ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ ވެރިކަންކުރާ އެމްޑީޕީ މެންބަރުންގެ ތާއީދު ނެތި، އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައިން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސަލާމަތް ވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން އިސްވެ، 11 މެންބަރުންގެ ސޮއި އާއެކު އިމްރާން އާ ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެވެ.
އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެ އެވެ.
ނަމަވެސް، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިމްރާނަށް އިތުބާރުއޮތްކަމަށް އިއްޔެ ފާސްކޮށްފައިވާއިރު، އެ މައްސަލާގައި މިއަދު ނެގި ވޯޓުގައި، އެ މައްސަލައާ އެއް ކޮޅަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެންމެ 11 މެންބަރުންނެވެ. އިމްރާނަށް އިތުބާރުއޮތްކަމަށް ބާކީ ތިއްބެވި 53 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
އެ މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ބަހުސް ފެށުމުގެ ކުރިން ދިފާއުގައި ވާހަކަ ދައްކަން ދިން ފުރުސަތުގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން ވިދާޅުވީ މި މައްސަލައަކީ ނުވާކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށްގެން، ސަރުކާރު ބަލިކަށި ކޮށްލައިގެން ހަމަޖެހުން ނަގާލަން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓާއި މަޖިލީހަށް ސިފައިން ވައްދައިގެން ކުރި ވެރިކަން މާޒީވެ، އޭރު ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ވަގަށް ނަގާފައިވާ މައްސަލަތައް މި ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ބެލުމުގައި އެއްވެސް މިންވަރަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އިމްރާންގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމާއެކު، އޭނާގެ މައްޗަށް އިތުބާރުއޮތްކަމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ވަނީ ފާސްކޮށްފައި އެވެ.
މިއަދުގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވަނީ އިމްރާންގެ ދިފާއުގައި ދެއްކެވި ވާހަކަތަކަށް ބާރު ދެއްވައި، މިނިސްޓަރަށް ފުރިހަމަ އިތުބާރުއޮތް ކަމަށް ވިދާޅުވެފައި އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އާދަލަތު ޕާޓީއަކީ ވަރަށް ގާތް ދެ ޕާޓީ ކަމަށާއި އާދަލަތު ޕާޓީއާ އެކީ ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީން އަބަދުވެސް ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މިއަދުގެ ބަހުސްގައި ވިދާޅުވެފައި އެވެ.
"އެމްޑީޕީއިން އަބަދުވެސް ބޭނުންވޭ އަދާލަތު ޕާޓީއާ ގާތް ގުޅުމެއް ބާއްވައިގެން ކަންކަން ކުރަން. މި ދެ ޕާޓީ އަކީ ހަރުކަށި ފިކުރާ ދެކޮޅު އަދި ލާދީނީ ގޮތުން ވެސް ހަރުކަށި ފިކުރާ ދެކޮޅު ބައެއް، މި ދެ ޕާޓީގެ ވިސްނުމާއި ފަލްސަފާ ވަރަށް ގާތް ކުރާ ދެ ޕާޓީ، އެކު އެކީގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކޮށްގެން މި ތިބީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
އެކަމާ ހިތްހަމަނުޖެހިގެން އިދިކޮޅު މެންބަރުން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި އިސްވެ މަސައްކަތް ކުރާ އެމްޑީޕީގެ ބައެއް މެންބަރުންވެސް، އިމްރާން ދިފާއު ކުރައްވައި، މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވާތީ، ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ބައެއް މެންބަރުން ވަނީ ފާޑުކިއުންތައް އަމާޒުކުރައްވައިފަ އެވެ.
މިގޮތުން، އިމްރާނަކީ އިލްމު އުގެނިގެން ހުރި މުނާފިގެއް ގޮތުގައި އިދިކޮޅުގެ ބައެއް މެންބަރުން ވަނީ ސިފަ ކުރައްވައިފަ އެވެ.
"ބައެއް އިއްޒަތްތެރި މެމްބަރުން ވާހަކަ ދެއްކެވި އިރުގައި މިއަދުގެ ހޯމް މިނިސްޓަރަކީ އިލްމުވެރިއެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި. އަޅުގަނޑުވެސް ގަބޫލުކުރަނީ އެގޮތަށް. އިލްމު އުނގެނިގެން ހުންނެވި މުނާފިގެއްގެ ގޮތުގައި މިއަދު އަޅުގަނޑަށް އިމްރާން އަބްދުﷲ ސިފަވަނީ،" ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ، ވަރަށް ސާފުކޮށް އިމްރާން ދައްކަވާފައިވާ ވާހަކަތަކެއް އެމްޑީޕީ މެންބަރުން އިސްވެ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު އިމްރާނަށް އިތުބާރުއޮތްކަމަށް ފާސްވި ނަމަވެސް، މި މައްސަލައަކީ މި ސަރުކާރުގައި މަޖިލީހުގެ ވޯޓަކާ ހަމައަށް އައި ވަޒީރެއްގެ އިތުބާރުގެ ފުރަތަމަ މައްސަލަ އެވެ.
މީގެ ކުރިން، ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވުނު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުނެވެ.
ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
އަމީންގެ އިތުރުން ހަމަ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގައި ހުންނެވި ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އިތުބާރުނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ވަނީ ނިންމައިފަ އެވެ.
ނަމަވެސް، ޓީވީ ޕްރޮގްރާމެއްގައި މަޖިލީހުގެ މަސައްކަތްތަކަށް ފާޑުވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުންގެ ހިތްހަމަނުޖެހުން އަމާޒުވެފައިވާއިރު، އެ މައްސަލަ ރަސްމީކޮށް އަދި މަޖިލީހަށް ހުށަހެޅިކަމެއް އެނގިފައެއް ނުވެ އެވެ.