ހަބަރު

"މިއީ 87 މެންބަރުންގެ ތަނެއް" އިމްރާން ވަކިކުރަން އެމްޑީޕީގެ ތާއީދެއްނެތް

ރައްޔިތުންގެ މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން 10 މެންބަރެއްގެ ސޮއި ބޭނުންވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްސަލަ އިދިކޮޅުން އިސްވެ 11 މެންބަރުން ސޮޔާއެކު ހުށަހަޅާފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ކަމަށާއި، އެ މައްސަލައިގެ ނޯޓިސް މިއަދު ފޮނުއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މިއަދުގެ ޖަލްސާގައި ނަޝީދު އިއުލާނު ކުރެއްވުމާއެކު، އެމްޑީޕީގެ ޕާލިމަންޓަރީ ގްރުޕޫގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެ މައްސަލައަށް އެމްޑީޕީން ތާއީދު ނުކުރާނެކަމަށް ނުސީދާ ގޮތަކަށް ވިދާޅުވެފަ އެވެ.

"ހިޔާލުތަފާތުވުންތަކެއް އޮންނަ ފަހަރު ހުސް ބުޅީގައި ނުގަންނާނެ. ހުސް ބުޅި އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރިއަށް ނުގެން ދެވޭނެ،" އިމްރާން މައްސަލާގައި އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށް ނުސީދާ ގޮތަށް ހާމަކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް އެ މައްސަލަ އެޖެންޑާ ކުރަން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް އިމްރާނަށް މިއަދު ފޮނުއްވާނެ ކަމަށާއި ނޯޓިސްގެ މުއްދަތު ހަމަވުމުން މައްސަލަ އެޖެންޑާ ކުރާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ގަވައިދުގައި މި ބުނަނީ 10 މެންބަރުން ސޮއި ކުރެއްވީމާ އެޖެންޑާ ހިނގާނެ ކަމަށް. ދެން މި ތަނަކީ 87 މެންބަރުންގެ ތަނެއް. 10 މެންބަރުން ސޮއި ކުރައްވާ މިތަނަށް ހުށަހެޅުއްވީމާ، ދެން އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

އިމްރާން ވަކި ކުރުމުގެ މައްސަލައަށް އެމްޑީޕީން ތާއީދު ނެތްކަން ހާމަކޮށްފައިވީ ނަމަވެސް، އެ ޕާޓީނޫން އެހެން ބައެއް މިނިސްޓަރުންނަށް ހާއްސަކޮށް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އެކި ފަހަރު މަތިން ފާޑުކިޔާފައިވެ އެވެ.

އެމްޑީޕީ ނޫން ކޯލިޝަނުގެ މިނިސްޓަރުންނަކީ "އަމާ ބުނީތީ ފަރަށްދާ" ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށާއި، ކޯލިޝަން ރޫޅާލުމުގެ ވާހަކަތައްވެސް އެމްޑީޕީގެ އިސް ބޭފުޅުން ދަނީ ދައްކަވަމުންނެވެ.

އިދިކޮޅުން އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކާއި ގުޅިގެން ރޭ އިމްރާން ދެއްކެވި ވާހަކަތަކާއި މޭޑޭގެ ބޮޑު އެއްވުމުގައި އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ. އަދި ކެންޔާގެ އަންހެން މީހާގެ ގާނޫނީ ވަކީލުން ވަނީ އިމްރާނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްތަކުން ގެނެސްދިން ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މުޅި އެ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށާ ނަމަވެސް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަ ނޫން ކަމަށް ވިދާޅުވި އެވެ.