ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބަށް މިހާރުވެސް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، އެ ޕާޓީތަކުގެ ފިކުރުގެ މީހުނަށް ވަޒީފާއާއި ޕްރޮޖެކްޓުތައް ހަވާލުކުރުން ފަދަ ކަންކަމުން ސަރުކާރުގައި ތިބެގެން އޭގެ ފައިދާ ނަގަމުންދާއިރު، އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނެ ގޮތަކާމެދު ގޮތެއް ނިންމުމަށް މެދު ހެންވެއިރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ ހަބަރު ސިޓީގެ އެންމެ ފަހުން ނެރުނު ހަބަރު ސިޓީގައި އާޒިމް ލިޔުއްވާފައިވާ ލިޔުމުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ ނިޔަތާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، ކޯލިޝަންގެ ހިމެނޭ ޕާޓީތަކުންވެސް އަންނަ ރިޔާސީ އިންތިހާބަށް މިހާރުވެސް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، ޕާޓީގެ ފިކުރުގެ މީހުނަށް ވަޒީފާއާއި ޕްރޮޖެކްޓުތައް ހަވާލުކުރުން ފަދަ ކަންކަމުން ސަރުކާރުގައި ތިބެގެން އޭގެ ފައިދާ ނަގަމުންދާ ކަމަށެވެ.
އަތޮޅު ތެރޭގައި އެކަން ހާއްސަކޮށް ފާހަގަކުރެވޭއިރު، އެކަމުގެ ސަބަބުން 2012 އިން ފެށިގެން ހެޔޮ ވެރިކަމެއް ގާއިމުކޮށްދިނުމަށް ގުރުބާންވީ އެމްޑީޕީ މެންބަރުން ބާކީވެ، ޕާޓީ ދެކެ ފޫހިވެ، މާޔޫސްވެފައިވާ ކަމުގައި އާޒިމްގެ ލިޔުމުގައި ފާހަގަކުރެއްވި އެވެ.
އެހެންކަމުން، އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ ކޯލިޝަންގެ ތެރެއިންތޯ ނުވަތަ ވަކިންތޯ މިއީ ވަރަށް އަވަހަށް ނިންމަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިހެން މިދެންނެވީ ވާދަވެރި ޓީމުތަކުގެ ކުޅުންތެރިން ގޮވައިގެން މެޗު ކުޅެން އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލުޖަހާތަން އަޅުގަނޑަށް ފެންނާނެތީ،" އާޒިމް ލިޔުއްވާފައިވެ އެވެ.
އާޒިމް ވިދާޅުވެފައިވާ ގޮތުގައި، މިއީ ކޯލިޝަން ސަރުކާރެކޭ ކިތަންމެ ހަރުއަޑުން ބުނި ނަމަވެސް، ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން، ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ނުރަނގަޅު ކަމެއް ކުރާ ކޮންމެ ފަހަރަކު، އެކަމެއް ކުރީ މިވެނި ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެކޭ ނުބުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިނގިލި ދިއްކުރާނީ ނޫނީ ބަދުނާމު އަޅުވާނީ އެމްޑީޕީގެ ބޮލުގައި. މިއީ ކޯލިޝަން ސަރުކާރެއް ނަމަ އަޅުގަނޑަށް ސިފަވަނީ މިއީ ކޯލިޝަން އޮފް ދަ އަންވިލިންގެ ގޮތުގައި،" އާޒިމް ލިޔުއްވާފައިވެ އެވެ.