ސަފާރީ ރޭޕް

ސަފާރީ ރޭޕް: އިމްރާންގެ މައްސަލަ މަޖިލީހަށް

Oct 25, 2020
2

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ފޮނުވި ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްތަކުން ގެނެސްދިން ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މުޅި އެ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށާ ނަމަވެސް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލާލާ ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،"

އެކަމާ ގުޅިގެން، އެ އަންހެންމީހާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިމްރާންގެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި ބުނީ ތަހުގީގީ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން، ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލައަކީ ކުޑަކަމެއްގެ ގޮތުގައި ދައްކަވަން މަސައްކަތްކުރެއްވުމަކީ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނެކަމާމެދު ޔަގީންކަން ގެއްލޭފަދަ ކަމެއް ކަމަށެވެ.

އެހެންކަމުން ހޯމް މިނިސްޓަރުގެ މަގާމު އަދާކުރެއްވުމުގައި އިމްރާންގެ މައްޗަށް އިތުބާރު ގެއްލިފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.