ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިދިކޮޅުގައި ތިބީ ކޮން ބައެއްކަން އޮޅިއްޖެ: ޖަމީލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އިދިކޮޅު ބައެއްގެ ގޮތުގައި ތިބީ ކޮން ބައެއްތޯ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ.

ޖަމީލް މި ސުވާލުކުރައްވާފައި ވަނީ "އިދިކޮޅުން ދީނުގެ ވާހަކަ ދައްކަނީ ބަޣާވާތް ކުރަން: އެމްޑީޕީ މެންބަރުން" އެ ސުރުހީގެ ދަށުން އަވަސްގައި ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރާއި ފުލުހުންގެ މުއައްސަސާއަށް އެމްޑީއެންގެ މައްސަލަ ބަލައި އެ ޖަމިއްޔާއަށް އެދެވޭ ފިޔަވަޅެއް އަޅަން ނުކުރެނޭ ކަމަށް ބައެއް އިދިކޮޅު މެންބަރުން ވާހަކަ ދެއްކެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިދިކޮޅު މެންބަރުން އެ ވާހަކަތައް ދައްކަނީ ސިޔާސީ މަގްސަދެއްގައި، ބަޣާވަތް ކުރަން ކަމަށް ވިދާޅުވެފަ އެވެ.

އެ މެންބަރުންގެ ވާހަކަތަކާއި ގުޅިގެން ޖަމީލް ވިދާޅުވީ ރައީސް މައުމޫނާއި، ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީއާއި އެމްޑީޕީގެ ބައެއް މެންބަރުން ވެސް މިހާރު "އިދިކޮޅު" ވީތޯ ސުވާލު ކުރައްވާފަ އެވެ. -- ޖަމީލް އިޝާރާތް އެ ކުރައްވަނީ އެ ބޭފުޅުން އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރެއްވި ކުރުމަށެވެ. އަދި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށާއި، އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަ ކުރުމަށް ފުރުސަތު ނުދެެއްވުމަށް ގޮވާލި ގޮވާލުމަށެވެ.

ޖަމީލް ވަނީ އެންމެންވެސް ދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އަދި ދީން ދިފާއު ނުކުރުމަކީ ބަޢާވަތް ކުރުން ކަމަށް ވިދާޅުވި އެވެ. އަދި ދީނުގެ ވާހަކަ ދައްކަނީ ބަޣާވާތް ކުރަން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި މެންބަރުންނަށް ކުރެއްވި ހުވާ ކޮބައިތޯވެސް ސުވާލު ކުރެއްވާފައެވެ.

"އެންމެންވެސް ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅު. ދީން ހިމާޔަތް ނުކުރުމަކީ ބަޢާވާތް ކުރުން." ޖަމީލް ވިދާޅުވި އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" މިނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނާއި ޚިލާފު ވާހަކަތަކާއި، އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކަށް ފާޑުކިޔާފައިވާތީ ގިނަ ބަޔަކު ވަނީ އެ ރިޕޯޓް ތައްޔާރުކުރި މީހުުން ހައްޔަރުކޮށް، ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އަދި އެ ރިޕޯޓް ނެރުނު ޖަމިއްޔާވެސް އުވާލުމަށް ވަނީ ގޮވާލާފައެވެ.

އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް މިއަދު މަޖިލީހަށް ކުއްލި މައްސަލަ ހުށައެޅުުމުން، މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރިޕޯޓް ކުށްވެރިނުކޮށް، ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ރައީސް ޔާމީން ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ވަނީ މަޖިލީހުގައި އިއްވާފައެވެ. އެއާއެކު އިިދިކޮޅު ބައެއް މެންބަރުން ވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އިސްލާމްދީނާ ދެކޮޅަށް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ މަޖިލީހުގެ ތަޅުމުގައި އިއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.

ބައެއް އިލްމުވެރިންވެސް މިއަދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައި ސީރިއަސް އެތައް ކަމެއް ހުރިއިރު، އެ މައްސަލާގައި ބަހުސް ނުކޮށް ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވުމަކީ މިހާލަތުގައި ބައެއް މެންބަރުން ކުރެއްވި ނުރަނގަޅު އަމަލެއް ކަމަށެވެ. އަދި އެއީ ދީނަށް ފުރައްސާރަކުރި މީހުންނަށް ދެވުނު ހިތްވަރެއް ކަމަށެވެ.