ރޯދަ މަހާ ރޯއްޖާ

ރަނާ

"ލޯބިނުވަންޏާ އަހަންނެއް މިހެން ނޫޅޭނެއެއްނު" ރޭގަނޑު ސައިކަލުގައި ބުރެއްޖަހާލަން ނުކުމެ އަހަރެންގެ ފަހަތުގައި އިން ހީނާ ކުރި ސުވާލަށް ކުޑަކޮށް ވެސް ފަސްޖެހުމަކާ ނުލާ އަހަރެން ޖަވާބު ދިނީމެވެ.

"އެކަމަކު އަހަންނަށް ހީވަނީ އަހަންނަށް ކުރެވުނު މޮޔަކަމެއްހެން އެއީ ޒަހީންއާއި ގުޅެން އާނއެކޭ ބުނެވުން" ހީނާ މިހެން ބުނުމުން އަހަރެން ހައިރާނެއް ނުވި އެވެ. އޭނާ ބޭނުން ވަނީ ކޮން ކަމެއްކަން އަހަންނަށް އެނގޭތީ އެވެ. ނަމަވެސް ނޭނގޭ ކަމަށް ހަދާފައި ވާހަކަ ކުރިއަށް ގެންދިއުމަށް އަހަރެން ހީނާއާ ސުވާލު ކޮށްލީމެވެ.

"ކީއްވެ ތިހެން ތިބުނީ، އަހަރެން ހީނާއަށް ދެރައެއްދީފާނެހެން ހީވަނީތަ؟" ހިނިއައިސްފައި އިނދެ އަހަރެން އަހާލީމެވެ.

"ދެރައެއް ނުދިނަސް، މިފަށައިގެން އުޅޭ މުބާރާތުގައި ބަލިވާނީ އަހަރެންހެން ހީވާތީ، ޒަހީންތީ އަހަންނާ އެއްކޮޅަށް ހުންނަންވި މީހާ، އެކަމަކު ޒަހީން ހީވަނީ ދެކޮޅަށް ކިރޭ ތިލަފަތެއްހެން، ގޮތެއް ނިންމަން ނޭނގިގެން ތިއުޅެނީ ކީއްވެތަ؟ އަހަރެން ގާތު ދެއްކި ވާހަކަތައް ހަނދާން ނެތުނީތަ؟ އަހަރެން ޒަހީނަށް ހުރިހާ އުފަލެއް ހޯދައިދޭނަން، އެކަމަކު ބުނަން، އަހަރެންގެ އުމުރުން ހަގެއް ކަމަކު އަހަންނަކީ ދުނިޔެއަށް ލޯހުޅުވިފައި ހުރި އަންހެންކުއްޖަކީމު، އެހެންވީމަ ހީނުކުރާތި ކައިވެނީގެ ކުރިން ޅައެއްޗެއް އަޅާފާނެއޭ، އެކަހަލަ ފުރުޞަތެއް އަހަރެން ޒަހީނަކަށް ނުދޭނަން، ކުރިން ވެސް އަހަރެން ނުބުނަންތަ އަހަރެން ބޭނުންވަނީ ޒަހީނަކީ މިނިވަނަކަށް ވާށޭ، މިހެން އުޅޭތާ އަހަރު ވަނީ، މަންމަމެން ވެސް މިހާރުތިބީ ޒަހީނާ ބައްދަލު ކުރަން ބޭނުންވެފައި، އަބަދު ސުވާލުކުރޭ ކީއްވެތޯ އަހަންނާ ބައްދަލު ކުރަން ގެއަށް ނާންނަނީ، ގޭގެ އެހެންކުދިން ވެސް ރައްޓެހިވެގެން އުޅޭ މީހާ ގެންނަނީ ގެއަށް، ބޭރުތެރޭ އަހަރެން މިއުޅޭ ހެނެއް ނޫޅޭ، އަހަރެން ބޭނުމެއް ނޫން ޒަހީން މިހާރު ތިހިރަ ގޮތުގައި ހުއްޓާ އަހަރެންގެ ޢާއިލާއާ ބައްދަލު ކޮށްދޭކަށް، އަހަރެންގެ ހިތް ރުހޭ ގޮތަށް ކަންތައް ކުރަން ޒަހީން ބޭނުން ނުވަނީ ކަންނޭނގެ، މި ރަމަޟާންމަހު މިގޮތަށް އުޅޭކަށް އަހަރެން ބޭނުމެއް ނޫން، ޒަހީން ތިހާ ފޫހިވާއިރު ކީއްވެތަ ސުމާ ވަރިކުރަން ނުކެރިގެން ތިއުޅެނީ، ނޫނީ އެއީ ހުސްވެސް އަހަރެންގެ ރުހުން ހޯދަން ދައްކާ ދޮގު ބަހަނާތަކެއްތަ؟" ހީނާގެ ވާހަކަތަކުން އޭނާގެ ހިތުގައި އޮތްއެއްޗެއް އަހަންނަށް އޮޅުންފިލިއެވެ.

