ގާނޫނީ ނިޒާމް އެކަށައެޅިފައި އޮތްގޮތުން ސަރުކާރެއް އިންތިހާބު ކުރަނީ ފަސް އަހަރަށް ކަމަށާ ރައީސް ސޯލިހަށްވެސް ނިޒާމުން ލިބިދޭ އެ ފުރުސަތު ލިބެންވާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ އެމަނިކުފާނު އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެން ނޫސްތަކުން ޝާއިއުކުރި ހަބަރަކާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ އިންޓަވިއުގައި ޑރ. ޖަމީލް ވަނީ މިހާރު އުފެދިފައި އޮތީ ސިޔާސީ ލީޑަރުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވަނިކޮށް ބޭއްވި އިންތިހާބަކުން އެކުލަވާލެވުނު އިންތިގާލީ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ޖަމީލް އެ ވިދާޅުވަނީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމުގެ ވާހަކަ ކަމަށް ބައެއް ފަރާތްތަކަށް ހީވިއެވެ.
ނަމަވެސް ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމާއި ގުޅޭގޮތުން އެ އިންޓަވިއުގައި ޖަމީލް ވާހަކައެއް ނުދެއްކެވިއެވެ. ހަމަ އެކަނި ވިދާޅުވީ މިއީ ސިޔާސީ ލީޑަރުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވަނިކޮށް ބޭއްވި އިންތިހާބަކުން އެކުލަވާލެވުނު އިންތިގާލީ ސަރުކާރެއް ކަމަށެވެ. އަދި ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމާއި ގުޅޭ ސުވާލު ރައީސް ސޯލިހާއި ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޖަމީލް ދެއްކެވި ވާހަކަތައް އިތުރަށް ތަފްސީލް ކޮށްދެއްވަމުން އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ވުޖޫދަށް އައި ހާލަތު ތަފާތު ކަމަށެވެ. އަދި 2018 ވަނަ އަަހަރު ރިޔާސީ އިންތިހާބު ބޭއްވުނީ ސިޔާސީ ލީޑަރުންނަށް އިންތިހާބުން ފުރުސަތު ގެއްލުވާލާފައިވަނިކޮށް ކަމުން އިއްތިހާދުން މަސައްކަތް ކުރީ އެކަންކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ނަމަވެސް ޖަމީލް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ކޮންމެ ސަރުކާރެއްވެސް އިންތިހާބުވަނީ ފަސް އަހަރަށް ކަމަށެވެ. އެހެން ކަމުން އެ ފުރުސަތު ރައީސް ސޯލިހްގެ ސަރުކާރަށްވެސް ލިބެންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރު ވުޖޫދަށް އައި ހާލަތު ތަފާތު. ގިނަ ބަޔަކަށް ފުރުސަތު ގެއްލިފައި އޮތް ހާލަތުގެ ތެރެއިން ހައްލުތަކެއް ހޯދުމަށް. ނަމަވެސް ގާނޫނީ ނިޒާމް އެކަށައެޅިފައި އޮތްގޮތުން ސަރުކާރެއް އިންތިހާބު ވަނީ 5 އަހަރަށް. ރައީސް ސޯލިހްގެ ސަރުކާރަށްވެސް ނިޒާމުން ލިބިދޭ އެ ފުރުސަތު ލިބެންވާނެޑރ. މުހައްމަދު ޖަމީލް އަހްމަދު | ކުރީގެ ނާއިބް ރައީސް
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށާ އެހެން ކަމުން އިންތިހާބު ބާއްވަނީ ކޮން އިރަކުންތޯ އާންމުންގެ މީހަކު ވަނީ ރައީސް ނަޝީދާވެސް ސުވާލު ކުރައްވާފައެވެ.
ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި މީހަކު ވަނީ އަހަރު ދުވަހަށްފަހު ބާއްވަން ވިދާޅުވި އިންތިޚާބު ކޮބައިތޯ ރައީސް ނަޝީދާއި ސުވާލު ކުރައްވާފައެވެ.
