ކޮޕީ ފަތަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެންމެ އާންމު ފަތްޕިލާވެލީގެ ބާވަތެވެ. ކޮޕީ ފަތް އާންމުކޮށް ބޭނުންކޮށް އުޅެނީ ތަފާތު ބާވަތްތަކުގެ ސަޓަނި ހެދުމަށެވެ. ހަމައެހެންމެ މިފަތަކީ ކެއުމުގައި ހުހަށްވެސް ބޭނުންކޮށް އުޅޭ ވަރަށް މީރު ފަތެކެވެ.
ކޮޕީ ފަތުގައި ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވިގެން ވެއެވެ.
ގިނަ އަދަދަކަށް ވިޓަމިންސާއި މިނަރަލްސް އަދި އެންޓި އޮކްސިޑަންޓްސް އެކުލެވިފައިވާތީ އާންމުކޮށް މިފަތް ކެއުމުގައި ބޭނުންކުރުމުން ބަލިތައް ޖެހުން ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ދުޅަހެޔޮކަން ގެނެސްދޭނެ އެވެ.
ކޮޕީ ފަތުން ހަށިގަނޑަށް ލިބިދެވޭ ފައިދާ ތަކުގެ ތެރޭގައި ކެންސަރުފަދަ ބަލިތަކުން ދިފާއުވުމާއި ހަށިގަނޑުގެ ކަށީގެ ދުޅަހެޔޮކަން ގަދަވުމާއި ލޮލަށް ތާޒާކަން ގެނައުން ހިމެނެ އެވެ.
މީގެ އިތުރުންވެސް ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމާއި އޭގައި އެކުލެވޭ ފައިބާގެ ސަބަބުން ހަޖަމުގެ ނިޒާމު ރަނގަޅުވެގެންދެ އެވެ.
ކޮޕީ ފަތަކީ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ބޭނުންކޮށްލެވޭނެ ރަނގަޅު ފެހިކާނާ އެކެވެ. ކޮންމެ ވައްތަރެއްގެ ފަތެއްވިޔަސް ބޭނުންކުރުމުގައި ފަތްތައް ދޮވެ ސާފު ކުރުމަށްފަހު ބޭނުން ކުރުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.