ސުމާއަކީ އަހަރެންގެ ފަނަރައަހަރު ދުވަހުގެ ހަޔާތުގެ ބައިވެރިޔާ އެވެ. އަހަރެންގެ އަލަތު އަނބިމީހާއެވެ. ލޯބިން ކައިވެނި ކުރިއެއް ކަމަކު ކައިވެނިން އަހަރެން ހޯދަން ބޭނުންވި ހަޤީޤީ އުފަލެއް ނުލިބުނެވެ. ދިހައަހަރު އެކުގައި ހޭދަވެގެން ދިޔައިރު ކައިވެނީގެ ގަހުން މޭވާއެއް ނުނިކުތުންވީ އަހަރެން އެކަމާ މާޔޫސްވީ ކަމެކެވެ. މައްސަލައަކީ ކޮބައިކަމެއް ބުނެދޭކަށް އެއްވެސް ޑޮކްޓަރަކަށް ނޭނގުނެވެ.

ގަހަކީ މާއެޅުމުގެ ޤާބިލުކަން ލިބިފައިވާ ގަހެކެވެ. މުޑުވަށް ވެސް ގޯހެއް ނޫނެވެ. ނަމަވެސް މޭވާއެއް ނޭޅި އެވެ. ކިތަންމެ ލޯބިވިޔަސް އަހަންނަށް ކުށްވެރިކުރެވެނީ ސުމާ އެވެ. ކީއްވެކަމެއް ނޭނގެ އެވެ. އަހަރެންގެ ކައިވެންޏަށް ފަނަރަ އަހަރު ފުރުނީ އަހަންނާ ހީނާއާ ދެމެދު ގުޅުމެއް އުފެދުނު ފަހުންނެވެ. ނަމަވެސް އޭރު އަހަންނަށް އަހަރެންގެ އަނބިމީހާއާ ވަނީ ވަރަށް ބޮޑަށް ދުރުވެވިފަ އެވެ. އެކަމާ އަހަރެން ދެރައެއް ނުވެއެވެ. ސުމާ ދެކެ އެހާ ވެސް ފޫހި ވަނީ އެވެ. ހީނާއަކީ ސުމާއަށްވުރެ އުމުރުގެ ގޮތުން ޅަވެފައި އަހަރެންގެ އޮފީހުގައި މަސައްކަތްކުރާ ކުއްޖެކެވެ. އަހަރުމެން ދެމީހުން ވެސް މިހާރު ބޭނުންވަނީ ކައިވެނި ކުރާށެވެ. ސުމާ ވަރިކޮށް މިނިވަނެއްގެ ގޮތުގައި އަހަރެން ހުރެ އެވެ. އެކަމަކު ސުމާގެ އަޚުލާގު ރަނގަޅުކަމާ އޭނާގެ އޯގާތެރިކަން ހިތަށް އަރާފައި އަހަރެން ޖެހިލުންވާކަން ހީނާއަށް ހާމަކުރަން އަހަރެން ބޭނުމެއް ނުވެއެވެ. ސުމާއަށް އަހަރެން އޭނާއާ ދުރުވެއްޖެކަން އެނގި އެކަމާ ކުރީކޮޅު ސުވާލު ކުރި ނަމަވެސް އަހަރެން އެކަމާ ރުޅި އަންނާތީ މިހާރު އެކަހަލަ ސުވާލުތަކެއް ނުކުރެ އެވެ.

"އަހަރެން ހީނާ ގާތު ދޮގެއް ނުހަދަމެންނު، އަހަރެން އެކަމެއް ކުރާނަމޭ ބުނެފިއްޔާ އެކަން ކޮށްފަ ނޫނީ ހުއްޓައެއް ނުލާނަން، އެ ދުވަހަކުން ހީނާ އަހަންނަށް ލަނޑުދީފައި އެހެން ފިރިހެނެއްގާތަށް" ކުއްލިއަކަށް އަހަރެންގެ ފަހަތުގައި އިން ހީނާ ނިކަން ބާރަށް ބުރަކަށީގައި ވިކައިގަތެވެ.

"ދުވަހަކުވެސް ދެން ތިހެން ނުބުނާތި" ހިތްހަމަނުޖެހިފައި އިން ހީނާ އަމުރުވެރި ރާގަކަށް ބުނެލި އެވެ.

