ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ނޫން ވަޒީރުން، މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ހެޔޮ ސަރުކާރެއްކަމަށް ދެއްކުމަށް މަސައްކަތް ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ، ކޯލިޝަން ސަރުކާރާމެދު މެދު ހެންވެއިރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ސުވާލު އުފައްދަވައިފި އެވެ.
އެމްޑީޕީގެ ހަބަރު ސިޓީގެ އެންމެ ފަހުން ނެރުނު ހަބަރު ސިޓީގައި އާޒިމް ލިޔުއްވާފައިވާ ލިޔުމުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ ނިޔަތާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ.
އާޒިމް ވިދާޅުވެފައިވާ ގޮތުގައި، މިއީ ކޯލިޝަން ސަރުކާރެކޭ ކިތަންމެ ހަރުއަޑުން ބުނި ނަމަވެސް، ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން، ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ނުރަނގަޅު ކަމެއް ކުރާ ކޮންމެ ފަހަރަކު، އެކަމެއް ކުރީ މިވެނި ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެކޭ ނުބުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިނގިލި ދިއްކުރާނީ ނޫނީ ބަދުނާމު އަޅުވާނީ އެމްޑީޕީގެ ބޮލުގައި. މިއީ ކޯލިޝަން ސަރުކާރެއް ނަމަ އަޅުގަނޑަށް ސިފަވަނީ މިއީ ކޯލިޝަން އޮފް ދަ އަންވިލިންގެ ގޮތުގައި،" އާޒިމް ލިޔުއްވާފައިވެ އެވެ.
ވަޒީރުންގެ ގޮތުގައި ތިއްބެވި އެހެން ޕާޓީތަކުގެ ބޭފުޅުންގެ ނަންތައް ވަކިން ލިޔުއްވައި، އާޒިމް ވިދާޅުވީ އެ ބޭފުޅުން މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ހެޔޮ ސަރުކާރެއްކަމަށް ދެއްކުމަށް މަސައްކަތް ކުރަންވީ އެއްވެސް ސަބަބެއް އޮތްތޯ މިއީ އުފައްދަންޖެހޭ ސުވާލެއް ކަމަށެވެ.
"މި ބޭފުޅުންގެ ދާއިރާތަކުގެ މަސައްކަތްތައް އަމާ ބުނީތީ ފަރަށްދާ އުސޫލުން ނުކުރެއެކޭ އަޅުގަނޑު ނުދަންނަވަން،" ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކުން ހިދުމަތް ދިނުމުގައި ލަސްވާ ކަމުގެ ޝަކުވާތަކަށް އިޝާރާތް ކުރައްވައި އާޒިމް ލިޔުއްވާފައިވެ އެވެ.
އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، ކޯލިޝަންގެ ހިމެނޭ ޕާޓީތަކުންވެސް އަންނަ ރިޔާސީ އިންތިހާބަށް މިހާރުވެސް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، ޕާޓީގެ ފިކުރުގެ މީހުނަށް ވަޒީފާއާއި ޕްރޮޖެކްޓުތައް ހަވާލުކުރުން ފަދަ ކަންކަމުން ސަރުކާރުގައި ތިބެގެން އޭގެ ފައިދާ ނަގަމުންދާ ކަމަށެވެ.
އަތޮޅު ތެރޭގައި އެކަން ހާއްސަކޮށް ފާހަގަކުރެވޭއިރު، އެކަމުގެ ސަބަބުން 2012 އިން ފެށިގެން ހެޔޮ ވެރިކަމެއް ގާއިމުކޮށްދިނުމަށް ގުރުބާންވީ އެމްޑީޕީ މެންބަރުން ބާކީވެ، ޕާޓީ ދެކެ ފޫހިވެ، މާޔޫސްވެފައިވާ ކަމުގައި އާޒިމްގެ ލިޔުމުގައި ފާހަގަކުރެއްވި އެވެ.
އެހެންކަމުން، އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ ކޯލިޝަންގެ ތެރެއިންތޯ ނުވަތަ ވަކިންތޯ މިއީ ވަރަށް އަވަހަށް ނިންމަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިހެން މިދެންނެވީ ވާދަވެރި ޓީމުތަކުގެ ކުޅުންތެރިން ގޮވައިގެން މެޗު ކުޅެން އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލުޖަހާތަން އަޅުގަނޑަށް ފެންނާނެތީ،" އާޒިމް ލިޔުއްވާފައިވެ އެވެ.
ސަރުކާރު ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ ޔަގީންކަން އެންމެ ފަހުން ދެއްވީ ޖުލައި 23 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައެވެ.
"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން،" އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ކޯލިޝަންގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް ގެކުރިން ކެބިނެޓް ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއް ގެއްލިފަ އެވެ. އަދި ހައުސިން މިނިސްޓްރީ އުވާލުމާއެކު އެމްއާރްއެމްގެ ސްލޮޓެއް ވެސް ވަނީ މަދުވެފަ އެވެ.
މިފަހުން ރައްޔިތުންގެ މަޖިލީހުގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އެމްޑީޕީ މެންބަރުން ގެންދަވަނީ ކޯލިޝަން ރޫޅާލައި އެހެން ޕާޓީތަކުގެ މިނިސްޓަރުން ވަކި ކުރުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން އެހެން ޕާޓީތަކުގެ ނުތަނަވަސްކަން އޮތީ ވަރަށް ބޮޑުވެފަ އެވެ.