ދުނިޔެ

އިސްލާމީ ގައުމުތައް – ދަ ގެމްބިއާ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ ހުޅަނގު އެފްރިކާގެ ފަގީރު ގައުމެއް ކަމުގައިވާ ދަ ގެމްބިއާ އާ ބެހޭ މައުލޫމާތެވެ.

ދަ ގެމްބިއާ

އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި އޮތް ދަ ގެމްބިއާއަށް 1965 ގައި އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނެވެ. އަދި 1970 ގައި ކޮމޮންވެލްތްގެ ތެރޭގައި ރިޕަބްލިކް އޮފް ދަ ގެމްބިއާގެ ގޮތުގައި ބައިވެރިވި އެވެ. 2013 ގައި ކުރީގެ ރައީސް ޖާމެއް މި ގައުމު ކޮމަންވެލްތްއިން ވަކިކުރި ނަމަވެސް، މިހާރުގެ ރައީސް ބެރޯ ވަނީ 2018 ގައި އަލުން ކޮމަންވެލްތާ ގުޅިފަ އެވެ.

ދަ ގެމްބިއާ ކޯރުގެ ނަން ދީފައިވާ މި ގައުމުގެ ހުޅަނގުގައި އެޓްލާންޓިކް ކަނޑު އޮންނައިރު، ސެނެގާލް އޮންނަނީ މި ގައުމު ގާތްގަނޑަކަށް ވަށާލާފަ އެވެ. ހިމަ ދިގުކޮށް އޮންނަ މި ގައުމަކީ އެފްރިކާގެ އެންމެ ކުޑަ ގައުމެވެ. އަދި އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ދަ ގެމްބިއާގެ އިގްތިސޯދު ބިނާވެފައި އޮންނަނީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ފަތުރުވެރިކަމަށެވެ. މިގޮތުން ބަދަނަކީ އެންމެ ގަދައަށް ހެދޭ އަދި އެކްސްޕޯޓްކުރާ އެއްޗެވެ. މީގެ އިތުރުން އަނބު ފަދަ ބައެއް މޭވާ އެކްސްޕޯޓްކުރެ އެވެ. އެހެން ތަރުކާރީ އާއި މެވާ މައިގަނޑު ގޮތެއްގައި ހެދެނީ ދަނޑުވެރިންގެ ބޭނުންތަކަށް ފުދޭވަރަށެވެ. ގިނަ ތަކެތި އެކްސްޕޯޓްކުރާ ގޮތަށް ނުހެއްދޭ ސަބަބަކީ މި ގައުމުގެ މޫސުމީ ބަދަލުތަކާއި ނަ ބާވަތުގެ ތަކެތި ހެއްދުމަށް ބިންގަނޑު ފައްކާވެފައި ނެތުމެވެ.

ކޮމޮޑިޓީ މާކެޓްގެ އަގުތަކަށް އަންނަ ކުއްލި ބަދަލުތަކާ ގުޅިގެން މި ގައުމުގެ ބައެއް އެކްސްޕޯޓްތައް ދަށަށް ގޮސް، ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ގެމްބިއާގެ ރައްޔިތުން ފޮނުވާ ފައިސާ އާއި ބޭރު ގައުމަތަކާއި ޖަމިއްޔާތަކުގެ ފަރާތުން ލިބޭ އެހީ އަށް ގައުމުގެ އިގްތިސާދު ބަރޯސާވެ އެވެ.

ވޯލްޑް ބޭންކުން ރިޕޯޓްކުރާ ގޮތުގައި އުމްރާނީ ވަސީލަތްތައް މަދު ގެމްބިއާގައި އިންފްލޭޝަން އިންތިހާއަށް މައްޗަށް ގޮސް، ފައިސާގެ އަގު ވެއްޓި، ފަގީރުންގެ އިންސައްތަ ވަނީ މައްޗަށް ގޮސްފަ އެވެ.

މި ގައުމުގެ ގާތްގަނޑަކަށް 50 ޕަސަންޓް މީހުންނަށް ކަރަންޓު ނުލިބޭއިރު، ގިނަ މީހުންނަށް ސާފު ފެނަކީވެސް ލިބުން ދަތިއެއްޗެކެވެ. ކުރީގެ ދެ ހުދުމުހްތާރު ރައީސުންގެ ކޮރަޕްޝަނަކީވެސް މ ގައުމުގެ އިގްތިސޯދު ކުރިނާރާ އޮތް މައިގަނޑު އެއް ސަބަބެވެ.