ދެމީހުންގެ ބައްދަލުވުން ނިންމާލެވެނީ ސައިކަލުގައި މާލެވަށާ ދެ ތިންބުރު ޖަހާލެވުމުންނެވެ. އެރޭ ގެއަށް އައިސް ވަންއިރު ސުމާ ހާރު ކައްކަން އުޅެ އެވެ. އަހަރެން އޭނާ ފެންނަ ކަމަކަށް ނުހަދަމެވެ. އައިގޮތަށް އައިސްވަނީ ކޮޓަރިއަށެވެ. އޭރު ވެސް ސިކުނޑީގައި ހީނާ ދެއްކިވާހަކަތައް ހަރުލާފައި ހުއްޓެވެ. ނިތްކުރީގައި އަތްބާއްވާލައިގެން ދެލޯމަރާލީ ކޮންމެވެސް ގޮތެއް ނިންމަންޖެހޭކަން އެނގޭތީ އެވެ. ފޫހި ދިރިއުޅުމެއްގެ ތެރޭގައި އުޅުމަށްވުރެ އެކަމުން ސަލާމަތްވުން މުހިއްމު ކަމުގައި އަހަރެން ދުށީމެވެ. އެކަމަކު އެހިސާބުން އެކަން ނިމިދާނޭ ކަމާމެދު އަހަންނަށް ޝައްކެވެ. މިހާރު ވެސް ގިނަ ފަހަރަށް، އަހަރެން ސުމާއަށް ފޮނުވާލާ ބަހުގެ ހަމަލާތަކަށް ރައްދުދޭ ފަރާތަކީ އަހަރެންގެ މަންމަ އެވެ. އުމުރުން ދުވަސްވެފައި އިން މަންމައަށް އަހަންނަށްވުރެ ސުމާ ރަނގަޅު ވެއެވެ. ނަމަވެސް މަންމައާ ހިސާބުން އަހަންނަށް ވެސް ޖެހެނީ މައިތިރިވެ ހިމޭންވާށެވެ. މަންމައާ ޖަދަލު ކުރުމުގެ ހިތްވަރެއް ނުހުރެ އެވެ.

ކެނޑިނޭޅި ހީނާގެ ޝަކުވާތައް އަންނަމުން ދިޔައެއް ކަމަކު އަހަރެން ހީކުރީ އަދި އިތުރު ދުވަސްކޮޅަކު ގޮތެއް ނުނިންމާ އުޅެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އަހަރެން ސިހިގެން ދިޔައީ ހީނާ އަހަންނާ ވަކިވާން ނިންމި ނިންމުމެވެ. އޭރު އަހަންނަށް ވެސް ހީނާއާމެދު ދެކެވެމުން ދިޔައީ ވަރަށް ވެސް ގާތްކޮށެވެ. ހިތުގައި ހީނާއަށް ޚާއްޞަ މަޤާމެއް ދެވިއްޖެ އެވެ. އެހެންވެ ވަކިވުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ހީނާ ނޫން އެހެން އަންހެން ކުއްޖެއް އަހަރެންގެ ހަޔާތަށް އަޔަސް ސުމާގެ ހިޔަނި އަހަރެންގެ ދިރިއުޅުމުން ނުފިލާނެކަން އެނގެ އެވެ. ވީއިރު އެންމެ ރަނގަޅު ގޮތަކީ ސުމާއާ ވަކިވުމެވެ.

"އަހަރެން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން، ޒަހީނު މި ގުޅުން ކުރިއަށްގެންދަން ބޭނުންނަމަ އަހަރެން ގާތަށް ދެން އަންނަންވާނީ އަހަރެން ބޭނުންވާ ގޮތަށް ހުރެގެން" މޫނު ހަދާލާފައި އަހަރެންގެ އަތްފޮޅުވާލަމުން ހީނާ އޭނާގެ ގެއަށް ވަދެގެން ދިޔަ އެވެ. އެރޭ ގެއަށް ދެވުނީ ވަރަށް ލަހުންނެވެ. ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަޙައްދުގައި ފިކުރު ކުރުމުގައި ގިނަވަގުތުތަކެއް ހޭދަ ކުރުމަށްފަހު ވަކި ގޮތެއް ނިންމައިގެންނެވެ.

