ރައްޔިތުންގެ މަޖިލިސް ހުއްޓުވީ ސަރުކާރުން އެމްޑީޕީގެ މެންބަރުންނަށް ނުފޫޒު ފޯރުވައި ނާޖާއިޒު ފައިދާތަކެއް ހޯދައިދީގެން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މި ތުހުމަތުތައްކޮށްފައިވަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނުނިމެނީސް މަޖިލިސް ހުއްޓިފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވީ މަޖިލިސް ހުއްޓުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަބަބުން ކަމަށާއި މަޖިލިސް ހިނގާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަނޭޅޭނެ ކަމަށާއި ދެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް އަންނާނެކަން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގައި މެންބަރެއްގެ ގޮތުން މަސައްކަތްކުރެއްވި ރައީސް ސޯލިހަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެނގިތިބެ ސަރުކާރުން ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ މެންބަރުން ސޮއިކުރީ އެ މެންބަރުންނަށް ބިރު ދެއްކުމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ވަކިވަކި މެންބަރުންނަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީ ސަރުކާރުން މަޖިލިސް ހުއްޓުވާފައިވާ ކަމަށެވެ. މަޖިލިސް ހުއްޓުވީ ޗާގޯސްގެ މައްސަލައިގައި އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވަނީ ރައީސް ސޯލިހް މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގައި ސަރުކާރުން "މަރުތަޅު" އެޅުވީ ގަސްތުގައި ކަމަށާއި މިއީ ތިން ބާރު ވަކިވެފައިވާ ދައުލަތެއް ނޫން ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މަޖިލިސް ހިސޯރުކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރުން ހިންގާނެ ބޮޑެތި ޖަރީމާތަކާއި ގާނޫނާ ހިލާފު ކަންތައްތައް މަޖިލީހުގައި ހާމަކޮށް އަޑުއުފުލުން ހުއްޓުވުމަށެވެ.