ދަ ގެމްބިއާގެ އާބާދީގައި ހިމެނޭ 2.6 މިލިއަން މީހުންނަށް ބަލާއިރު ގާތްގަނޑަކަށް 96 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. މީގެ ތެރޭގައި މާލިކީ އަދި ސޫފީން ގިނަ އެވެ. މީގެ އިތުރުން ކްރިސްޓިއަނުންނާއި އެއް ޕަސެންޓްވަރުގެ ސަގާފީ އަދި ގަބީލާތަކުގެ ދީނަށް ތަބާވާ މީހުންވެސް އުޅެ އެވެ.

ގެމްބިއާގެ ރަސްމީ ބަހަކީ އިނގިރޭސި ބަސް ކަމުގައިވީ ނަމަވެސް، މަޑިންކާ، ވޮލޮފް، ފުލާ، ސެރާ، ސޮނިންކޭ، ކްރިއޯ، ޖޯލާ ފަދަ ބަހުގެ އިތުރުން ފަރަންސޭސި ބަހުން ވާހަކަ ދައްކާ މީހުން އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ދަ ގެމްބިއާގައި ވެރިކަން ކުރާ ރަށަކީ ބަންޖޫލްއެވެ. އެހެން ނަމަވެސް ސެރެކުންޑާ އާއި ބްރިކާމާ މާބޮޑުވެފައި، ދިރިއުޅޭ މީހުން ގިނަ އެވެ.

ބަންޖޫލްގައި ބަލާލަން ރަނގަޅު ތަންތަނުގެ ތެރޭގައި ރިޔާސީ ގަނޑުވަރު ކަމުގައިވާ ސްޓޭޓް ހައުސް، ނެޝަނަލް އެސެމްބްލީ، އާޗް 22، ނެޝަނަލް މިއުޒިއަމް، ބަންޖޫލް ގްރޭންޑް ކިންގް ފަހަދް މިސްކިތާއި އެހެން ބައެއް މިސްކިތްތަކާއި، އަލްބަޓް މާކެޓް ފަދަ ތަންތަނާއި ރީތި ގޮނޑުދޮށްތައް ހިމެނެ އެވެ.

އާސާރީ ތަންތަނުގެ ތެރޭގައި ވަސޫ ސްޓޯން ސާކަލް އާއި ޕޯޗުގީޒުންނާއި އިނގިރޭސީން އިސްތިއުމާރު ކުރި ޒަމާނުގައި ހަދާފައި ހުރި ތަންތަން ހިމެނެ އެވެ. މި ގޮތުން ކުންތާ ކިންތޭ އައިލެންޑް ފަދަ ތަންތަން ބަލާލުން ރަނގަޅެވެ.

ގިނަ ބާވަތުގެ ދޫނިތައް މި ގައުމުގައި ދިރިއުޅެ އަދި މޫސުމާ އެއްގޮތަށް ހިޖުރަކުރާތީ މިއީ ދޫނިސޫފާސޫފި ބަލާލަން ބޭނުންވާ މީހުން ގިނައިން ޒިޔާރަތްކުރާ ގައުމެކެވެ.

އަބޫކޯ ނޭޗާ ރިޒާވް، ރިވާ ގެމްބިއާ ނެޝަނަލް ޕާކް، ކިއަންގް ވެސްޓް ނެޝަނަލް ޕާކް، ބިޖިލޯ ފޮރެސްޓް ޕާކް އާއި، ކަޗިކަލީ ސެކްރެޑް ކްރޮކޮޑައިލް ޕޫލް ފަދަ ތަންތަނަކީ ދޫނިތަކާއި ރާމާމަކުނު އާއި އެކި ޖަނަވާރުތައް ބަލާލަން ޝައުގުވެރިވާ މީހުންނަށް ރަނގަޅު ތަންތަނެވެ.

މީގެ އިތުރުން ބަންޖޫލް އާއި ކަނޑުގެ އައްސޭރި ކައިރީގައިވާ ތަންޖީ ފަދަ ރަށްތަކުގައި ބްރުފުޓް ބީޗް، ސަންޔަންގް ބީޗް، މަސަކުޓޫ ކަލްޗާ ފޮރެސްޓް، ގެމްބިއާ ކޯރާއި އައްސޭރިގައިވާ ވިލެޖްތަކާއި ކުޅިތައް ވެސް ހިތްގައިމެވެ.