ގެއަށް އައިސް ވަން އިރު ސުމާ އޮތީ ނިދާފަ އެވެ. އެހެންވެ ސުމާއަށް ގޮވާ ހޭލައްވާފައި އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބުނަން ބޭނުން ނުވީ އެވެ. ނަމަވެސް އެރޭ އަހަރެންގެ ލޮލާ ނިދި ދުރުކަން ފާހަގަވި އެވެ. ދޭތެރެއަކުން ސުމާއަށް ބަލާލެވެ އެވެ. އެ ސިފަ ފެނުމުން ސިކުނޑީގައި މާޒީގެ އެތައް މަންޒަރުތަކެއް ކުލަވެގެން ދެއެވެ. ދެލޯ މަރާ ތަގުޅިކޮށްލެވެނީ އެހެން ވެއެވެ. ހީނާ އާއި ސުމާ އަޅާކިޔަން އަހަރެން ދުވަހަކު ވެސް ބޭނުމެއް ނޫނެވެ. ދެ މީހުންނަކީ މުޅިން ތަފާތު ދެ މީހުންނެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ގޮތުގައި އަހަންނަށް ކަމުދެ އެވެ. އެކަމަކު ހަމައެކަނި ކަމުދިއުމަކުން އެކުގައި އުޅުން ފަސޭހައެއް ނުވިއެވެ. ލޯތްބަކީ އެއިރެއްގައި ތިމާ ހުންނަ ހާލަތާ ގުޅިފައިވާ އިޙުސާސެއްކަން އަހަންނަށް ފާހަގަ ކުރެވުނީ ވެސް އެހެންވެއެވެ.

"އަހަންނަށް މިގޮތަކަށް ނޫޅެވޭނެ، ދެވަނަ ކައިވެންޏެއް ކުރަން އަހަރެން ނިންމައިފިން" ހެނދުނު އޮފީހަށް ދާން ތައްޔާރުވަމުން ލޯގަނޑު ކުރިމަތީ ހުރެ ކޮޓަރީގައި އުޅުނު ސުމާއަށް އަހަރެން ބުނީމެވެ. ނަމަވެސް އޭނާ އެއްޗެއް ނުބުނުމުން އަހަރެން ވަރަށް ހައިރާންވި އެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟" އަހަރެން އަހާލީމެވެ. ސުމާގެ ޖަވާބު އައީ ދެނެވެ.

"އަހަންނަށް އެނގޭ ޒަހީން މިހާރު އަހަރެންދެކެ ލޯތްބެއް ނުވާކަން، އަދި ޒަހީންގެ ހަޔާތަށް އަހަރެން ނޫން ބައިވެރިއަކު އައިސްފިކަން ވެސް، މިއަދު ނޫނީ މާދަން އަހަރެން ގާތު ތިހެން ބުނާނެކަން ވެސް އެނގޭ، މިހުރިހާ ދުވަހު އަހަރެން ތައްޔާރުވަމުން މިއައީ ޒަހީން ތެދު ހާމަ ކުރާނެ ވަގުތަކަށް، އަހަރެންގެ މައްސަލައެއް ނެތް ޒަހީން މީހަކާ އިނަސް، ޒަހީން ހިތްހަމަޖެހޭ ކޮންމެ ކަމެއް ކުރޭ" ސުމާ އެންމެ ފަހުން އެބުނި އެއްޗަކުން އަހަރެން ހައިރާންވެ އަންތަރީސްވި އެވެ. އަހަރެން އިތުރު މީހަކާ އިންނަން އެހާ ފަސޭހައިން ޤަބޫލުވީތީ އެކަމާ އެވެ. އެއްވެސް ޝަކުވާއެއް ކުރުމެއްނެތި ޒުވާބެއް ހިނގުމެއްނެތި އެހާ އޮމާންކޮށް އެވާހަކަ ދެކެވިދާނެ ކަމަކަށް އަހަރެން ހީއެއް ނުކުރަމެވެ.

"އަހަރެން ދެވަނަ ކައިވެންޏެއް ކުރަން ނިންމީއޭ ބުނީމަ އޭގެ މާނައަކީ ސުމާ އަހަރެންގެ އަނތްބެއްގެ ގޮތުގައި އިންނާނެ ވާހަކައެއް ނޫން، މިއަދުން... މިއަދުން ފެށިގެން ސުމާ ތިހިރީ މިނިވަން ކޮށްދީފައި" ކީއްވެކަމެއް ނޭނގުނަސް، އަހަންނަށް އެހެން ބުނެވުނީ ކުޑަކޮށްޖެހިލުންވެފައި ހުރެއެވެ. އެހެންވެގެންނާއެކު އަވަސް އަވަހަށް ބެލީ ކޮޓަރިން ނުކުމެގެން ދެވޭތޯ އެވެ.

