ލައިފްސްޓައިލް

އުމުރާ އެކަށީގެންވާ ވަރަށް ނިދާނަމަ ކިހާ އިރަކު ނިދަން ޖެހޭނެ؟

ރޭގަނޑު އަށް ގަޑިއިރު ނިދާލުމަކީ ބައެއް މީހުންނަށް ހުވަފެނަކުން ނޫނީ ނުފެންނަ ވަރުގެ ކަމެކެވެ. ސަބަބަކީ އެއީ އެހާ ފަސޭހަ ކަމަކަށް ނުވާތީ އެވެ. މިކަން ކުރެވޭނީ ވަރަށް ގަޑިން ގަޑިއަށް ނިދަން އޮށޯވެ ވަރަށް ގަޑިއަށް ހޭލާ މީހުންނަށް އެކަންޏެވެ. އަދި އޮށޯވެގެން ވެސް ކަމަކު ނުދެ އެވެ. އޮށޯންނައިރަށް ނިދެން ވެސް ޖެހެ އެވެ.

އޮށޯތަސް އެތައް އިރަކު ފުރޮޅި ފުރޮޅީ ނުނިދިފައި އޮންނަން ޖެހިއްޖެނަމަ ނިދި ހަމަ ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
އެކި މީހުންނަށް ނިދި ބޭނުންވާ މިންވަރު ވެސް ތަފާތެވެ. އެއް ބަޔަކު ހަތަރު ފަސް ގަޑިއިރު ނިދާލައިގެން ނިދި ހަމަވެ ހަމަޖެހިލައިގެން އުޅެލަ އެވެ. އަނެއް ބަޔަކަށް އަށް ގަޑިއިރު ނިދިޔަސް ނިދި މަދުވެ އެވެ.

ނިދާ ގަޑިތަކަކީ އިންސާނާގެ އުމުރާ ގުޅޭ ގޮތަށް ބަދަލު ގެންނަން ޖެހޭ އެއްޗެކެވެ. އަލަށް އުފަންވާ ކުދިން ދުވާލަކު މަދުވެގެން 17 ވަރަކަށް ގަޑިއިރު ނިދަން ޖެހެ އެވެ. ހަތަރު މަހާއި 11 މަހާ ދެމެދުގެ ކުރިން 12 ނުވަތަ 15 ގަޑިއިރު ނިދަން ޖެހޭނެ އެވެ.

އެއް އަހަރާއި ދެ އަހަރާ ދެމެދުގެ އުމުރުގެ ކުރިން 11 ގަޑިއިރާއި 14 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދަން ޖެހޭނެ އެވެ. ޕްރީ ސްކޫލް އުމުރު (ތިން އަހަރާއި ފަސް އަހަރާ ދެމެދު)ގެ ކުދިން 10 ގަޑީއިރާއި 13 ގަޑިއިރާ ދެމެދުގެ މުއްދަތަށް ނިދި ބޭނުންވާނެ އެވެ.

އަދި އުމުރުން ހަ އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް ނުވަ ގަޑިއިރާއި 11 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދި ބޭނުން ވެއެވެ. އުމުރުން 14 އަހަރާއި 17 އަހަރުގެ ޓީންއޭޖް ފުރައިގެ ކުދިންނަށް އަށް ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވާއިރު 18 އަހަރުން ފެށިގެން 64 އަހަރާ ދެމެދުގެ ބޮޑެތި މީހުންނަށް ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދި ބޭނުންވެ އެވެ. އުމުރުން 65 އަހަރުން މަތީގެ މީޙުންނަށް ހަތް ގަޑިއިރާއި އަށް ގަޑިއިރުގެ ނިދި ބޭނުންވެ އެވެ.

މިހާވަރަށް ރޭގަނޑު ނުނިދޭނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ދުވާލު ގަޑީގައި ނިދައިގެން ނިދި ހަމަކުރަން ޖެހޭ ހެއްޔެވެ؟

ދުވާލު ކުޑަކޮށް ނިދާލުމަކީ އެނާޖީ އިތުރުވެ ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު އިތުރުވާނެ އެވެ. ނަމަވެސް ނިދީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދުވާލު ގަޑީގައި އެހާ ގިނައިރު ނިދުން ރަނގަޅެއް ނޫނެވެ.

ތަޖުރިބާކާރުން އިރުޝާދު ދެއްވަނީ ދުވާލު ގަޑީގައި 30 މިނިޓަށް ވުރެ ގިނަ އިރު ނުނިދުމަށެވެ. އެހެން ނޫނީ ރޭގަނޑުގެ ނިންޖަށް ބުރޫއަރާނެ ކަމަށެވެ. އަދި ހަވީރު 3:00ގެ ފަހުން ނުނިދުމަށްވެސް އިރުޝާދު ދެއްވަ އެވެ. އެއަށް ވުރެ ލަހުން ނިދައިފިނަމަ ރޭގަނޑު އެހާ ފަސޭހައިން ނިދި ނައުން އެކަށީގެންވާތީ އެވެ.

އެންމެ ރަނގަޅު ގޮތަކީ ނިދަން ވަކި ގަޑިއެއް ކަނޑައަޅައި އެ ގަޑިއަކަށް ނިދަން އޮށޯތުމެވެ. ކުރީބައިގައި ނިދާ ކޮޓަރީގެ ބޮކި ފަނޑުކޮށް ނިދަން ހަށިގަނޑު ތައްޔާރު ކުރުމެވެ. ނިދާ ގަޑި ކައިރި ވުމުން ޓީވީ އާއި ފޯނު ފަދަ އެއްޗެތި ބެލުމާ ދުރުހެލިވުމެވެ.

ނިދާ ގަޑިއާ މާ ކައިރިކޮށްފައި މާ ގިނައިން ކެއުމަކީ ވެސް ނިދަން އުނދަގޫވާނެ ކަމެކެވެ. ރޭގަނޑުގެ ކެއުން ކާން އެންމެ ރަނގަޅު ގަޑިއަކީ އިރުއޮއްސި 6:00 އާއި 6:30 އާ ދެމެދެވެ. އޭރުން ނިދުމުގެ ކުރިން ހުރިހާ ކާއެއްޗެތި ހަޖަމު ކުރުމަށް ފުރުސަތު ލިބޭނެ އެވެ.

ކޮޓަރީގައި ނިދާ ބޮޑި ދިއްލާފައި ބަހައްޓާށެވެ. އޭރުން ނިދި އައުމަށް އެހީވެދޭ މެލަޓޯނިން އުފައްދަން ފަށާނެ އެވެ.