ސަގާފަތް

ގެމްބިއާ އަކީ ގިނަ ގަބީލާތަކެއްގެ ސަގާފަތްތަކާއި އިސްތިއުމާރު ކުރި ގައުމުތަކުގެ ސަގާފަތް ކޮންމެވެސް ވަރަކަށް މަސްހުނި ވެފައިވާ ގައުމެކެވެ. އެކި ސަރަހައްދުތަކުގައި ކޮށް އުޅޭ ސަގާފީ ކަންތައްތައް ތަފާތެވެ. ގެމްބިއާގެ އަންހެނުން ސަގާފީ ހެދުން ހެދުމަށް ގަސްގަހުގެ އެއްޗެހި ބޭނުންކޮށްގެން ފޮތި ޓައި ޑައި ހަދަ އެވެ. އަދި ޑައި ކުރުމަށް އެމީހުން ވަރަށް މޮޅެވެ. މިގޮތުން ފުލާ މީހުން އިންޑިގޯ ނޫކުލަ ވަރަށް ބޭނުންކުރެއެވެ. މިއީ ވަރަށް ހިތްހެޔޮ ބައެކެވެ.

މިމީހުން ޔޫރަޕް ޒާތުގެ ހެދުމާއި ސަގާފީ ހެދުން ލައެވެ. އަދި ވާހަކަ ކިޔައިދިނުމުގެ ސަގާފަތެއް ގެންގުޅެ އެވެ. މިއުޒިކާއި ސަގާފީ ނެށުން ފަދަ ކަންކަމުގައި ސެނެގާލް މީހުންނާ ވައްތަރު ގޮތެއް ހުރެ އެވެ. ގެމްބިއާގެ ރައްޔިތުން އެންމެ ޝައުގުވެރި ވަނީ ރެސްލިން އަށެވެ. މީގެ އިތުރުން ފުޓްބޯޅަ އާއި ބާސްކެޓް ބޯޅަ ކުޅެ އެވެ.

ކެއުންބުއިން

ދަ ގެމްބިއާ މީހުންގެ ކެއުމާއި ސެނެގާލް މީހުންގެ ކެއުމާ ވަރަށް ވައްތަރެވެ. އުތުރު އެފްރިކާ، ޔޫރަޕްގެ ރަހަ އާއި ގަބީލާތަކުގެ ކެއުމާއި އެއްވެފައިވެ އެވެ. ބަތާއި، ކަނޑު އަދި ކޯރުމަހާއި، ކުކުޅު، އޮއިސްޓާސް، ތަރުކާރީ، މޭވާއާއި ސްޓޫ، ޗީޒް، ޕޭސްޓްރީ، ޕާން، ބަދަން ފަދަ ކެއުން ހިމެނެ އެވެ. މިގޮތުން ބެނާޗިން، ޑޮމޯޑާ ޕީނަޓް ސްޓޫ، މާފޭ، އަފްރާ، އަކާރާ، ޗިކަން / ފިޝް ޔައްސާ، ޖޮލޮފް، ނިޔަމްބޭ ނިޔާމެ، އެބޭ، ފިޝް ކޭކް، ސުޕާ ކަންޖާ، ޗުވީ ކޮން، މްބަހަލް، ސުޕާކަންޖާ، ތަޕަލަޕަ ފަދަ ކެއުން ހިމެނެ އެވެ. އަދި ނާން އެމްބުރު އާއި ތިއަކްރީ އަކީ ފާހަގަކޮށްލެވޭ ދެ ޑެޒާޓް އެވެ. ބުއިންތަކުގެ ތެރޭގައި ސަޔާއި ބިސަޕް (ސައިމަލުގެ ސައި)، ކޮފީ އަދި ބައޯބާބް ޖޫސް ހިމެނެ އެވެ.

ވިސާ އާއި ދަތުރުކުރުން

ދަ ގެމްބިއާއަށް ކުރު މުއްދަތަށް ޒިޔާރަތްކުރުމަށް ދިވެހީން ވިސާ ނަގާކަށް ނުޖެހެއެވެ.