ވަރަށް ހައިރާންވެ ހުންނަވާ ރައީސް ނަޝީދު އެރޭ ވަނީ އެއީ 2008 ގެ އިންތިހާބާ ގުޅުންހުރި ސުވާލެއްތޯ އައްސަވާފައެވެ. ރައީސް ނަޝީދު އެ އިޝާރަތް ކުރައްވާ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން 2008 ގެ ރިޔާސީ ކެންޕެއިންގައި އެމަނިކުފާނު އޭރު ވެވަޑައިގެންނެވި ވައުދަށެވެ. -ނަމަވެސް އެފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ދައުރުގެ މެދުތެރެއިން އިންތިހާބު ބޭއްވުމަށް އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފައެވެ.-
ޓްވިޓާ މެދުވެރިކޮށް ސުވާލުކުރި ފަރާތުން ސުވާލުކުރަނީ 2018ގެ އިންތިހާބަށް ކަމަށް ޕްރެންޓަރު ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އަހަރު ދުވަސްފަހުން އިންތިހާބެއް ބާއްވާނެ ކަމަށް ރައީސް ސޯލިހްވެސް އަދި އެމަނިކުފާނުވެސް ވިދާޅުވި ހަނދުމަފުޅު ނެތް ކަމަށެވެ. އަދި އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހް ހުންނަވާނީ ފަސް އަހަރުގެ ޓާމަކަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާނެއް ނުވޭ ރައީސުލްޖުމްހޫރިއްޔާ އަހަރެއްގެ ފަހުން، އަދި އަޅުގަނޑުމެން އެކަކުވެސް އަހަރެއްގެ ފަހުން އިންތިހާބެއް ބާއްވާނެ ވާހަކައެއް ދެއްކި ހަނދާނެއް. އަޅުގަނޑުމެން ނުދައްކަން. ފަސް އަހަރުގެ ޓާމެކޭ އަޅުގަނޑުމެން ދެންނެވީ. އެއީ ދެންނެވެން އޮތް ވާހަކައަކީ" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާ ކުރައްވާނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ކުރިން ވިދާޅުވެފައެވެ. ހަތެއް ޖޫން، 2018 ގައި ލަންކާގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އައު ސަރުކާރު ވާންޖެހޭނީ އިންތިގާލީ ސަރުކާރަކަށް ކަމަށާ ވަގުތީ ސަރުކާރު ދެމި އޮންނަން ވާނީ މަޖިލީސް އިންތިޚާބާ ހަމައަށް ކަމަށެވެ.
އަދި 2019 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު 2020 ވަނަ އަހަރަށް ފަސްކޮށް ނޮވެންބަރު 11 އާއި 2020 ގެ މޭ އާއި ދެމެދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށައަޅުއްވާ ކަމަށެވެ.
"ނޮވެންބަރު 11 ވަނަ ދުވަހު 2018، ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާ ކުރައްވާނީ މިހާރު މި އޮތް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުތަކާއެކީގައި. އެއީ އިންތިގާލީ ވަގުތީ ސަރުކާރެއްގެ މަސައްކަތަކަށް ވާންޖެހޭނީ. މި ވަގުތީ ސަރުކާރު ދެމި އޮންނަން ވާނީ ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަންދެން. ގާނޫނު އަސާސީ އެބަ ޖާގަދޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ލަސްކުރުމަށް. އަޅުގަނޑު އެ ހުށައަޅަން އެ އިންތިޚާބު [މަޖިލީސް އިންތިހާބު] 2020 ލަސްކުރުމަށް. އަދި ނޮވެންބަރު 11 އާއި 2020 ގެ މޭ އާއި ދެމެދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އަދި އިންތިގާލީ އަދާލަތު ދިވެހި ރައްޔިތުންނަށް ހޯދާދީ، ދިވެހި ރާއްޖޭގެ ޓެކްސްގެ ނިޒާމްވެސް، ދާހިލީ ކަންކަންވެސް. ހާރިޖީ ކަންކަންވެސް، ދިވެހިން އެއްބައިވެގެން ކުރަންޖެހޭ ކިތަންމެ ކަމެއް ކުރުމަށް މި އަހަރެއްހާ ދުވަސް އަޅުގަނޑުމެން ނެގުމަކީ ބުއްދިވެރިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މި ވާހަކަފުޅު ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ވަނީ ރައީސް ނަޝީދަށް އަރުވާފައެވެ. އެއީ ދޭއް، ޖޫން 2018 ގައެވެ. އެމްޑީޕީން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދީފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންދަނިކޮށެވެ.
ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓެއް ހަމަޖެއްސުމަށް އެމްޑީޕީއަށް އަދި ރަނިންމޭޓެއް ހަމަޖެއްސުމަށް ޖުމްހޫރީ ޕާޓީއަށް ފުރުސަތު ދީފައިވަނީ އޭގެ ފަހުންނެވެ.
އެމްޑީޕީން އއ އުކުޅަހުގައި ބޭއްވި ކުއްލި ކޮންގްރެސްއެއްގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސޯލިހް ހަމަޖައްސަވާފައިވަނީ ޖޫން 30، 2018 ގައެވެ.
އެ ކޮންގްރެސްގައި އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ބޭއްވުމަށް ވަނީ ހިމަނާފައެވެ. ކޮންގްރެސްގައި ލޯންޗުކުރި މެނިފެސްޓޯގައި ވަނީ މައިގަނޑު ފަސް ކަމެކެވެ. އެއީ ޖަޒީރާ ރާއްޖެ، ނޫ އިގްތިސޯދު، ފަހުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ.
މެނިފެސްޓީގައި ހިމެނޭ އިންސާފުގައި ހިމެނޭ ކަންކަން ތަމްސީލްކުރެއްވުމުގެ ގޮތުން މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ، އިންތި ވިދާޅުވީ، ޕާޓީތަކުން ޕްރައިމަރީތަކުގައި އިންތިހާބުކުރި އެ ޕާޓީތަކުގެ އެންމެ ތާއިދު ބޮޑު ބޭފުޅާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.
އެފަދަ ބޭފުޅުންނަށް ފުރުސަތު ދިނުމަށްޓަކައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށް އިންތި ވިދާޅުވި އެވެ.