ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ އެއްވެސް ސިޔާސީ ލީޑަރަކު ސަރުކާރު ހިންގާ ކޯލިޝަންގައި ނެތް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލްވުުމުގައި އެމަނިކުފާނު ވަނީ ވަކީލުން މެދުވެރި ކުރައްވާ ރައްޔިތުންނަށް ހާއްސަ މެސެޖެއް ދެއްވާފައެވެ.
އެ މެސެޖު އަވަސްއާ ހިއްސާ ކުރައްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މި ފަހުގެ ތާރީހުގައިވެސް ނުދެކޭ ފަދަ ދަރަޖައަކަށް ރާއްޖޭގެ ދާހިލީ ކަންކަމާއި ބޭރު ގައުމެއް ބައްސަމުންދާ ކަމަށެވެ. ރަައީސް ޔާމީންގެ މެސެޖުގައި އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ ގައުމީ މަސައްކަތުގައި ދެމި ތިއްބެވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރެއްވި ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ރާއްޖެއަށް ހުރިހާ ދިމާއަކުން ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު އެކަންކަމާއި ކަންބޮޑުވެވަޑައިިގަންނަވާ އެއްވެސް ސިޔާސީ ލީޑަރެއް ސަރުކާރު ކޯލިޝަންގެ ތެރެއިން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
"އެމަނިކުފާނުގެ މެސެޖަކީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ ހަމަ އެއްވެސް މީހަކު ހާއްސަކޮށް އެއްވެސް ލީޑަރެއް މި ސަރުކާރުގައި ނެތް ކަމަށް. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގައުމުގެ ހައްގުގައި ހުރިހާ ރައްޔިތުންވެސް ސާބިތުވެ ތިބުމަށް. ގައުމީ ވަންތަކަމަށް މިނިވަން ކަމަށް ބުރޫ އަރާނެ އެއްވެސް ފުރުސަތެއް ނުދިނުމަށް،"
މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން ޑރ. ޖަމީލް ވިދާޅުވީ ބައްދަލްވުންތަކަށް ކަމާބެހޭ އިދާރާތަކުން އަދިވެސް ހުރަސްތައް ކުރިމަތި ކުރަމުންދާ ކަމަށާ ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު އެ ދައުވާތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.
"މި ދެ މައްސަލާގައިވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި. އެހެން ކަމުން އެ ދައުވާތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު އެބަ ބޭނުންވޭ. ނަމަވެސް ވަރަށް ހާލުގައި ބައްދަލްވުންތަކަށް މި ފުރުސަތު ލިބެނީ،"
ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.
މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެ ދެ ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.
ޖަމީލް ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީވެސް އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށެވެ. އަދި އެ ދައުވާތަކަކީ އެހެން ބައެއްގެ މައްޗަށް އުފުލަން ޖެހޭ ދައުވާތަކެއް ކަމަށް ވިދާޅުވިއެވެ.
"މިއީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއްކަން އެންމެނަށްވެސް އެނގޭ. ހުދު އެކަން އެ ކުރައްވާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި މިއީ ރައީސް ޔާމީންގެ މައްޗަށް އުފުލޭނެ ދައުވާތަކެއް ނޫންކަންވެސް އެނގިވަޑައިގަންނަވާނެ. ޝައްކެއްވެސް މި ދައުވާތައް އުފުލަން ޖެހޭ މީހުން އެބަތިބި. ނަމަަވެސް ސިޔާސީ ހަސަދަވެރިކަމުގައި ހުރިހާ ދައުވާތައް ފުންޏެއްހެން މި އުފުލަނީ ރައީސް ޔާމީންގެ މައްޗަށް. އަދި އަސްލު ދައުވާތައް އުފުލަން ޖެހޭ މީހުން މި ބޭނުން ކުރަނީ ހެކިންނަށް،"
ޖަމީލް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު ދެމި އޮތުމުގެ ހުއްޖަތް މިހާރު ގެއްލިފައިވާ ކަމަށެވެ. އިންސާފު ގާއިމުކުރުމުގެ ވައުދާއެކު އައި ސަރުކާރުން އެކަމަށް ހުރަސް އަޅާ ކޯޓްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ސަރުކާރުގެ ތެރެއިން ބޮޑެތި ހިޔާނާތާއ ވައްކަން ހިނގަމުންދާއިރު އެކަންކަން ހުއްޓުވުމަށް ސަރުކާރުގެ ތެރެއިން ކުރާ އެއްވެސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.
"މުޅި މި ސަރުކާރު ދެމި އޮތުމުގެ ހުއްޖަތް މިހާރު ގެއްލިއްޖެ. އިންސާފު ގާއިމު ކުރުމަށް އެންމެ ބޮޑަށް ހުރަސް އަޅާ އަދި އެކަމަށް އެންމެ ބޮޑަށް ނުކުޅެދުންތެރިވި ރައީސަކީ، ރައީސް ސޯލިހް،"
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އަދީބާއި ޒިޔަތު އަދި އައްލާމް ލަތީފް މިހާރު ފުލުހަށާއި ކޯޓަށް ދޭ ބަޔާންތަކަކީ އެ ތިން މީހުންނާއި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގެ ތެރެއިން ދެމުންގެންދާ ބަޔާންތަކެއް ކަމަށެވެ. އެގޮތުން ސަރުކާރާއި އަދީބާއި ދެމެދު ވެފައި ވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވޭނެ އިންތިޒާމް ހަމަޖއްސައިދޭނެ ކަމަށް ވެފައިވާ އެއްބަސްވުމެއް ކަމަށާއި އަދި އައްލާމާއި ޒިޔަތު އާއި ދެމެދު ވެފައިވަނީ އެމީހުން ކުރި ކުށްތަކަށް ދައުވާ ނުކުރާނެ ކަމަށްބުނެ ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
ޔާމީން ވިދާޅުވީ މަނީލޯންޑްރިންގެ މައްސަލައިގެ ތަހުގީގުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ލިޔުމެއް އެމަނިކުފާނަށް މިހާރު ލިބި ވަޑައިގެންފައިވާ ކަމަށާއި އެ ލިޔުން ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އެ ލިޔުމަކީ މި ތަހުގީގުގެ ތެރެއިން ފުލުހުން އައްލާމް ލަތީފާއި ސުވާލުކޮށް ނަގާފައިވާ ބަޔާން ކަމަށާއި ވޮޑަމުއްލާގެ ފައިސާ އާއި ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ހާމަކޮށްފައި ނުވާ ކަމަށެވެ.
"އެ ބަޔާނުގަ މި އޮންނަނީ ބުނެފައި. އަޅުގަނޑު އަހުމަދު އަދީބަށް ގުޅި އިރު އަދީބު ގާތު އައްލާމް އިން ވާހަކަ އާއި އަޅުގަނޑު ގުޅީމަ އަދީބު ފޯނު ސްޕީކަރަށް ލައިގެން އަޅުގަނޑާ ވާހަކަ ދެއްކެވި އިރު އައްލާމަށް އަޑު އިވުނު ވާހަކަ. އަދި އަޅުގަނޑު ގުޅީ އަދީބު އަޅުގަނޑަށް ދޭން ޖެހޭ ފައިސާތަކެއް ނުދީގެން އެކަމާ ވަރަށް ހިތްހަމަ ނުޖެހި ހުރެގެން ކަމަށް އައްލާމް ފުލުހަށް ދިން ބަޔާނުގައި އެ އޮތީ ބުނެފައި." ދިފާއުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.