އެދުވަހު އޮފީސް ނިމުނުގޮތަށް އަހަރެން އެންމެ ފުރަތަމަ ވެސް ދިޔައީ ހީނާއާ ބައްދަލު ކުރާށެވެ. ވަގުތުން ވަރީގެ ޚަބަރު އޭނާއަށް ދިނުމަށެވެ. ހީނާ މޫނުމަތިން ފެނުނު އުފާވެރި ކަމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނުއިރު ޒަމާންވީ ބައިވެރިޔާ ދޫކޮށްލުމުން އެ ލޮލުން ފައިބާނެ ވޭނީ ކަރުނައާމެދު ކުޑަކޮށް ވެސް ޚިޔާލެއް ފިކުރެއް ނެތެވެ. ގެއަށް އައިސް ވަނީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. މަންމަ މިހާރު ހިތްހަމަ ނުޖެހުނަސް ދުވަސްކޮޅަކުން ސުމާގެ މަތިން ހަނދާން ނެތިދާނޭ ހިތަށް އަރުވާލައިގެން ހުރެއެވެ.

"ޒަހީން، އެހާ ހެނދުނާ ސުމާ ކޮންތާކަށްތަ އެ ދިޔައީ؟ މަންމަ އަހާ އަހާ ވެސް ވަކި އެއްޗެއް ނުބުނި، އޭނާ އުޅެނީ ކުޑަކޮށް ބަލިވެކަން ޒަހީނަށް ނޭނގޭތަ؟" އަހަރެން ފެނުމުން ކަންބޮޑުވެފައި ސިޓިން ރޫމުގައި އިން މަންމަ ވާހަކަ ދައްކަން ފެށިއެވެ. ބޯ ކަހާލުމާއެކު ކޮށިގޮތަކަށް ވާހަކަ ދައްކަމުން ސުމާ ވަރިކުރި ވާހަކަ އަހަރެން ބުނީމެވެ.

"ސުބްހާނަﷲ" މަންމަގެ އަނގައިގައި ފަސް އިނގިލި އެއްކޮށް އަޅާލި އެވެ. އެއަށްފަހު މަންމަ އެއްވެސް އެއްޗެއް ނުބުންޏެވެ. އިސްޖަހާލަމުން މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. މަންމަގެ އެ އަމަލުން ވެސް ހިތްހަމަނުޖެހިފައި ހުރިވަރު އަހަންނަށް ނަގައިގަނެވުނެވެ. އެ ދުވަހަށްފަހު އަހަންނާ މަންމަ ވާހަކަ ދައްކާލެއް ވަރަށް މަދެވެ.

ސުމާއާ ވަކިވިތާ ފަސްމަސް ވެގެންދިޔައިރު އަހަންނާއި ހީނާގެ ގުޅުމަކީ ދެ ޢާއިލާއަށް ވެސް އެނގިފައިވާ ގުޅުމެކެވެ. އަދި އަހަރުމެންގެ ކައިވެންޏަށް ތައްޔާރުވަމުން ދިޔައިމެވެ. އެގޮތުން ކައިވެނީގެ ގޮށްޖަހާލުމަށްޓަކައި އެންމެފަހުގެ ތައްޔާރީއެއްގެ ގޮތުން އަހަރުމެން ކައިވެނި ކުރަން ހަމަޖެހިފައި އޮތް ހޯލު ތައްޔާރު ކުރަމުން ދިޔަ ވަގުތެވެ. ކުއްލިއަކަށް އަހަންނަށް އައީ މަންމަގެ ފޯނު ކޯލެކެވެ.

"ޒަހީން، ތިހުރި ތާކުން ވީއެންމެ އަވަހަކަށް އައިޖީއެމްއެޗްއަށް އާދޭ، މަންމަ މިހިރީ ހޮސްޕިޓަލުގައި" މިހެން ބުނުމާއެކު މަންމަ ފޯނުކޯލު ކަނޑާލީ އަހަންނަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ އެވެ. އަވަހަށް ކުރަންހުރި ކަންތައް ދޫކޮށްލާފައި ހޮސްޕިޓަލާ ދިމާލަށް ދިޔައީމެވެ.

"ކިހިނެއްވީ މަންމާ؟" އަހަރެން ކަންބޮޑުވެފައި ކުރި ސުވާލަށް މަންމަ ޖަވާބެއް ދިނުމުގެ ބަދަލުގައި އަހަރެންގެ އަތުގައި ހިފައިގެން އައީ އަންހެނުން ވިއްސަން ވައްދާ ކޮޓަރިއާ ދިމާލަށެވެ. އެތަނުގައި މަންމަ މަޑުކޮށްލުމުން އަހަރެން ހިތްހަމަނުޖެހުނެވެ.

