުގެ ފާޑުވިދާޅުވުންވެސް އަމާޒުވީއެވެ. ނަމަވެސް އެއީ ވަރަށް ޒާތީ އެހާމެ ސިޔާސީ ފާޑުވިދާޅުވުމެވެ. މިދިޔަ ކޮންމެ ދުވަހަކު ނަޝީދު ގެންދެވީ ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. އެމަނިކުފާނު އެ ވާހަކަ ދެއްކެވީ ބަލިމަޑުކަމަށް ބެެއްލެވުމެއް ނެތިއެވެ. ދައުލަތުގެ ރިޒާވް ހުރި ނެތް ގޮތެއް ނުބައްލައެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތް ގޮތެއް ބެއްލެވުމެއް ނެތި އެވެ.
އެހެންވީމަ އެކަން އެހެން ހިނގާނެކަން ރައީސް ސޯލިހަށް މާ ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ. އެކަން އެނގިވަޑައިގެން ހުންނަވާ ރައީސްގެ ޖަވާބު ބައްޓަން ކުރެއްވީ އެހާމެ ސާދާކޮށެވެ. އެހެންވީމަ ދެން އޮތީ ރިޔާސީ ޓިކެޓްގެ ބަހުސެވެ. ޓިކެޓް ދޭނެ ގޮތެވެ. ޕްރައިމަރީއެއް ބާއްވާނީ ހެއްޔެވެ. ގައުމީ މަޖިލީހުން ގޮތްތަކެއް ނިންމާ ކޮންގްރެސް އެއްކޮށް ޓިކެޓާމެދު ގޮތް ނިންމާނީ ހެއްޔެވެ. ގައުމީ މަޖިލީހާއި ކޮންގްރެސްގެ އަަޣުލަބިއްޔަތު ރަައީސް ސޯލިހް ފަސޭހަކަމާއެކު ހޯއްދަވާނެ އެވެ.
ޕްރައިމަރީންވެސް ކުރި ލިބިވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ނަމަވެސް ރައީސް ނަޝީދާ ވާދަކުރަން ޖެހިވަޑައިގެންފިނަމަ މޮޅުވިޔަސް ލައްކަ ދެރަ ލިބިވަޑައިގަންނަވާނެ އެވެ. އަލުން އެއް ނުކުރެވޭ މިންވަރަށް ޕާޓީ ހަލާކުވެ ދެރަވެދާނެ އެވެ. ރައީސް ސޯލިހަށް އޮތ އެންމެ ބޮޑު ޗެލެންޖަކީ އެއީ އެވެ. ނަމަވެސް ކިތަންމެ ބޮޑު ޗެލެންޖެއް ނަންގަވައިގެންވެސް އެއީ ކުރައްވަން ޖެހިވަޑައިގެންފައި އޮތް ކަމެކެވެ. ޕްރައިމަރީ ނުބޭއްވިޔަސް އެތައް ބަޔަކު އެމްޑީޕީއާ ފެޔަށް ޖެހޭނެ އެވެ. ނަމަވެސް ގްރާސްރޫޓް ބައިބައިވާ މިންވަރު ކުޑަ ކުރެވިދާނެ ކަމަށް އެއް ގޮތަކުން ބެލެވިދާނެ އެވެ. އެކަމަކު އެގޮތުންވެސް ސަލާމަތެއް ނޯންނާނެ އެވެ. އެ ހާލަތުގައި ރައީސް ނަޝީދު ފާޅުގައި ނިކުންނަވާ ރައީސް ސޯލިހާ ދެކޮޅު ހައްދަވައިފިނަމަ ލިބޭ ގެއްލުން ވަކި ކުޑައެއް ނުވާނެ އެވެ. އެހެން ކަމުން ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރެއްވުމާއެކު ހަގީގީ ހަނގުރާމަ އިއްޔެ އެ ފެށުނީ އެވެ. ކޮންމެ ގޮތެއްވެސް ވެދާނެ އެވެ. ބަލަން ތިބެމާ ހެއްޔެވެ.