ޕޮލިޓިކްސް

މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގުމަކީ ކަންބޮޑުވުމެއް: ނާާޒިމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީގެ އަޑު ނެތި މަޖިލީސް ހިންގުމަކީ ކަންބޮޑުވުމެއް ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ 65 މެންބަރުން ތިއްބެވި އެމްޑީޕީއަށެވެ. ދެން މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިއްބެވީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނަށެވެ. އެ ކޯލިޝަންގެ ނުވަ މެންބަރުން ތިއްބަވަ އެވެ. މަދު މެންބަރުންތަކެއް ތިއްބެވި ނަމަވެސް އިއްޔެ އާއި މިއަދުގެ ޖަލްސާ އެ ކޯލިޝަނުން ބޮއިކޮޓް ކުރި އެވެ.

މިކަމާ ގުޅިގެން ފަސް މެންބަރުން ތިއްބަވާ ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.

މެންބަރު ނާޒިމް މިހެން ވިދާޅުވިއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހާޒިރީއަށް ބެލުމުން ޖޭޕީން ވެސް ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ. އެ ވަގުތު ތަޅުމުގައި ޖޭޕީގެ މެންބަރަކު ނެތަސް، ތަޅުމުގައި ވޯޓަށް އެހި ވަގުތު މެންބަރު ނާޒިމް ތަޅުމުގައި އިންނެވި އެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވެސް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން އެ ކަން ދޮގު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީން ނަޝީދުގެ އެ ވާހަކަފުޅު ކުށްވެރި ކުރާ ކަމަށެވެ.

އިއްޔެއާއި މިއަދުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ބޮއިކޮޓް ކޮށްފައި ވަނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވުމުން ކަމަށް ބުނެ އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން ރައީސް ނަޝީދު އިއްވި އެވެ. އެކަމަކު ޖަލްސާ ދޫކުރައްވަން ޝިޔާމް ދެކޮޅު ހެއްދެވި އެވެ. ތަޅުމުން ޝިޔާމް ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ. އެ ކަމުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުންނަށް ވެސް އަނިޔާވިއިރު ބޮޑަށް އަނިޔާވީ ޝިޔާމަށެވެ.

ޝިޔާމަށް އަނިޔާވުމުން އޭޑީކޭއިން ފަރުވާ ހޯއްދެވި އެވެ. ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދީފައިވާ ކަމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެ އެވެ. އިމްރާންގެ އެ ވާހަކައާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރައްވާފައިވެ އެވެ.