"މަންމާ، މިތާ ކީއްތަ ތިކުރަނީ، އަހަރެން މިތަނުގައި ހުންނަން ޖެހެންވީ ސަބަބެއް ނުވިސްނުނު" އެވަގުތު ގުރޫޕު ހަދާލަފައި އަހަރުމެންނާ ދިމާލަށް ސުމާގެ ޢައިލާ މީހުން އަންނަތަން ފެނުނެވެ. އެމީހުން ފެނުމުން އެތަނުން ދާން އަހަރެން ބޭނުންވި އެވެ. ނަމަވެސް މަންމަ އަހަރެންގެ އަތުގައި ހިފެހެއްޓީތީ މީހުންތަކުގެތެރޭ އެއަތްފޮޅުވާލާފައި ދާކަށް އަހަންނަކަށް ނުކެރުނެވެ. ސުމާގެ ޢާއިލާ މީހުން އަހަރެން އެތަނުގައި ހުއްޓެއްކަމަކު ފެންނަ ކަމަކަށް ނުހެދިއެވެ. "ބޮޑު ސުވާލު" ސިކުނޑީގައި އުފެދިގެން ދިޔައީ އެވަގުތު އެވެ. ސުމާއަށް ކަމެއްވީބާއޭ ހިތަށް އެރީ ދެނެވެ. އެކަމަކު އަންހެނުން ވިއްސާ ކޮޓަރި ކައިރީ ތިބެންވީ ސަބަބެއް ނުވިސްނުނެވެ.

ދުނިޔެ އަހަރެން ސިއްސުވާ މިލީ ދުވަހަކުވެސް މީހަކު ނުސިހޭނޭ ވަރަށެވެ. ވިއްސާ ކޮޓަރިން ނެރުނު ކުޑަކުއްޖާގެ ވަށައިގެން އެންމެން އުޅެގަތް އިރު އަހަރެންގެ މަންމަ ވެސް ދުރަކު ނުހުއްޓެވެ. ވާންވީ ގޮތެއް ނޭނގިފައި ދުރުގައި ހުއްޓުން އަރާފައި ހުރީ އަހަރެން އެކަންޏެވެ.

"ޒަހީން، ބަލާބަލަ ލޯބިކަން" މަންމަ އަހަންނަށް ގޮވާލާފައި އަތުގައި އޮތް ކުޑަކުއްޖާ ދައްކާލި އެވެ. ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލާ މަންމަގެ އަތުގައި އޮތް ތުއްތު ކުއްޖާއަށް އަހަރެން ބަލާލީމެވެ. ހީވީ ބިރުވެރި ހުވަފެނެއް ފެނުނު ހެންނެވެ. އެމޫނުން އަހަންނަށް ސުމާ ސިފަވިއިރު، ޚުދު އަހަރެންގެ ސިފަ ވެސް ފެނިގެން ދިޔައިމަ އެވެ. ހާސްވެ ނިތްކުރިން ދާތިކި ހިލެން ފެށި އެވެ. އެކުއްޖާގެ ގައިގާ އަތްލަން ބޭނުންނުވީ ލިބުނު ޝޮކުންނެވެ. ފަހަތަށް ޖެހެމުން އައިސް އެންމެނާ އެކަހެރިވެލީމެވެ.

"ޒަހީން، އެއީ ޒަހީންގެ ދަރިއެއް، މަންމައަށް އެނގޭ އެކަން ޒަހީނަށް ވެސް އެނގޭކަން" އަހަރެންގެ މަންމަ ފުރަގަހުން ބުރަކަށީގައި ފިރުމާލާފައި ވާހަކަ ދެއްކި އެވެ.

"އެކަމަކު ކިހިނެއް؟ ސުމާ..." އަހަންނަށް ވާހަކަ ދައްކަން ވެސް އުނދަގޫވި އެވެ.

"ސުމާ ބުނެގެންނެއް ނޫން މަންމަ ދަރިފުޅު މިތަނަށް ގެނައީ، މަންމަ ވެސް އަދި ސުމާގެ މަންމަ ވެސް ޤަބޫލު ކުރާ ގޮތުގައި ދަރިފުޅަށް މިކަން އަންގަންޖެހޭނެ، އެކަމަކު ލަސް ކުރެވުނީ ސުމާ އެގޮތް ބޭނުން ނުވާތީ، ދަރިފުޅު ސުމާ ވަރިކުރިއިރު ވެސް ސުމާ އިނީ ދަރިއަކަށް ބަލިވެ، އެހެންވެ އެކުއްޖާ ބަލި ގޮތަކަށް އުޅެނީ، ބަނޑަށް ހަތަރުމަސް ފުރުނުއިރު ވެސް ނޭނގި ހުރީ، ދަރިފުޅު ވެސް ސުމާއަށް އަޅާލަނީކީއެއް ނޫން" މަންމަގެ ވާހަކައިން އަހަރެންގެ ލޮލަށް އެތައް މަންޒަރެއް ސިފަވެގެން ދިޔަ އެވެ. އެހެންޏާ އަހަރެން ގެއަށް އަންނަންދެން ހޭލާ ހުންނަ ސުމާ ފަހަކަށް އައިސް އޮންނަނީ ނިދާފަ އެވެ. އޭގެ އިތުރުން ސުމާގެ މޫނަށް ބަލާލުމުން ވެސް ފޮއްސި ގޮތެއް ހުންނަކަން އަހަންނަށް ފާހަގަވި ނަމަވެސް އެކަމާ ސުވާލެއް ނުކުރީ އޭރު ސުމާއާ ވާހަކަ ދައްކަން ބޭނުން ނުވާތީ އެވެ. ހުރިހާ ކަމަކަށްވުރެ ވެސް ބޮޑު ކަމަކީ އޭނާ އެންމެފަހުން ސުމާއާ ގާތްވީ ކޮންމެހެން ރޭ ކުރުމުގެ ނިޔަތުގައި ނޫނަސް އެކަން އެހެން ހިނގައި ދިޔައީތީ އެވެ. ހުރިހާ ކަމަކަށް ވިސްނާއިރު ސުމާ ބަލިވެ އިނީ އަހަންނަށްކަން ޔަޤީން ކުރެވުނެވެ. އިތުރަށް ހާސްވީ ދެނެވެ. އަހަރެން ސުމާ ވަރިކުރީ ހީނާއާ އިންނާށެވެ. "އަނބި ޤަބޫލުކޮށްފީމޭ" ބުނަންޖެހޭ ވަގުތު ކުޑަތަންވަމުން އައިއިރު އަހަރެންގެ ދިރިއުޅުމަށް މިއައި ބަދަލަކީ ޒަލްޒަލާއަކަށްވުރެ ކުޑަ ބަދަލެއް ނޫނެވެ.

"ހީނާ، އަހަންނަށް ދަރިއަކު ލިބިއްޖެ" ވިސްނާ ވިސްނާ ހަނދާނެގޮތް ނޭނގުމުން އެންމެ ފަހުން އަހަރެން ހީނާ ގާތު އެވާހަކަ ބުނީމެވެ.

"ވަޓް! ޒަހީންގެ ވައިފްއަކީ ދަރިން ނުލިބޭ މީހެންނު، އަހަންނާ ނީންނަން ބަހަނާއެއް ދައްކަނީތަ، ނޫނީ ތީ ކުރާ ސަމާސާއެއްތަ، އެހެންވެއްޖެއްޔާ ތި ސަމާސާ ކުރުން ހުއްޓާލާ" ވަގުތުން މޫޑު ގޯސްވި ހީނާ ރުޅިގަދަ ވިއެވެ. އަހަރެން ކަންތައްވީގޮތް ހީނާއަށް އޮޅުން ފިލުވާ ދިނީމެވެ.

"ދެން އަހަންނަށްވާނީ ކިހިނެއް؟ ޒަހީން އަހަންނަށް އޮޅުވާލީ" ދެލޮލަށް ޖަމާވި ކަރުނައާއެކު ހީނާ ބުނެލި އެވެ. އަހަންނަށް ހީނާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އިހަށް ބޭނުންވީ ސުމާއާ ބައްދަލު ކުރާށެވެ. އެކަމަކު މިވަގުތު ސުމާ އޮންނާނެ ހާލު އަހަންނަށް ވިސްނެއެވެ. އަދި އަހަރެން ފެނުމުން އޭނާއަށް ވާނޭގޮތް ވެސް އެނގެއެވެ. ހަމައެއާއެކު އަހަރެންގެ ކުރިމަތީގައި އިނދެ ހީނާ ރޯ ތަން ދެކޭކަށް ވެސް ކެތެއް ނުވިއެވެ.

"އަހަރެން ނުބުނަމެންނު ހީނާއާ ނީންނާނަމެކޭ، ހީނާއަށް އެއްވެސް ކަމެއް އަހަރެން އޮޅުވާލާކަށް ބޭނުމެއް ނޫން، ޤަބޫލުކުރޭ، ކުރިން އެވާހަކަ ނުބުނެވުނީ އަހަންނަށް ވެސް އެކަން ނޭނގި އޮތީމަ، ދެން ނުރޮއެ" އަހަރެން ވާހަކަ ދެއްކިއެއް ކަމަކު އަހަންނަށް ދެއްކޭ ވާހަކަތަކަކީ ހަމަހޭގައި ހުރެ މީހަކު ދައްކަމުންދިޔަ ވާހަކަތަކެއްކަމާ މެދު ޚުދު އަހަންނަށް ވެސް ޝައްކެވެ. ގޮތްނިންމަން ނޭނގި ހުރެ ހީނާގެ ހިތްހަމަޖައްސައިދޭން އަހަންނަށް މަސައްކަތްކުރެވުނީ އެވެ.

ކައިވެނި ކުރެވުނެވެ. އަހަރެންގެ އަނތްބެއްގެ މަޤާމަށް ހީނާ އައީ އެވެ. އަހަރެން އެކަމާ ހިތްހަމަޖެހުނެވެ. ނަމަވެސް ސުމާ އާއި ދަރިފުޅާމެދު އަހަންނަށް ވިސްނާ ފިކުރުކުރެވޭލެއް ގިނައެވެ. މަންމައާ އޮތް ގުޅުން ރަނގަޅުވެގެން ދިޔައީ އަހަރެން ސުމާއާ މެދު ވިސްނާވަރު މަންމައަށް އެނގުނީމަ އެވެ. އަދި ސުމާ ދޫކޮށްލުމަކީ އަހަންނަށް ހެދުނު ގޯހެއްކަން މަންމަ ގާތު އެއްބަސްވީމަ އެވެ. ހަޤީޤަތުގައި އަހަންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެއީ އެވެ. ދެވަނަ އަނތްބެއްގެ މަޤާމުގައި ވެސް އިންނަން ތައްޔާރަށް ހުއްޓާ ސުމާ ވަރިކޮށްލެވުނީ އަހަންނަށް އެފަދަ މާތް ލޯތްބެއް ހައްޤު ނުވާތީ ކަމަށް ވެދާނެ އެވެ.
އަހަރެން ސުމާއާ ބައްދަލުކުރަން ދިޔައީމެވެ. މާފަށް އެދެން ބޭނުންވާތީ އެވެ. އޭނާގެ ކުރިމައްޗަށް އަހަރެން އެރުމުން ހުރީ ރުޅި މޫނު ހަދައިގެނެއް ނޫނެވެ. ނަމަވެސް އޭނާ އެޢާއިލާގެ ކަޅިއެޅުންތަކުން އަހަރެން ސަލާމަތް ކުރަމުން ގެނެސް އޭނާގެ ކޮޓަރިއަށް ވެއްދި އެވެ. އެތަނުގައި ހުރި ކުޑަ އެނދުގައި އަހަރެންގެ ދަރިފުޅު އޮތެވެ. ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅުނީ ކިހިނެއް ކަމެއް ނޭނގެ އެވެ. ދަރިފުޅު ނަގާ އަތުރުތެރެއަށް ލުމާއެކު އެތުއްތު މޫނުގައި ބޮސްދެވުނެވެ.

"ނަންކިޔައިފިން، ރަނާ ކީ، ޒަހީން ރަށުގައި ނެތީމަ ނުބުނީ" ސުމާގެ އަޑުގައި ހުރި ހިތްހެޔޮކަން އަހަރެންގެ ލޮލުން ކަރުނަ ހިލުވާލި އެވެ. ނަމަވެސް އޭނާއަށް ފުރަގަސް ދީގެން ހުރީތީ އަވަސް އަވަހަށް ދެލޯ ފޮހެލީ އެކަން ސުމާއަށް ނާންގަން ވެގެންނެވެ.

ކުޑަކުޑަ ރަނާ އަހަރެންގެ މުޅި ދިރިއުން ބަދަލު ކޮށްލައިފި އެވެ. އެންމެ އުފާވީ ސުމާ އެކަން ބަލައިގަތީމަ އެވެ. އޭނާއަށް އެ ދަރިފުޅު މުހިއްމުވި ގޮތަށް އެ ކުއްޖާއަކީ އަހަރެންގެ ދިރިއުޅުމުގައި ވެސް މުހިއްމު އެއްބައިކަމުގައި ވެއްޖެ އެވެ. އަހަންނާއި ހީނާ އިނދެގެން އުޅުނެއްކަމަކު ސުމާއާ އިންނަން އަހަރެން ބޭނުމެވެ. ރަނާއަށްޓަކަ އެވެ. މައިންބަފައިން ގާތުގައި ތިބެ ބޮޑުވާ ކުއްޖަކަށް ރަނާ ވާން އެދެވޭތީ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އަހަންނަށް ސުމާގެ ވާހަކަ ހީނާ ގާތު ދައްކާނެހާ ހިތްވަރެއް ނުލިބުނެވެ.

ކޮންމެ ހާލެއްގައި އަހަރެން އުޅެންޖެހުނެއްކަމަކު "ރަނާ" ދުލެއް ނުކޮށްލާނަމެވެ. ބައްޕައަކަށް ވުމުގެ ފޮނި އިޙްސާސް ކުރެވުނީ އެ ދަރިފުޅުގެ ފަރާތުން ކަމަށްވީމައެވެ. -- ނިމުނީ